03 ޑިސެމްބަރ 2017 - 06:32

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި މީގެ ކުރިން ދުވަހަކުވެސް ނުކުރާ ކަމެއް ބުރާސްފަތި ދުވަހު ވަނީ ކޮށްފަ އެވެ. އެއީ ފިލްމަކަށް ހާއްސަވި ދުވަހެކެވެ.
"ޕަދްމާވަތީ"ގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ ގެންގޮސް ސުވާލުކޮށް ފިލްމަށް ދިމާވެގެން އުޅޭ މައްސަލަތައް ވަނީ ސާފުކޮށްފަ އެވެ. އަދި ތާރީޚީ ހާދިސާތަކެއް އޮޅުވާލީ ކީއްވެތޯ ވެސް ބާންސާލީއާ ސުވާލު ކުރި އެވެ.
ދިއްލީގައި ބޭއްވި ޕާލަމެންޓްގެ ސްޓޭންޑިން ކޮމެޑީ އޮން އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީގެ 30 މެމްބަރުންގެ ޕެނަލްގެ ހެޑަކަށް އިންނެވީ ބީޖޭޕީގެ މެންބަރު އަނުރާގް ތާކޫރެވެ.
މި ޕެނަލުން ބާންސާލީއާ ކުރިމަތިކުރުވި ސުވާލުތަކުގެ ތެރޭގައި ސެންސަރު ބޯޑަށް ނޮވެމްބަރު 11 ގައި ފިލްމު ހުށަހެޅި އިރު ފިލްމު ރިލީޒްކުރާ ތާރީޚަކީ ޑިސެމްބަރު 1 ކަމަށް ނިންމީ ކީއްވެތޯ ހިމެނެ އެވެ. ސެންސަރު ބޯޑު ގަވާއިދު ބުނާ ގޮތުން ފިލްމު ރިލީޒްކުރުމުގެ 68 ދުވަސް ކުރިން ސެންސަރު ބޯޑަށް ހުށަހަޅަން ޖެހެ އެވެ. އެކަން އޭނާއަށް ނޭނގޭތޯ ސުވާލުކުރި އެވެ.
ކުރިމަތިކުރި ގިނަ ސުވާލުތަކަށް ލިޔުމުން ޖަވާބެއް ދޭން ބާންސާލީއަށް ދެ ހަފުތާގެ މުއްދަތެއް ވަނީ ދީފަ އެވެ.
އިންޑިއާ ޓުޑޭ އާ ވާހަކަ ދައްކަވަމުން މެންބަރު އަނުރާގް ތާކޫރް ވިދާޅުވީ އެ ބޭފުޅުން ބާންސާލީ ގެންގޮސް އޮޅުންފިލުވީ ފިލްމާ ދޭތެރޭ މިހާ ބޮޑު ރުޅިވެރިކަމެއް ގިނަ ބައެއްގެ ހިތުގައި އުފެދިގެން އުޅޭ ސަބަބުތަކާ ބެހޭ ގޮތުން ކަމަށެވެ. ފިލްމު ރިލީޒްކުރުމުގެ މާ ކުރިއްސުރެ ބައެއް ސްޓޭޓްތަކުގައި ފިލްމު ދެއްކުން މަނާކުރި ސަބަބަކާއި ބައެއް ހިންދޫން ފިލްމާ ދޭތެރޭ މާ ބޮޑަށް ޖަޒުބާތީ ވެގެން އުޅޭނީ ކީއްވެތޯ ވެސް އޮޅުން ފިލުވި ކަމަށް އޭނާ ވިދާޅުވި އެވެ.
ގާތްގަނޑަކަށް ދެ ގަޑިއިރާއި ބަޔަށް ދެމިގެން ދިޔަ މި ބައްދަލުވުމުގައި ޕާލަމެންޓް މެމްބަރުން ކައިރީގައި ބާންސާލީ ބުނި ކަމަށް ވަނީ "ޕަދްމާވަތީ"އަކީ ތާރީޚީ ވާހަކައެއްގެ މައްޗަށް ކުޅެފައިވާ ފިލްމެއް ނޫން ކަމަށެވެ. އެ ފިލްމަކީ ހަމައެކަނި މާލިކް މުހައްމަދު ޖަޔަސީ ކިޔާ ކުރީ ޒަމާނުގެ ޝާއިރަކު އުފެއްދި ތާރީޚީ ޅެމެއްގެ މައްޗަށް ތައްޔާރު ކޮށްފައިވާ ފިލްމެއް ކަމަށާއި އެހެންކަމުން ތާރީޚުގެ އެއްވެސް ހާދިސާއަކާ މި ފިލްމާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބާންސާލީ ބުނި ކަމަށް ވެ އެވެ. ނަމަވެސް ފިލްމު ސެންސަރު ބޯޑުން ފާސްކޮށްދިނުމުގެ ކުރިން ނޫސްވެރިންތަކަކަށް ދެއްކީ ކީއްވެތޯ ބައެއް މެންބަރުން ކުރި ސުވާލަކަށް ބާންސާލީއަށް ޖަވާބެއް ނުދެވުނެވެ.
ބާންސާލީއާ ބައްދަލުކުރުމުގެ ކުރިން ސެންސަރު ބޯޑުގެ ޗީފް ޕްރަސޫން ޖޯޝީ އާއި އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓްރީގެ އޮފިޝަލުން ވެސް ޕާލަމެންޓް ޕެނަލަށް ގެންގޮސް ބައްދަލުވުމެއް ވަނީ ބާއްވާފަ އެވެ.
މި ބައްދަލުވުމުގައި ޕާލަމެންޓްގެ ބައެއް މެމްބަރުން ވަނީ ފިލްމު މަނާ ކުރުމަށް ޕްރަސޫން ޖޯޝީ ކިބައިން އެދިފަ އެވެ. ނަމަވެސް އިދިކޮޅު ކޮންގްރެސް ޕާޓީގެ މެމްބަރު ވަނީ އެކަމާ ދެކޮޅު ހައްދަވައިފަ އެވެ. އޭނާ ވިދާޅުވީ ސެންސަރު ބޯޑުން ގޮތެއް ނިންމަން ދޫކޮށްލަން ފެންނަ ކަމަށެވެ.
ޕްރަސޫން ބުނި ގޮތުގައި ތަޖުރިބާކާރުންގެ ޕެނަލެއް އެކުލަވާލައިގެން ފިލްމާ ތާރީޚީ ހާދިސާތަކާ ހުރި ގުޅުމާއި ފިލްމުގައި ހުރި ތާރީޚާ ފުށު އަރާ ކަންތައްތައް ބަލަން ހަމަޖެހިފައިވާ ކަމަށެވެ.
ނަމަވެސް މި މައްސަލައިގެ ތެރެއަށް މަޖިލީހުން ވަން ސަބަބަކާ މެދު އިންޑިއާގެ ގިނަ ނޫސްތަކުން ސުވާލު އުފައްދަ އެވެ. ފިލްމާ މެދު ގޮތެއް ނިންމުމުގެ ބާރު ލިބިފައިވަނީ ހަމައެކަނި ސެންސަރު ބޯޑަށް ކަމަށް ސުޕްރީމް ކޯޓުން ވެސް ވަނީ ނިންމާފަ އެވެ. އެހެންކަމުން މަޖިލީހުން މި ދޭތެރެއަށް ވަނުމުން ސެންސަރު ބޯޑުގެ ބަސް ވެސް ނުވިކޭ ހިސާބަށް ހިނގައިދާނެ ކަމަށް ބައެއް މީހުން ދެކެ އެވެ.