01 ޑިސެމްބަރ 2017 - 21:43

މޮސްކޯ، ރަޝިއާ (ޑިސެމްބަރު 1) - އަންނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ޔޫރަޕްގެ އެންމެ ފަހުގެ ދެ ޗެމްޕިއަން ކަމަށްވާ ޕޯޗުގަލް އާއި ސްޕެއިން އެއް ގްރޫޕެއްގައި ލައްވާލައިފި އެވެ.
ގްރޫޕް ބީގައި ސްޕެއިނާއި ޕޯޗުގަލްގެ އިތުރުން ދެން ހިމެނެނީ 1998 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުން ޖާގަ ހޯދި މޮރޮކޯ އާއި އީރާން އެވެ. އެންމެ ފަހުގެ ޗެމްޕިއަން ޖާމަނީ އޮތީ މެކްސިކޯ އާއި އިޓަލީ ކަޓުވާލުމަށް ފަހު ވޯލްޑް ކަޕުން ޖާގަ ހޯދި ސްވިޑެންގެ އިތުރުން އޭޝިއާގެ ގަދަބާރު ދެކުނު ކޮރެއާއާ އެއް ގްރޫޕެއްގަ އެވެ.
ވޯލްޑް ކަޕަށް އެންމެ ފުރަތަމަ ކޮލިފައިވި އަދި މި މުބާރާތް ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ބްރެޒިލް އޮތީ ސްވިޒަލެންޑާއި ކޮސްޓަ ރިކާ އަދި ސާބިއާއާ އެކު ގްރޫޕް އީގަ އެވެ. ބްރެޒިލްގެ ކޯޗުކަމާ ޓީޓޭ ހަވާލުވި ފަހުން އެ ޓީމުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އަދި ބްރެޒިލްގެ މީޑިއާތަކުން ދެކޭ ގޮތުގައި އަންނަ އަހަރުގެ މުބާރާތުގެ ފޭވަރިޓަކީ އެ ޓީމެވެ.
އުނދަގޫ ފައްތަރެއްގައި އޮއްވައި ކޮލިފައިންގެ ފަހު މެޗުގައި ލިއޮނަލް މެސީގެ ހެޓްރިކުން ވޯލްޑް ކަޕުން ޖާގަ ހޯދި އާޖެންޓީނާ އޮތީ ނައިޖީރިއާ އާއި ކްރޮއޭޝިއާ އަދި އައިސްލެންޑާ އެކު ގްރޫޕް ޑީ ގަ އެވެ. ދާދި ފަހުން ކުޅުނު އެކުވެރިކަމުގެ މެޗަކުން ނައިޖީރިއާ އިން ވަނީ ފަހަތުން އަރައި ޖޯޖް ސަމްޕައޮލީގެ ކޯޗުކަމުގައި ކުޅެމުން އަންނަ އާޖެންޓީނާ ބަލިކޮށްފަ އެވެ.
ގަރެތު ސައުތުގޭޓްގެ ކޯޗުކަމުގައި އިންގްލެންޑް ވޯލްޑް ކަޕުގައި ވާދަކުރާނީ ވަރުގަދަ ބެލްޖިއަމާއި ޕެނަމާ އަދި 2006 ވަަނަ އަހަރަށް ފަހު ވޯލްޑް ކަޕުގައި ވާދަކުރާ ޓިއުނީޝިއާ އެވެ.
އިޓަލީގެ އިތުރުން މި ފަހަރުގެ ވޯލްޑް ކަޕުން ޖާގަ ނުލިބުނު ބޮޑު އަނެއް ޓީމަކީ ނެދަލެންޑްސް އެވެ. އަދި މަޝްހޫރު ކުޅުންތެރިންތަކެއް ހިމެނޭ ޗިލީ ވެސް މި ފަހަރުގެ މުބާރާތުން ނުފެންނާނެ އެވެ.
ގްރޫޕް އޭ: ރަޝިއާ، ސައުދީ އަރަބިއާ، މިސްރު، އުރުގުއޭ
ގްރޫޕް ބީ: ޕޯޗުގަލް، ސްޕެއިން، މޮރޮކޯ، އީރާން
ގްރޫޕް ސީ: ފްރާންސް، އޮސްޓްރޭލިއާ، ޕެރޫ، ޑެންމާކް
ގްރޫޕް ޑީ: އާޖެންޓީނާ، އައިސްލެންޑް، ކްރޮއޭޝިއާ، ނައިޖީރިއާ
ގްރޫޕް އީ: ބްރެޒިލް، ސްވިޒަލެންޑް، ކޮސްޓަ ރިކާ، ސާބިއާ
ގްރޫޕް އެފް: ޖާމަނީ، ސްވިޑަން، މެކްސިކޯ، ދެކުނު ކޮރެއާ
ގްރޫޕް ޖީ: ބެލްޖިއަމް، ޕެނަމާ، އިންގްލެންޑް، ޓިއުނީޝިއާ
ގްރޫޕް އެޗް: ޕޮލެންޑް، ސެނެގޯލް، ކޮލަމްބިއާ، ޖަޕާން
ވޯލްޑް ކަޕް ފުރަތަމަ މެޗުގައި އަންނަ އަހަރު ޖޫން މަހު 14 ވަނަ ދުވަހު، މުބާރާތް ބާއްވާ ގައުމު ރަޝިއާ ނުކުންނާނީ ސައުދީ އެރެބިއާއާ ދެކޮޅަށެވެ. ސައުދި އަރަބިއާ މި ފަހަރު ވޯލްޑް ކަޕުން ޖާގަ ހޯދީ 12 އަހަރަށް ފަހު އެވެ. އެ މެޗު އޮންނާނީ މޮސްކޯގެ ލުޒްނިކީ ސްޓޭޑިއަމްގަ އެވެ.
މުބާރާތުގެ ދެ ވަނަ ދުވަހު ތިން މެޗު އޮންނާނެ އެވެ. އެއީ ގްރޫޕް އޭގައި މިސްރާއި އުރުގުއޭ ކުޅޭ މެޗާއި ގްރޫޕް ބީގެ ދެ މެޗެވެ. އެއީ މޮރޮކޯ އާއި އީރާން ކުޅޭ މެޗާއި ސްޕެއިނާއި ޕޯޗުގަލް ބައްދަލުކުރާ މެޗެވެ.