02 ޑިސެމްބަރ 2017 - 19:01

އިސްލާމްއާބާދު (ޑިސެމްބަރު 2) - ޕާކިސްތާނުގައި ޑިމޮކްރެސީ ތަކުރާރުކޮށް މަރަމުންދާ ކަމަށް އެ ގައުމުގެ ބޮޑު ވަޒީރުކަމުން ދުރުކުރި ނަވާޒް ޝަރީފް ވިދާޅުވެއްޖެ އެވެ.
ވޭތުވެދިޔަ 70 ވަރަކަށް އަހަރު ޕާކިސްތާނުގައި ހިނގާދިޔަ ކަންކަމަށް އިޝާރާތް ކުރައްވާ ނަވާޒް ޝަރީފް ވިދާޅުވީ ބޮޑު ވަޒީރުން މަގާމުން ދުރުކޮށް، ބައެއް ވަޒީރުން ދަންޖައްސާ، ހައްޔަރުކޮށް އަދި ބައެއް ބޮޑު ވަޒީރުން ގައުމުން ބޭރަށް ފޮނުވާލާފައިވާ ކަމަށެވެ.
ޕާކިސްތާން މުސްލިމް ލީގު-ނަވާޒް (ޕީއެމްއެލް-އެން) ގެ މެންބަރުންނާ ބައްދަލު ކުރައްވާ ނަވާޒް ޝަރީފް ވިދާޅުވީ ތަހުޒީބް ގައުމުތަކުގައި ޑިމޮކްރެސީ ހަރުދަނާ ކުރަން މަސައްކަތް ކުރާ އިރު ޕާކިސްތާނުން ދަނީ ޑިމޮކްރެސީ މަރަމުން ކަމަށެވެ.
ޕާކިސްތާނުގެ ކުރީގެ ޖެނެރަލް ޕަރްވޭޒް މުޝައްރަފް 1999 ވަނަ އަހަރު ގެނައި އަޝްކަރީ ބަޣާވާތެއްގައި ބޮޑު ވަޒީރުކަމުން ނަވާޒް ޝަރީފް ދުރުކޮށް އެންމެ ފަހުން އޭނާ ވަނީ ސައުދީ އަރަބިއާ އަށް ފޮނުވާލައިފަ އެވެ. އޭގެ ފަހުން ޕެނަމާ ޕޭޕާސް އިން ލީކުކުރި މައުލޫމާތުގައި ނަވާޒް ޝަރީފުގެ އާއިލާގެ މައްޗަށް ކުރި ކޮރަޕްޝަނުގެ ތުހުމަތާ ގުޅިގެން ބޮޑު ވަޒީރުކަމުގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ ޖުލައި މަހު ނިންމުމާ ގުޅިގެން ނަވާޒް ޝަރީފުގެ މަގާމު ވަނީ ގެއްލިފަ އެވެ.
ނަވާޒް ޝަރީފާއި އޭނާގެ އާއިލާގެ މެންބަރުންގެ މައްޗަށް ތުހުމަތުކޮށްފައިވާ ކޮރަޕްޝަނުގެ މައްސަލަތައް މިހާރު ދަނީ ނޭޝަނަލް އެކައުންޓެބިލިޓީ ބިއުރޯ އިން ބަލަމުންނެވެ.