ޔުވެންޓަސް އަތުން ބަލިވެ ނަޕޯލީގެ ރެކޯޑް ނިމުމަކަށް
ޔުވެންޓަސް އަތުން ބަލިވެ ނަޕޯލީގެ ރެކޯޑް ނިމުމަކަށް

ނޭޕްލްސް، އިޓަލީ (ޑިސެމްބަރު 2) - އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުން ޔުވެންޓަސް އަތުން 1-0 އިން ބަލިވެ، އިޓަލިއަން ލީގުގެ އެއް ވަނައިގައި އޮތް ނަޕޯލީ ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް އަތުވެއްޖެ އެވެ.

ރޭގެ މެޗުން މޮޅުވެ ޔުވެންޓަސް ވަނީ ނަޕޯލީއާ އެއް ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެވެ. ނަޕޯލީ 15 މެޗުން 38 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު، ދެ ވަނައިގައި އޮތް ޔުވެންޓަސް އަށް ލިބިފައިވަނީ 15 މެޗުން 37 ޕޮއިންޓެވެ.

ތިން ވަނައިގައި އޮތް އިންޓަ އަށް 14 މެޗުން 36 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު މާދަމާރޭ ކުޅޭ މެޗުން އަމިއްލަ ދަނޑުގައި ކިއޭވޯ ބަލިކޮށްފިނަމަ ލީގުގެ އެއް ވަނަ އަށް އެ ޓީމު އަރާނެ އެވެ. ލީގުގައި ހަމައެކަނި ބަލިނުވެ އޮތް ޓީމަކީ އިންޓަ އެވެ.

ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 12 ވަނަ މިނިޓްގައި ޔުވެންޓަސް އަށް ކާމިޔާބު ކޮށްދިނީ ކުރިން ނަޕޯލީ އަށް ކުޅުނު ގޮންޒާލޯ ހިގައިން އެވެ. މިއީ އަތަށް ލިބުނު އަނިޔާއަކަށް ސާޖަރީއެއް ހެދިތާ މާ ގިނަ ދުވަސްތަކެއް ނުވެ ހިގައިން ކުޅުނު ފުރަތަމަ މެޗެވެ.

ނަޕޯލީ އަށް ރޭގެ މެޗުގައި ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އަނިޔާގެ ސަބަބުން އެ ޓީމަށް ކުޅޭ ޕޮލެންޑުގެ ފޯވާޑް އަކަންޑިއުޝް މިލިޗަށް އަނިޔާވެގެން ނުކުޅެވުމެވެ. ނަޕޯލީން ރޭގެ މެޗުގައި ފޮނުވާލި ގިނަ ހަމަލާތައް ތަޖުރިބާކާރު ކީޕަރު ޖިއަންލުއިޖީ ބުފޮން ވަނީ މަތަކޮށްފަ އެވެ.

ޔުވެންޓަސްގެ ކޯޗު މަސިމޯ އަލެގްރީ ބުނީ މި މެޗުން މޮޅުވި ނަމަވެސް އަދިވެސް ލީގުގެ ފޭވަރިޓަކީ އިންޓަ އާއި ނަޕޯލީ ކަމަށެވެ.

"އަހަރެމެން ޖެހިޖެހިގެން ހަތް ވަނަ ލީގު ތަށި ހޯދަން ބޭނުންމަ އަދި ކުރަން ހުރި މަސައްކަތް ވަރަށް ބައިވަރު. މިދިޔަ ތިން އަހަރު ވެސް އަހަރެމެންގެ ކާމިޔާބީ އަކީ ވާދަކުރި ކޮންމެ މުބާރާތެއްގެ އެންމެ ފަހު ވަގުތާ ޖެހެންދެން ކުރި ހިތްވަރު. އެކަމަކު މި ފަހަރު އެކަން ހާސިލްކުރަން ބޭނުންނަމަ މި ލާން ޖެހެނީ އާދަޔާ ހިލާފު ހިތްވަރެއް،" އަލެގްރީ ބުންޏެވެ.

ނަޕޯލީގެ ކޯޗު މައުރީޒިއޯ ސާރީ ވަނީ ރޭގެ މެޗުގައި ލަނޑު ޖެހި ހިގައިން އަށް ތައުރީފްކޮށް ވާހަކަ ދައްކައިފަ އެވެ. އަދި ބަލިވިޔަސް މިއީ މާޔޫސްވާން ޖެހޭނެ ނަތީޖާއެއްގެ ގޮތުގައި ނުދެކޭނެ ކަމަށް ބުންޏެވެ.