"ޔޭ ހޭ މުހައްބަތޭން" ގައި ދިވްޔަންކާ މަރުވަނީ؟
"ޔޭ ހޭ މުހައްބަތޭން" ގައި ދިވްޔަންކާ މަރުވަނީ؟

ސްޓާ ޕްލަސްގެ މަޝްހޫރު ސިލްސިލާ "ޔޭ ހޭ މުހައްބަތޭން"ގެ އެންމެ މުހިއްމު އެއް ކެރެކްޓާ ކަމަށްވާ އިޝީތާ "މަރާލަން" ޝޯގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރު ގަސްތުކޮށްފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ. އެއާ އެކު އިޝީތާގެ ރޯލު އަދާކުރާ ދިވްޔަންކާ ޓްރިޕާތީ މި ޝޯއަށް އަލްވަދާއު ކިޔަން އުޅޭ ކަމުގެ ޚަބަރުތައް ވެސް ވަނީ ފެތުރިފަ އެވެ. މި ޚަބަރާ އެކު ދިވްޔަންކާގެ ފޭނުން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހި ނުރުހުން ފާޅުކުރަން ފަށައިފަ އެވެ.

ދިވްޔަންކާ ވަނީ މި ވާހަކަ އަކީ ތެދެއްކަން ޔަގީންކޮށްފައި ކަމަށް ވެ އެވެ.

"އަހަރެން ޝޯގައި މަރުވާތަން ވަރަށް އަވަހަށް ފެންނާނެ. މިހާރު ޝޯގައި ދައްކާ ޓްރެކް އަކީ ވަރަށް ރީތި މޮޅު ޓްރެކެއް،" މިޑް ޑޭ އަށް ދިން އިންޓަވިއުއެއްގައި ދިވްޔަންކާ ބުނެފައިވެ އެވެ.

މި ޝޯގައި އިޝީތާ ބައްލާގެ ރޯލު ދިވްޔަންކާ ކުޅެފައިވަނީ ވަރަށް މޮޅަށެވެ. މި ޝޯގެ ފުރާނައަކީ އިޝީތާ ކަމަށް ބުނުމީ ވެސް ދޮގަކަށް ނުވާނެ އެވެ. އެހެންކަމުން ކުއްލިއަކަށް ދިވްޔަންކާގެ ބަދަލުގައި އެހެން ބަތަލާއަކު ހޯދުމުގެ ބަދަލުގައި އިޝީތާ މަރާލަން ޕްރޮޑިއުސަރުން ގަސްތުކުރީ ކީއްވެތޯ މީހުން ސުވާލުކުރެ އެވެ.

މިޑް ޑޭގައި ބުނެފައި ވަނީ "ޔޭ ހޭ މުހައްބަތޭން" ގެ ސިފަ މުޅިން އާ ކޮށްލަން އެކްތާ ގަސްތުކުރާ ކަމަށެވެ. އަދި މުޅިން އާ މޫނުތަކެއް ޝޯގައި ބައިވެރިކުރަން ހޯދަމުން އަންނަ ކަމަށެވެ.

ޝޯގައި އިޝީތާ މަރުވަނީ އޭނާގެ ދަރިފުޅު ޕީހޫ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ކަމަށްވެ އެވެ.

ނަމަވެސް ދިވްޔަންކާ ޝޯ އާ ވަކިވާ ވާހަކަ އެ ޝޯގެ ބަތަލު ކަރަން ޕަޓޭލް އަށް އެނގޭ ކަމަކަށް ނުވެ އެވެ. އޭނާ ބުނީ އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށެވެ.

ޒޫމްގައި ބުނާ ގޮތުގައި އިޝީތާގެ ކެރެކްޓާ މަރުވިޔަސް ދިވްޔަންކާ ޝޯ އަކަށް ވައްކެއް ނުވާނެ އެވެ. އޭނާއާ ސިފައެއްގައި އާ ކެރެކްޓާއަކާ އެކު ޝޯ އަށް އެނބުރި އަންނާނެ އެވެ. ކިތަންމެ އާ މޫނުތަކެއް ޝޯ އަށް ތައާރަފްކުރި ނަމަވެސް ދިވްޔަންކާ ކަހަަލަ އެތައް މިލިއަން ފޭނުންނެއް ތިބި ބަތަލާއަކު ޝޯއިން ވަކިކޮށްލަން އެކްތާ އަށް ނުކެރޭނެ ކަމަށް ވެސް ގިނަ ބަޔަކު ބުނެ އެވެ.

ނަމަވެސް އިޝީތާގެ ކެރެކްޓާ މަރުވުމަށް ފަހު ދިވްޔަންކާ ޝޯ އަށް އެނބުރި ނާންނާނެ ކަމަށް ގަބޫލުކުރާ ބަޔަކު ވެސް އެބައުޅެ އެވެ. އެފަދަ މީހުން ބުނަނީ ދިވްޔަންކާ ބަނޑުބޮޑު ކަމަށާއި އޭނާ ޝޯ ދޫކޮށްލަނީ އެހެންވެ ކަމަށެވެ.