ނިވައިރޯޅީގައި ފެންނާނީ މުޅިން ތަފާތުކޮށް: ނިއުމާ
ނިވައިރޯޅީގައި ފެންނާނީ މުޅިން ތަފާތުކޮށް: ނިއުމާ

މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމް "ނިވައިރޯޅި" ގެ މަސައްކަތް ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި އަންނަ މަހުގެ ތެރޭގައި ފިލްމްގެ ޝޫޓިން ރަސްމީކޮށް ފަށާނެ ކަމަށް ނިއުމާ ބުނެފި އެވެ.

ނިވައިރޯޅީގައި ފެންނާނީ މުޅިން ތަފާތުކޮށް: ނިއުމާ
ނިވައިރޯޅީގައި ފެންނާނީ މުޅިން ތަފާތުކޮށް: ނިއުމާ

މި ފިލްމަކީ ނިއުމާ އަމިއްލަ އަށް ޕްރޮޑިއުސްކޮށް، މޫމިން ފުއާދު ލިޔެ ޑައިރެކްޓް ކުރާ ފިލްމެކެވެ. ނިއުމާ ބުނީ "ނިވައިރޯޅި" ގެ ޝޫޓިން ފަށަން ތާވަލްކޮށްފައި އޮތީ އަންނަ މަހުގެ 25 ގައި ކަމަށެވެ.

ފިލްމަކީ ކޮން ކަހަލަ ފިލްމެއްތޯ އެހުމުން އޭގެ ތަފުސީލަކަށް ނުގޮސް ކުޅަދާނަ ބަތަލާ ބުނީ "ނިވައިރޯޅި" އަކީ ހުރިހާ ރަހަތަކެއް އެކުލެވޭ "ކޮކްޓެއިލް" ފިލްމެއް ކަމަށެވެ.

"އެއީ މި ވަގުތަށް ބުނެވެން އޮތް ވަރަކީ. ޔަގީނުން ވެސް މިއީ ބެލުންތެރިންނަށް މީގެ ކުރިން އަހަރެން ސްކްރީން ފެނިގެން ނުދާ ކަހަލަ ކެރެކްޓާއަކުން ފެނިގެން ދާނެ، ވަރަށް ރީތި ފުރިހަމަ ފިލްމަކަށް ވެގެން ދާނެ،" ނިއުމާ ބުންޏެވެ. "ފިލްމްގެ އިންޑޯ މަންޒަރުތައް ފުރަތަމަ ނަގަން ރާވާފައި މިއޮތީ. އެގޮތުން ލަންކާ ނޫނީ ރާއްޖޭގެ ރަށެއްގައި ފިލްމްގެ ހުރިހާ އިންޑޯ ނަގަން ވިސްނާފައި މިއޮތީ. އެކަމަކު އަދި މުޅިން ވަކި ގޮތެއް ޑިސައިޑެއް ނުކުރެވޭ. އިންޑޯ ޝޫޓިންތަކަށް ދިހަ ވަރަކަށް ދުވަސް ނަގާނެ. ފިލްމްގެ ހުރިހާ އައުޓްޑޯއެއް ޝޫޓް ކުރާނީ މާލޭގައި."

އޭނާ ބުނީ މިއީ ފިލްމީ ކެރިއަރު ނިންމައިލާ ފިލްމަށްވާތީ، ފިލްމް ވަރަށް ފުރިހަމަކޮށް ބެލުންތެރިންނާ ހަމައަށް ގެނެސް ދޭން ބޭނުންވާ ކަމަށެވެ. އަދި ޑައިރެކްޓަރަކަށް މޫމިންގެ ހޮވި މައިގަނޑު ސަބަބަކީ ވެސް އެއީ ކަމަށް ބުންޏެވެ. މޫމިންއަކީ އެވޯޑް ހޯދާފައިވާ "ލޫދިފާ" އާއި "ހެޕީ ބާތުޑޭ" ފަދަ ފިލްމްތަކުގެ ޑައިރެކްޓަރެވެ.

"މި ފިލްމަށް ވަރަށް ޑެޑިކޭޓްވާނަން. އަނެއްކޮޅުން މޫމިންއާ އެކު މަސައްކަތްކޮށްލެވޭނެ މަގުފަހީމަ ވަރަށް ހިތްހަމަޖެހި އަދި އެހާ އުފަލުން މިހިރީ،" އަދި ރިލީޒް ނުވެ އޮތް އެންތޮލޮޖީ ފިލްމް "ހަތަރު ހަޅަ" ގައި ހިމެނޭ މޫމިންގެ ސެގްމަންޓް "ބައިވެރިޔާ" ގެ ބަތަލާ ބުންޏެވެ. "މޫމިންއަކީ ވަރަށް މޮޅު ހުނަރުވެރި ޑައިރެކްޓަރެއް. ނިވައިރޯޅިއަކީ އަހަރެންގެ ފަހު ފިލްމް ވެސް ވީމައާ އެކު ބޭނުންވީ ހަމަ މޫމިންއާ އެކު މަސައްކަތް ކުރަން. މޫމިންގެ ހުނަރާ މެދު އެއްވެސް މީހަކު މިހާރަކު ސުވާލެއް ނުއުފައްދާނެ."

ނިއުމާ ބުނީ ފިލްމްގެ ލީޑް ރޯލުން އޭނާއާ އެކު ބަތަލައެއްގެ ގޮތުގައި އާ މީހަކު ފެނުމުގެ ފުރުސަތު ވެސް ބޮޑު ކަމަށެވެ.

"ތިން މީހަކާ މިހާރު ވެސް ވާހަކަ ދެކެވިފައި އޮތީ. އެހެންވީމާ ވަރަށް ބޮޑަށް އުންމީދު ކުރެވޭ އާ ލީޑިން އެކްޓަރަކު ފެންނާނެ ކަމަށް،" އޭނާ ބުންޏެވެ. "އަހަރެން ވަރަށް ބޭނުން މީގެ ގިނަ ރޯލްތައް އާ މީހުން ލައްވައި ކުޅުވަން ވެސް."

"ނިވައިރޯޅި" އަންނަ އަހަރު ސިނަމާ އަށް ގެންނަން ނިންމާފައި އޮތަސް އަދި ވަކި ތާރީހެއް ނުނިންމަ އެވެ. އެކަމަކު ނިއުމާ ބުނީ ފުރަތަމަ ވިސްނުން ހުރީ އޭނާގެ އުފަން ދުވަސް ކަމަށްވާ އޮކްޓޯބަރު 21 ގައި ފިލްމް އަޅުވަން ކަމަށެވެ.

"އެކަމަކު އަންނަ އަހަރުގެ އެ ދުވަސްވަރަށް ބަލާ އިރު އެއީ ރިޔާސީ އިންތިހާބުގެ ފޯރިގަނޑު އެންމެ ގަދަވާނެ ދުވަސްވަރު. އެހެންވެ އަދި ޑިސައިޑެއް ނުކުރަން އެހާ ތަނުގައި ފިލްމް ރިލީޒް ކުރާނީތޯ ނުވަތަ ނޫންތޯއެއް،" އޭނާ ބުންޏެވެ. "ޔަގީނުން ވެސް އަންނަ އަހަރުގެ ތެރޭގައި ފިލްމް ބެލުންތެރިންނަށް ފެންނާނެ."