ކާރިސާގެ ހާލަތަށް ހާއްސަ ފާޚާނާތައްޓެއް
ކާރިސާގެ ހާލަތަށް ހާއްސަ ފާޚާނާތައްޓެއް

ކާރިސާއެއްގެ ވަގުތުގައި އެންމެ އަވަހަށް ކަށަވަރުކުރަން ބޭނުންވަނީ ކާނާ އާއި ހިޔާވަހި ކަމެވެ. އެކަމަކު ރައްކާތެރިގޮތުގައި ފާޚާނާކުރެވޭނެ ގޮތަކާ މެދު ވެސް ނުވިސްނާ ދޫކޮށްލެވޭކަށް ނެތެވެ.

ނުރައްކަލުގެ ހާލަތަށް ތައްޔާރުވުމުގައި ޖަޕާނުން ދައްކަނީ ނަމޫނާއެކެވެ. އެގޮތުން 2011 ވަނަ އަހަރު ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާއި ސުނާމީއަށް ފަހު ޖަޕާން ވަނީ އެހެން ގައުމުތަކަށް ވުރެ އިތުރަށް ކުރިއަށް ޖެހިލާފައެވެ. ޖަޕާންގެ ކުންފުންޏެއް ކަމަށްވާ ނެންޑޯ އިން އުފެއްދި މި ފާޚާނާ ތައްޓަކީ ވެސް މިސާލެކެވެ.

މިނިމްލެޓްގެ ނަން ނަންދީފައިވާ މި ތަށީގައި ހިމެނެނީ ފާޚާނާކުރަން އިށީންނާނެ ސީޓަކާއި އެލުމިނިޔަމް ހަތަރު ހޮޅި އާއި ޓިޝޫ ޕެކެޓަކާއި ކުނިކޮތަޅާއި ލޭމަނާކުރާ ބޭހަކާއި ނައިލޯނު ފޮތީގެ ޓެންޓު ފޮތިގަނޑެކެވެ.

ނެންޑޯގެ ޑިޒައިނަރުން ވިސްނާފައިވަނީ އެލުމިނިޔަމް ހޮޅިތަކުގެ މައްޗަށް ފާޚާނާ ސީޓު އަރުވާފައި ތަށީގައި އިށީނދެ އިންނައިރު މުޅި ހަށިގަނޑުގައި ވިއްސާރަކޯޓެއްހެން ޓެންޓުފޮތިގަނޑު އަޅައި ނިވާވެގެން އިންނަ ގޮތަށެވެ. ނޫން ނަމަ ފެން ހުސްކުރި ޕްލާސްޓިކް ފުޅިތަކެއްގެ މައްޗަށް ފާޚާނާ ސީޓު އަރުވާފައި، ނައިލޯނު ހޮޅިތައް އެކަތި އަނެކައްޗާ ގުޅުވައިގެން ދިގު ދަނޑިއެއްހެން މައްޗަށް ނަގައި، އޭގެ މައްޗަށް ކުޑައެއް އެރުވުމަށް ފަހު އެކުޑައިގެ މަތިން ޓެންޓު ފޮތިގަނޑު އަޅުވާލެވޭ ގޮތަށް ވެސް މި ތަށި ބޭނުންކުރެވެއެވެ. މިގޮތަށް ތަށި ބޭނުންކުރާއިރު ޓެންޓު އޮންނާނީ ފާޚާނާގާއި އިންނަ މީހެއްގެ ނިވަލަކަށެވެ.

"މިނިމްލެޓް" ވިއްކަނީ އޭގައި ހިމެނޭ ތަކެތި އަޅަން އުފައްދާފައިވާ ދަބަހަކާއެކުއެވެ. މިއީ ލެޕްޓޮޕް ދަބަހެއް ގޮތަށް ކޮނޑުގައި އަޅުވާލެވޭހާ ފަސޭހަކޮށް އުފައްދާފައިވާ ދަބަހެކެވެ. މި ދަބަހުގައި ފެން ރައްކާކުރަން ބޭނުން ނަމަ އެކަންވެސް ކުރެވެއެވެ. ދަބަސް ހަދާފައިވާ ގޮތުން 16 ލިޓަރުގެ ފެން ދަބަހުގައި ރައްކާކުރެވެ އެވެ. އެއީ ދެފަހަރު މަތިން ފާޚާނާތަށްޓަށް ފެން އެޅުމަށް ބޭނުންކުރެވޭނެހާ ފެނެވެ.