02 ޑިސެމްބަރ 2017 - 14:42

ދަ ހޭގު (ޑިސެމްބަރު 2) - ބޮސްނިއާ ހަނގުރާމައިގެ މުޖްރިމް ސްލޮބްޑާން ޕްރަލްޖަކް ކޯޓުގައި ބޮއެފައި ވަނީ ވަރަށް ބާރުގަދަ ވިހައެއް ކަމަށްވާ ޕޮޓެސިއަމް ސައިނައިޑް ކަމަށް ޕޯސްޓް މޯޓެމަ ނަތީޖާ އިން ދައްކައިފި އެވެ.
"ސައިނައިޑް ބޭނުން ކުރުމާ އެކު ހިތުގެ ހިނގުން ހުއްޓުމަކަށް ދިޔަ،" ޕޯސްޓް މޯޓެމް ރިޕޯޓާ ހަވާލަދީ ހޮލެންޑުގެ ޕްރޮސެކިއުޓަރުން ބުނެފައިވެ އެވެ.
ޕްރަލްޖަކްގެ މައްޗަށް އިއްވާފައިވާ 20 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފުން ސަލާމަތް ނުވާނެކަން އެނގުމާ އެކު އޭނާގެ ޖީބުން ކުޑަ ފުޅިއެއް ނަގާ އޭގައި ހުރި އެއްޗެއް ވަނީ ބޯލައިފަ އެވެ. އަދި އޭނާ އެ ބުއީ ޒަހަރު ކަމަށް ކޯޓުގައި ވަނީ ބުނެފަ އެވެ. ފަނޑިޔާރު ވަނީ ވަގުތުން ޝަރީއަތް މެދުކަނޑާލައިފަ އެވެ. އުމުރުން 72 އަހަރުގެ ޕްރަލްޖަކް މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.
ހޮލެންޑުގެ ޕްރޮސެކިއުޓަރުން މިހާރު ވަނީ ސަލާމަތީ ގޮތުން ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ކޯޓްރޫމަށް ޒަހަރު ވެއްދި ގޮތް ތަހުގީގު ކުރަން ފަށައިފަ އެވެ. ބޮސްނިއާ ހަނގުރާމައިގެ މުޖްރިއެއް ކަމަށްވާ ރަޑޮވާން ކަރަޒިޗުގެ ވަކީލް ޕީޓާ ރޮބިންސަން ބުނީ ގައިދީންނަށް ޒިޔާރަތް ކުރާ އިރު ވެސް ދެ ފަހަރަށް ސެކިއުރިޓީ ޗެކް ކުރާ ކަމަށާއި ފެންފުޅިއެއްހާ ހިސާބު ވެސް ނުގެންދެވޭ ކަމަށެވެ. އެހެންވެ ކޯޓަށް ޒަހަރު ވެއްދި ގޮތާ މެދު ހައިރާންވާ ކަމަށް އޭނާ ބުންޏެވެ.
ޕްރަލްޖަކަކީ ބޮސްނިއާ ހަނގުރާމައިގެ ކުށްވެރިންގެ ތެރޭން ޝަރީއަތުގެ މަރުހަލާގައި އަމިއްލަ އަށް މަރުވި ފުރަތަމަ މީހާއެއް ނޫނެވެ. ބޮސްނިއާ ހަނގުރާމައިގެ މުޖްރިމެއް ކަމަށްވާ ސްލަވްކޯ ޑޮކްމަނޮވިޗް ވަނީ 1998 ވަނަ އަހަރު ޖަލުގައި ދަންޖެހިގެން މަރުވެފަ އެވެ. އަދި ކްރޮއޭޝިއާގެ އެހެން މުޖްރިމެއް ކަމަށްވާ މިލާން ބަބިޗް ވަނީ 2006 ވަނަ އަހަރު ޖަލުގައި އަމިއްލަ އަށް މަރުވެފަ އެވެ.
ޕްރަލްޖަކު އަކީ ބޮސްނިއާ- ކްރޮއޭޝިއާގެ ޑިފެންސް ފޯސްގެ ކުރީގެ ކޮމާންޑަރެވެ. އޭނާގެ މައްޗަށް 2013 ވަނަ އަހަރު ޖަލު ހުކުމް އިއްވީ 1992-95 އަށް ކުރި ބޮސްނިއާ ހަނގުރާމައިގައި ހިންގާފައިވާ ޖަރީމާތަކާ ގުޅިގެންނެވެ.