08 ޖުލައި 2016 - 08:03

"ސްޓޫޑަންޓް އޮފް ދަ އިޔާ" އިން ބޮލީވުޑަށް ތައާރަފްވި އާލިއާ ބަޓް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ކާމިޔާބެއް ހޯދީ އޭނާގެ ހުނަރުންނާއި ކުޅެން ޚިޔާރު ކުރި ފިލްމުތައް ރަނގަޅު ވުމުންނެވެ. ފިލްމީ ގޭމް އާލިއާ އަށް ވަރަށް ރަނގަޅަށް އެނގޭކަން އޭނާ ވަނީ ސާބިތުކޮށްދީފަ އެވެ.
އިންޑިޔާގެ ނޫސްތަކުގައި ތަންކޮޅެއް ކުރިން ރިޕޯޓުކޮށްފައިވާ ގޮތުން އާލިއާ މިހާރު ރައްޓެހިވެގެން އުޅެނީ އޭނާއާ އެކު "ސްޓޫޑަންޓް އޮފް ދަ އިޔާ" އާއި "ކަޕޫރު އެންޑް ސަންސް"ގައި ލީޑް ރޯލު ކުޅުނު އެކްޓަރު ސިދާރްތު މަލްހޯތުރާއާ އެވެ.
ސިދާރްތު އާއި އާލިއާ އާ މައްސަލަ ޖެހިގެން އުޅޭ ވާހަކަޔާއި ދެ މީހުން ރުޅިވެއްޖެ ކަމުގެ ވާހަކަތަކެއް ވެސް ދާދިފަހުން އިންޑިއާގެ ބައެއް ނޫސްތަކުގައި ޖަހާފައި ވެއެވެ. މިކަމާ ގުޅޭ ގޮތުން އާލިއާ ބުނީ ނޫސްތަކުގައި އެފަދަ ވާހަކަތައް ލިޔާތީ އޭނާ ވަރަށް ހިތްހަމަނުޖެހޭ ކަމަށެވެ. ނަމަވެސް އެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތުމުން އެފަދަ ޚަބަރުތަކުން އޭނާއަށް އެއްވެސް އަސަރެއް ނުކުރާކަމަށް އާލިއާ ބުންޏެވެ.
ނަމަވެސް ޒާތީ ދިރިއުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކަން އާލިއާ ބޭނުމެއް ނޫނެވެ. އާލިއާ ބުނާ ގޮތުގައި ޒާތީ ވާހަކަތައް ކިޔައިދިނުމުން ލިބޭ ގެއްލުން މާ ބޮޑުވެ އެވެ. އެހެންވެ އެ ކަހަލަ ވާހަކަތައް ކިޔައިނުދެނީ އެވެ.
ކުޑަކޮށްވެސް އަމިއްލަ ދިރިއުޅުމާ ބެހޭ ވާހަކައެއް ކިޔައިދީފި ނަމަ ދެން އެކަމަކަށް ހުރިހާ ނޫސްވެރިން ފޯކަސްކޮށް އެކަމާ ވިއްދައިގެން ތަފާތު ޚަބަރުތައް ފަތުރަން ފެށުމުން އެމީހަކު ކުރާ މަސައްކަތުގެ ވާހަކައަށް ވުރެ ޒާތީ ދިރިއުޅުމުގެ ވާހަކަތަކަށް މާ ސަމާލުކަން ދެވެ އެވެ.
އެއީ ގަސްތުގައި ބަޔަކަ ކުރާ ކަމަކަށް ނުވިޔަސް ކަން ވަނީ އެހެން ކަމަށް އާލިއާ ބުންޏެވެ.
އޭނާ ބޮލީވުޑަށް ނުކުތީ ފިލްމީ މަސައްކަތް ކުރަން ކަމަށާއި އޭނާގެ އަމިއްލަ ދިރިއުޅުމުގައި މީހަކު ވާހަކައެއް ލިޔާވަރުގެ މުހިއްމު ކަންތައްތަކެއް ނުހިނގާ ކަމަށް ވެސް އާލިއާ ބުންޏެވެ. އާލިއާގެ އެންމެ ފަހު ފިލްމު "އުޅްތާ ޕަންޖާބު" ކާމިޔާބުވެ އަދި ފިލްމުގައި އޭނާ ކުޅެފައިވާ މޮޅު ރޯލަށް ގިނަ ބަޔަކު ތައުރީފުކޮށްފައި ވެއެވެ.