02 ޑިސެމްބަރ 2017 - 08:57

ބާސެލޯނާ (ޑިސެމްބަރު 2) - ބާސެލޯނާއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދިއްޖެ ކަމަށާއި އެ ޓީމު ދޫކޮށްލަންވީ ވަގުތު ކައިރިވެއްޖެކަމަށް ތަޖުރިބާކާރު ކުޅުންތެރިއާ ހަވިއޭ މަޝެރާނޯ ބުނެފި އެވެ.
އުމުރުން 33 އަހަރުގެ މަޝެރާނޯ މި ސީޒަނަށް ފަހު ބާސެލޯނާ އިން ނުފެނުމުގެ ފުރުސަތު ބޮޑެވެ. ބާސެލޯނާ އިން މަޝެރާނޯ ޑިފެންޑަރެއްގެ ގޮތުގައި ބޭނުންކުރަމުން އަންނައިރު، އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ހަވާލުވި ފަހުން މަޝެރާނޯ އަށް އެންމެ ރަނގަޅަށް ކުޅުމުގެ ފުރުސަތެއް ނުލިބެ އެވެ.
ރިޕޯޓްތައް ބުނާގޮތުގައި މަޝެރާނޯ ހޯދަން އޭނާގެ ކުރީގެ ކްލަބް ލިވަޕޫލުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މަޝެރާނޯ ބުނީ ލިވަޕޫލް ދޫކޮށްލިއިރު ހެދުނު ގޯސްތައް މި ފަހަރު ތަކުރާރުނުވާނެ ކަމަށެވެ.
"އަހަރެން ލިވަޕޫލް ދޫކޮށް ދާން ޖެހުނީ އެންމެ ރަނގަޅު ވަގުތަކު ރަނގަޅު ގޮތަކަށް ވެސް ނޫން. އެއީ ކޯޗާ (ރޯއީ ހޮޖްސަން)އާ ދެމެދު އުފެދުނު ދެބަސްވުމެއްގައި. އަހަރެން ލިވަޕޫލް ދޫކޮށްލި ހާލަތުގެ ސަބަބުން އެ ކްލަބަށް އަނބުރާދާން ފަސޭހައެއް ނޫން. އެ ފަދަ ކަމެއް ބާސެލޯނާގައި ތަކުރާރުވިޔަކަ ނުދޭނަން. ބާސެލޯނާ ދޫކޮށްލާނީ އެކަމަށް އެންމެ ރަނގަޅު ވަގުތުގައި،" އީއެސްޕީއެން އަށް ދިން އިންޓަވިއުއެއްގައި މަޝެރާނޯ ބުންޏެވެ.
މަޝެރާނޯ 2010 ވަނަ އަހަރު ބާސެލޯނާ އަށް ބަދަލުވި ފަހުން އޭނާ ވަނީ އެ ޓީމާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.
"އަހަރެންނަށް މި ކްލަބުން ފުޓްބޯޅަ ކުޅުންތެރިއަކަށް ލިބޭނެ ހުރިހާ އުފަލެއް ހޯދައިދީފި. އެންމެ މޮޅު ކުޅުންތެރިންނާ އެކު ކްލަބް ލެވެލްގައި ލިބޭނެ ހުރިހާ ޓްރޮފީއެއް ކަހަލަ ގޮތަކަށް ހޯދިއްޖެ. މި ކްލަބްގައި ހުރެގެން އަހަންނަށް ކުޅުމުގެ ފުރުސަތު ނުލިބޭނަމަ އުމުރުގެ މި ހިސާބުން އިތުރަށް ކުޅެވޭ ކަހަލަ ކްލަބަކަށް ބަދަލުވާނަން. އެކަމަކު ރަނގަޅު ވަގުތުގައި ރީތި އުސޫލުން އެކަން ކުރާނީ،" މަޝެރާނޯ ބުންޏެވެ.
ސްޕެނިޝް ލީގުގެ އާ ސީޒަނުގައި މިހާތަނަށް ބަލިނުވެ އޮތް ބާސެލޯނާ މި ވަގުތު އެއް ވަނައިގައި އޮތީ ހަތަރު ޕޮއިންޓުގެ ލީޑަކާ އެކު 13 މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގައި މިއަދު ކުޅޭ މެޗުގައި ބާސެލޯނާ އަމިއްލަ ދަނޑުގައި ނުކުންނާނީ ސެލްޓަ ވިގޯއާ ދެކޮޅަށެވެ. މެޗު އޮންނާނީ ރާއްޖެ ގަޑިން ހަވީރު 5 ޖަހާއިރު އެވެ.