03 ޑިސެމްބަރ 2017 - 06:33

ސަލްމާން ޚާންގެ "ޓައިގާ ޒިންދާ ހޭ"ގެ ބަތަލާ ކެޓުރީނާ ކައިފަށް އޭނާ ވަރަށް ބޮޑަށް ތައުރީފުކޮށްފި އެވެ. ސަލްމާން ދެކޭ ގޮތުގައި ޕްރިޔަންކާ ޗޯޕްރާ އާއި ދީޕިކާ ޕަދުކޯން އަށް ވުރެ ވެސް ކެޓުރީނާ މާ މޮޅެވެ. ކެޓުރީނާ އަށް ކުރި ހޯދުނީ އޭނާގެ ބުރަ މަސައްކަތުން ކަމަށް ވެސް ސަލްމާން ބުންޏެވެ.

ވޯގް އިންޑިއާގެ ޑިސެމްބަރު 2017 ގެ އަދަދަށް ދީފައިވާ އިންޓަވިއުއެއްގައި ސަލްމާން ބުނި ގޮތުގައި ކެޓުރީނާ އަށް އޭނާއަށް ކުރެވޭނެ ކަންތަކާއި ނުކުރެވޭނެ ކަންތައް އެނގެ އެވެ. އަދި ނުކުރެވޭނެ ކަންތައްތައް ކުރަން ވަރަށް ހިތްވަރާ އެކު މަސައްކަތް ކުރެ އެވެ.
"ފިލްމު އިންޑަސްޓްރީއަށް ވަން އިރު ކެޓުރީނާ އަކަށް ނަށާކަށް ނޭނގޭ. މިއަދު އޭނާއަކީ އިންޑަސްޓްރީގައި ހުރި އެންމެ މޮޅު އެއް ނެށުންތެރިޔާ. ޕްރިޔަންކާ އާއި ދީޕިކާ އަކީ މޮޅު ނެށުންތެރިންގެ ގޮތުގައި އަބަދުވެސް ބެލެވެމުން ދިޔައީ. އަހަންނަށް ހީވަނީ މިހާރު އެ މީހުން ވެސް ބަލިކޮށްލައި ކެޓުރީނާ ކުރި ހޯދައިފިހެން،" ސަލްމާން ބުންޏެވެ.
"ޓައިގާ ޒިންދާ ހޭ" އަކީ މީގެ ފަސް އަހަރު ކުރިން ކެޓުރީނާއާ އެކު ސަލްމާން ކުޅުނު "އޭކް ތާ ޓައިގާ"ގެ ސީކުއަލް އެކެވެ. ސަލްމާން ބުނި ގޮތުގައި އޭނާ އާއި ކެޓުރީނާގެ ފިލްމުތައް ކާމިޔާބުވީ ކޮންމެހެން އެމީހުން މޮޅުވުމަކުން ނުވަތަ ރީތި ވުމަކުން ނޫނެވެ. އެއީ ނަސީބު ދިމާކުރި ގޮތް ކަމަށް ބުންޏެވެ.
ސަލްމާން ބުނި ގޮތުގައި އަމިއްލަ ގޮތުން ވެސް ކެޓުރީނާ ދޭ އިރުޝާދުތައް އޭނާ އަޑުއަހަ އެވެ. ނަމަވެސް ފިލްމަކާ ބެހޭ ގޮތުން ކެޓުރީނާ އިރުޝާދެއް ދީފި ނަމަ ނުވަތަ ފިލްމެއް ބަލަން ކެޓުރީނާއާ އެކު ގޮސްފި ނަމަ އެ ފިލްމެއް ވަނީ ބޮޑު ފްލޮޕަކަށެވެ.
ކެޓުރީނާއާ ފުރަތަމަ ފަހަރަށް ސަލްމާން ބައްދަލުވިއިރު ކެޓުރީނާ އަށް 18 އަހަރު ވެސް ނުފުރެ އެވެ. އެ ތަޖުރިބާ ހިއްސާ ކުރަމުން ސަލްމާން ބުނީ އެއީ ކުޑަކުޑަ ގެޓް ޓުގެދާއެއް ކަމަށެވެ. ކެޓުރީނާ އެ ގެއަށް ދިޔައީ އެ ޕާޓީއަށް ކަމަށާއި ފުރަތަމަ ދުވަހު ވެސް ކެޓުރީނާ އަކީ ވަރަށް ރަނގަޅު ކުއްޖެއް ކަމަށް ހީވި ކަމަށް ސަލްމާން ބުންޏެވެ.
"އޭނާ އަހަރެންގެ ކޮއްކޮ އާއި އޭނާގެ ހުރިހާ އެކުވެރިންނާ ރައްޓެހި. އެކަމަކު އަހަންނަކާ ރައްޓެއްސެއް ނޫން. އޭނާއަކަށް އަހަންނެއް ނޭނގޭ،" ކެޓުރީނާ އާ ފުރަތަމަ ބައްދަލުވި ދުވަހުގެ ހަނދާން އާ ކުރަމުން ސަލްމާން ބުންޏެވެ.
ކެޓުރީނާ އާއި ސަލްމާން ވަނީ ހަގީގީ ލޯބިވެރިންގެ ގޮތުގައި ވެސް ގިނަ ދުވަސް ތަކެއް ހޭދަކޮށްފަ އެވެ. ސަލްމާން ކައިރިން ކެޓުރީނާ ރުޅިވީ ރަންބީރު އާ ބައްދަލުވެ އޭނާގެ ލޯބީގެ ދަލުގައި ޖެހިގެން ކަމަށް އެ ދުވަސްވަރު ނޫސް މަޖައްލާތަކުން ބުނެފައިވެ އެވެ.