އިންޑިއާ މީހެއްގެ ބަނޑުން 263 ފައިސާ ފޮއްޗާއި 100 މޮހޮރު
އިންޑިއާ މީހެއްގެ ބަނޑުން 263 ފައިސާ ފޮއްޗާއި 100 މޮހޮރު

ނިއު ދިއްލީ (ޑިސެމްބަރު 1) - ބަނޑުގައި ރިއްސާތީ ޑޮކްޓަރަށް ދައްކަން ދިޔަ އިންޑިއާ މީހެއްގެ ބަނޑުން 263 ފައިސާ ފޮއްޗާއި 100 މޮހޮރު ނަގައިފި އެވެ.

މަދިޔަ ޕްރަދޭޝްގެ އޮޓޯ ޑްރައިވަރެއް ކަމަށްވާ މަކްސޫދު ޚާން، 28، ގެ ބަނޑުން ނެގި ދަގަނޑުގެ ބާވަތްތަކުގެ ބަރުދަނުގައި 5.5 ކިލޯ ހުއްޓެވެ. ޑޮކްޓަރުން ފުރަތަމަ ހީކުރީ އޭނާގެ ބަނޑުގައި ރިއްސީ ކާނާ ވިހަވެގެން ކަމަށެވެ. އެކަމަކު ބަނޑުގައި ދަގަނޑު ހުރިކަން އެނގުނީ ޓެސްޓްތައް ހެދުމުންނެވެ.

"ވޭތުވެދިޔަ މަހެއްހާ ދުވަހު އޭނާ އުޅުނީ ބަނޑުގައި ރިއްސާތީ. ޓެސްޓްތަކަށް ފަހު އެނގުނީ އޭނާގެ ބަނޑުގައި އިންފެކްޝަނެއް ހުރި ކަމާ އަދި ލޭގެ ޕްރެޝަރު ވެސް ދަށްކަން،" ޚާންގެ ބަނޑުގެ އޮޕަރޭޝަން ކުރި ޑޮކްޓަރު ޕްރިޔަންކް ޝަރުމާ ބުންޏެވެ. "އެކަމަކު އެއަށް ވުރެ ސީރިއަސްކަން އެނގުނީ އެކްސް-ރޭ އާއި އަލްޓްރާ ސައުންޑް އަށް ފަހު."

ޚާންގެ އޮޕަރޭޝަން ކުރީ ނޮވެމްބަރު 24 ވަނަ ދުވަހު އެވެ. އޮޕަރޭޝަނަށް ތިން ގަޑިއިރު ހޭދަވި އެވެ.
ޝަރުމާ ބުނީ ޚާންގެ ބަނޑުގައި ފައިސާ ފޮއްޗާއި މޮހޮރުގެ އިތުރުން ރޭޒަރު ތިލަ އާއި ބޯލްޓާއި ޗެއިން ކޮޅެއް ވެސް އޮތް ކަމަށެވެ.

ޚާންގެ އާއިލާއާ ވާހަކަ ދެއްކުމަށް ފަހު ޑޮކްޓަރުން ބުނެފައި ވަނީ އޭނާ ދަގަނޑު ކައިފައި ވަނީ ޑިޕްރެޝަނުގެ މައްސަލައެއްގެ ސަބަބުން ކަމަށް ލަފާކުރެވޭ ކަމަށެވެ.

"މިއީ ނަފްސާނީ މައްސަލައެއްގެ ސަބަބުން އޭނާ ކޮށްފައިވާ ކަމެއް. ސައިކޭޓްރީ ޑިޕާޓްމަންޓުން ވެސް ވަނީ އޭނާގެ ޑިޕްރެޝަން ހުންނަ ކަމަށް ބުނެފައި. އޭނާ އަށް އެކަމަށް ފަރުވާ ދޭން ޖެހޭ،" ޝަރުމާ ބުންޏެވެ.

އިންޑިއާގެ އަމްރިތުސަރުގެ 42 އަހަރުގެ މީހެއްގެ ބަނޑުން މިިދޔަ އަހަރު ވަނީ 40 ވަޅި ނަގައިފަ އެވެ. އެއީ ވެސް ނަފްސާނީ މައްސަލަ ހުންނަ މީހެކެވެ.