ކާރުގެ ދޮރު ހުޅުވަން އުޅޭކަން އަންގައިދޭ ބޮތްކެއް
ކާރުގެ ދޮރު ހުޅުވަން އުޅޭކަން އަންގައިދޭ ބޮތްކެއް

ކުރިމަތީގައި އޮންނަ ކާރުގެ ދޮރު ކުއްލިއަކަށް ހުޅުވާލަފާނެ ކަމުގެ ބިރު އޭގެ ފަހަތުން އަންނަ ވެހިކަލްތަކަށް އަބަދުވެސް އޮވެ އެވެ. ހެޔޮވަރު މިނެއްގައި ދުއްވާފައި ދަނިކޮށް ކުރިމަތީ އޮންނަ ކާރުގެ ދޮރު ހުޅުވާލައިފި ނަމަ ސަލާމާތްވާން ކުއްލިއަކަށް ބުރަކި ޖައްސައިފި ނަމަ ވެއްޓިދާނެއެވެ. ނޫނީ ކޮންޓްރޯލްނުވެ ދޮރުފަތުގައި ޖެހިދާނެއެވެ. މިކަމަށް އޮތް ހައްލަކީ ލައިފް ސްޓިކާ އެވެ.

ޓެކް ކުންފުންޏެއް ކަމަށްވާ ސެމްކޮންގެ އޮފީސްތަކުގެ މެދުގައި ބޭއްވި މުބާރާތަކުން ކާމިޔާބުހޯދި މި އުފެއްދުމަކީ އެކުންފުނީގެ ޝަންހާއި އޮފީހުގައި ވަޒީފާ އަދާކުރާ ޑުކާއީ ވޮންގްގެ އިޖާދެކެވެ. އޭނާގެ މި ޚިޔާލު، ސެމްކޮންގެ އިނޮވޭޝަން ލެބްސްގައި ތަރައްގީކުރުމަށް ފަހު މިހާރު އަންނަނީ މި ބޮކި އުފެއްދުމުގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދަމުންނެވެ.

ލައިފް ސްޓިކާ އަކީ ކާރުގެ އަރިމަތީ ލޯގަނޑުގައި ތަތްކޮށްލެވޭ ގޮތަށް ހަދާފައިވާ ކުޑަ ބޮތްކެކެވެ. މީގައި ހިމެނޭ އެކްސެލެރޮމީޓަރުން، ކާރު ހުއްޓިއްޖެކަން ދެނެގަނެއެވެ. އެހިސާބުން ދެން ބޮކި މަސައްކަތްކުރަނީ ބްލޫޓޫތުގެ އެހީގައެވެ. މި ބޮކި ތަތްކޮށްފައިވަނިކޮށް ފަހަތުން ވެހިކަލެއް އަރާ ހަމަކުރާ ނަމަ އެ ދުއްވަން އިންނަ މީހާގެ ސްމާޓްފޯނަށް އަޅާފައިވާ ލައިފް ސްޓިކަ އެޕް މެދުވެރިކޮށް ފޮނުވައިދޭ ސިގްނަލް، ބޮތްކަށް ލިބެއެވެ. ދެން ބޮކި ނިވިދިއްލަން ފަށައެވެ.

މި ސިގްނަލަކީ ކާރުގެ ދޮރުނުހުޅުވާ މަޑުކޮށްލަން ޑްރައިވަރަށް ލިބޭ އިޝާރާތެކެވެ. ލައިފް ސްޓިކާ އެޕްއާ ނުލައި ވެސް މީގެ ސްޓިކާ މަސައްކަތްކުރާ ގޮތް ހެދޭނެކަމަށް ބެލެވެއެވެ. އެކަމަކު އެއީ އަދި ފަހުގެ ކަމެކެވެ. މިވަގުތު ސެމްކޮން އިން މަސައްކަތްކުރަމުން އަންނަނީ އެ ކުންފުންޏާ ގުޅިގެން މީގެ ބޮކި އުފައްދާނެ ބަޔަކު ހޯދުމަށެވެ. ލަފާކުރެވޭ ގޮތުގައި މީގެ ބޮތްކެއް އުފެއްދުމުގެ އަގު ތިން ޑޮލަރަށް ވެސް ނާރާނެއެވެ.