އެފްބީއައި އަށް އިތުރުފުޅު ހެއްދެވި ކަމަށް ޓްރަމްޕުގެ ކުރީގެ އެޑްވައިޒަރު އެއްބަސްވެވަޑައިގެންފި
އެފްބީއައި އަށް އިތުރުފުޅު ހެއްދެވި ކަމަށް ޓްރަމްޕުގެ ކުރީގެ އެޑްވައިޒަރު އެއްބަސްވެވަޑައިގެންފި

ވޮޝިންޓަން (ޑިސެމްބަރު 2) - އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް ވަޑައިގަތުމުގެ ކުރިން ރަޝިޔާގެ ސަފީރާ އެކު ބޭއްވި ބައްދަލުވުމާ ބެހޭ ގޮތުން އެފްބީއައި އަށް އިތުރުފުޅު ހެއްދެވި ކަމަށް ޓްރަމްޕުގެ ކުރީގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މައިކަލް ފްލައިން އެއްބަސްވެވަޑައިގެންފި އެވެ.

ފްލައިންގެ މައްސަލަ ވެސް ބަލަމުން ދަނީ އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރަޝިޔާ އިން ނުފޫޒު ފޯރުވި މައްސަލަ ތަހުގީގުކުރާ ސްޕެޝަލް ކައުންސެލާ ރޮބަޓް މުލާ އެވެ. ފްލައިން ވަނީ މުލާގެ ތަހުގީގަށް އެއްބާރުލުން ދޭ ކަމަށް ވިދާޅުވެފަ އެވެ.

އިންތިޚާބަށް ރަޝިޔާގެ ނުފޫޒު ފޯރުވި މައްސަލާގައި އެންމެންގެ ލޯތައް މިހާރު ހުއްޓިފައި ވަނީ ޓްރަމްޕުގެ ދަނބިދަރިކަލުން ޖާރެޑް ކުޝްނާއަށެވެ. ރަޝިޔާގެ އޮފިޝަލުންނާ ބައްދަލު ކުރައްވާފައިވާތީ އޭނާއާ މިހާރު ދަނީ ސުވާލު ކުރަމުންނެވެ.

އެފްބީއައިގެ ތަހުގީގުގައި އިތުރުފުޅު ހެއްދެވި ކަމަށް ކޯޓުގައި ފްލައިން އެއްބަސްވެވަޑައިގެންނެވި ނަމަވެސް ހަ މަސް ދުވަހަށް ވުރެ ދިގު ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެ ކަމަކަށް ތަޖްރިބާކާރުން ލަފައެއް ނުކުރެ އެވެ.

އެމެރިކާގެ އާދައިގެ ފަރުދުން ޑިޕްލޮމެޓިކް މަސައްކަތް ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ. ޓްރަމްޕަށް ވެރިކަން ލިބިވަޑައިގަތުމުގެ ކުރިން ފްލައިން އަކީ ސަރުކާރުގެ އިސް މަގާމެއްގައި ހުންނެވީ ބޭފުޅެއް ނޫނެވެ.

އެމެރިކާ ސިފައިންގެ ޚިދުމަތުން 2014 ވަނަ އަހަރު ރިޓަޔާކުރެއްވި ލެފްޓިނެންޓް ޖެނެރަލް ފްލައިންގެ އިއުތިރާފާ ގުޅިގެން ވައިޓްހައުސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެއީ ފްލައިން ފިޔަވައި އިތުރު މީހަކާ ގުޅިފައިވާ މައްސަލައެއް ނޫން ކަމަށެވެ.

ރަޝިޔާގެ ސަފީރު ސާގީ ކިސްލިޔަކްއާ އެކު ބޭއްވި ބައްދަލުވުމާ ބެހޭ މައުލޫމާތު ވައިޓް ހައުސް އަށް ވެސް އޮޅުވާލި މައްސަލާގައި އެފްބީއައި އިން ސުވާލިކުރިތާ މަހެއް ފަހުން ފްލައިން ވަނީ، ފެބްރުއަރީ މަހު އިސްތިއުފާ ދެއްވައިފަ އެވެ.