ފިލްމު އިންޑަސްޓްރީ މިހާރު ވައްތަރީ ތަރުކާރީ މާރުކޭޓަކާ: ދަރުމެންދުރަ
ފިލްމު އިންޑަސްޓްރީ މިހާރު ވައްތަރީ ތަރުކާރީ މާރުކޭޓަކާ: ދަރުމެންދުރަ

މިހާރު ފިލްމު އިންޑަސްޓްރީއެކޭ ތަރުކާރީ މާރުކޭޓެކޭ އެއްގޮތް ކަމަށް ބުނެ، ކުރީގެ މަަޝްހޫރު ބަތަލު ދަރުމެންދުރަ ފާޑު ކިޔައިފި އެވެ.

އޭނާ ބުނި ގޮތުގައި މިހާރުގެ އެކްޓަރުން ފައިސާ ދީފި ނަމަ ކޮންމެ ކަމެއް ކުރަން ވެސް ތިބެނީ ތައްޔާރަށެވެ.

އާޖް ތަކް އެޖެންޑާ ކިޔާ ޓީވީ ޕްރޮގްރާމެއްގައި ދަރުމެންދުރަ ވަނީ ފިލްމު އިންޑަސްޓްރީއާ ގުޅޭ ގޮތުން ވަރަށް ދިގުކޮށް ވާހަަކަ ދައްކައިފަ އެވެ. އަދި 1960 އިން ފެށިގެން އޭނާގެ ކެރިއަރަށް ދިމާވި ކަންތައްތައް ވެސް ވަނީ ހިއްސާކޮށްފަ އެވެ.

ދަރުމެންދުރަ، 82، ބުނި ގޮތުގައި މިހާރު ފިލްމީ ދުނިޔެ ވަނީ އޭނާ ފިލްމު ކުޅެން ފެށި ދުވަސްވަރާ އަޅާ ބަލާއިރު ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. މިހާރު އެ އިންޑަސްޓްރީ ތަރުކާރީ ބާޒާރެއްގެ ގޮތުގައި ސިފަކުރަމުން ބުނީ އެކަކަށް ވުރެ އަނެކަކު އަގުހެޔޮކޮށް ވިއްކަން މަސައްކަތް ކުރުން ނޫން ކަމެއް ނެތް ކަމަށެވެ. މިހާރު ކޮންމެ މީހަކަށް ވެސް އެންމެ މުހިންމީ ފައިސާ ކަމަށާއި އޭނާގެ ރަން ޒަމާނުގައި އެކަން އޮތީ އެހެން ނޫން ކަމަށް ވެސް ދަރުމެންދުރަ ބުންޏެވެ.

ދަރުމެންދުރަ ވަނީ އޭނާގެ ދިގު ކެރިއަރުގައި 300 އަށް ވުރެ ގިނަ ފިލްމު ކުޅެފަ އެވެ. އޭގެ ތެރޭގައި "ޕޫލް އައުރު ޕައްތަރު"، "ޝޯލޭ"، "ޔާދޯން ކީ ބާރާތު"، "މޭރާ ގާއޯން މޭރާ ދޭޝް" އަދި "ޗުޕްކޭ ޗުޕްކޭ" ފަދަ މޮޅު ފިލްމުތައް ހިމެނެ އެވެ.

ފިލްމު އިންޑަސްޓްރީގައި އެންމެ ކުރިއްސުރެ މަޝްހޫރު އެތައް އެކްޓަރުންނަކާ އެކު ދަރުމެންދުރަ ވަނީ މަސައްކަތް ކޮށްފަ އެވެ. އޭގެ ތެރޭގައި ނޫތަން، މީނާ ކުމާރީ، ދޭވް އާނަންދު، ހެމާ މާލިނީ، އަމީތާބު ބައްޗަން، ސަންޖީވް ކުމާރު، އަމްޖަދު ޚާން، ޖީތެންދުރަ، ޖާޔާ ބައްޗަން، ޝަރުމީލާ ޓޭގޯ، އޯމް ޕްރަކާޝް އަދި ރާކީ ހިމެނެ އެވެ.

ގިނަ ފިލްމުތަކެއް ކުޅެފައި ވިޔަސް ދަރުމެންދުރަ އަށް އޭނާގެ މުޅި ކެރިއަރުގައި ވެސް ލިބިފައިވަނީ ވަރަށް މަދު އެވޯޑެކެވެ. އެއީ ބެސްޓް ނިއު ޓެލެންޓްގެ ނަމުގައި ކެރިއަރު ފެށުނު ހިސާބުގައި ފިލްމުފެއާއިން ދިން އެވޯޑަކާއި ދާދިފަހުން ލިބިފައިވާ ލައިފްޓައިމް އެޗީވްމަންޓް އެވޯޑެވެ.