02 ޑިސެމްބަރ 2017 - 15:02

ރިޔާޒް (ޑިސެމްބަރު 2) - ޔަމަނުގެ ހޫތީން ސައުދީ އަށް އަމާޒުކޮށް ދޭން އުޅުނު މިސައިލް ހަމަލާއެއް އަނެއްކާވެސް ހުއްޓުވާފައިވާ ކަމަށް ރިޔާޒުން ބުނެފި އެވެ.
ސައުދީ ވައިގެ ސިފައިންގެ ތަރުޖަމާން ކާނަލް ތުރްކީ އަލް މާލިކީ ވިދާޅުވީ ހޫތީން މި ފަހަރު މިސައިލް ފޮނުވާލާފައި ވަނީ ސައުދީގެ ޚާމިސް މުޝައިތު ސިޓީ އަށް ކަމަށެވެ. ނަމަވެސް އެ މިސައިލް އަމާޒަށް ވާސިލްވުމުގެ ކުރިން ސައުދީގެ ވައިގެ ސިފައިން ވަނީ އެ މިސައިލް ގޮއްވާލާފައިވާ ކަމަށް މާލިކީ ވިދާޅުވި އެވެ. ނަމަވެސް ހޫތީން ކުރިން ބުނެފައި ވަނީ އެ މީހުން ފޮނުވާލި މިސައިލް ސައުދީ ސިފައިންގެ އަސްކަރީ މަރުކަޒަކަށް އަރާފައިވާ ކަމަށެވެ.
މިއީ މަސް ދުވަސް ތެރޭ ހޫތީން ސައުދީ އަށް މިސައިލް ހަމަލާ ދިން ދެ ވަނަ ފަހަރެވެ. ނޮވެމްބަރު 4 ވަނަ ދުވަހު ހޫތީން ވަނީ ސައުދީގެ ވެރިރަށް ރިޔާޒުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް މިސައިލް ހަމަލާއެއް ފޮނުވާލައިފަ އެވެ. އެ ހަމަލާ ވެސް އަމާޒަށް ވާސިލްވުމުގެ ކުރިން ސައުދީ ސިފައިން ވަނީ ގޮއްވާލައިފަ އެވެ. މި ދެ ހަމަލާގައި ވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
ނޮވެމްބަރު މަހު ދިން ހަމަލާ އަށް ފަހު ހޫތީންގެ ތަރުޖަމާނަކު ވަނީ އިތުރު މިސައިލް ހަމަލާތައް ދޭނެ ކަމަށް އިންޒާރުދީފަ އެވެ. ހޫތީންނަށް މިސައިލް ފޯރުކޮށްދެނީ އީރާނުން ކަމަށް ސައުދީން ތުހުމަތު ކުރެ އެވެ. އެކަމަކު އީރާނުން އެކަން ދޮގު ކުރެ އެވެ. ކާނަލް މާލިކީ ވިދާޅުވީ ހޫތީންގެ އަތް މައްޗަށް މިސައިލް ފަދަ ހަތިޔާރު އެރުމަކީ ބައިނަލްއަގުވާމީ ސުލްހަ އަށް ހުރި ނުރައްކަލެއް ކަމަށެވެ.