ކުށްކުރުމާއި ސިޔާސީ ހައިޖާނު: އަޑީގައި ކޮން ކަމެއް؟
ކުށްކުރުމާއި ސިޔާސީ ހައިޖާނު: އަޑީގައި ކޮން ކަމެއް؟

ބޮޑުންނާއި ކުށްވެރިންގެ ގުޅުން އެއީ ސިއްރެއް ނޫނެވެ. ސިޔާސީ މީހުންނާއި ވިޔަފާރިވެރިން ފައިސާ ދީގެން ގޭންގުތައް ލައްވައި އަނިޔާވެރި އަމަލުތައް ހިންގުވާކަން ވެސް ދިރާސާ އިން އެނގި ލިޔެފައި ވެސް ވެ އެވެ. މި ހަގީގަތަށް ބަލާ އިރު، ސިޔާސީ ބޮޑެތި ހަމަނުޖެހުންތަކާއި އިންތިޚާބުގެ ދަނޑިވަޅުތަކުގައި ކުށްކުރުން އިތުރުވެގެން ދާކަން އެއީ ދިވެހިން ހައިރާންވާނެ ވާހަކައެއް ނޫނެވެ. އެކަމަކު އެކަމާ ކަންބޮޑުވަނީ ކޮން ބައެއް ހެއްޔެވެ؟

ކުށްކުރުމާއި ސިޔާސީ ހައިޖާނު: އަޑީގައި ކޮން ކަމެއް؟
ކުށްކުރުމާއި ސިޔާސީ ހައިޖާނު: އަޑީގައި ކޮން ކަމެއް؟

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މިދިޔަ ހަފްތާގައި ޝާއިއުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، ސިޔާސީ ބޮޑު ހަލަބޮލިކަމެއް އަންނަ އިރު ކުށްކުރާ ރޭޓް ވެސް ރާސްލާފައި މައްޗަށް އަރައިގެން ދެ އެވެ. ވޭތުވެދިޔަ 12 އަހަރު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ އަދަދަށް ބަލާ އިރު، ކުށްކުރާ މިންވަރު އެންމެ ބޮޑަށް އިތުރުވެގެން ދިޔައީ 2008-2009 އަދި 2012-2013ގަ އެވެ. އެއީ ވޭތުވެދިޔަ ދެ ރިޔާސީ އިންތިޚާބުގެ ދުވަސްތަކާއި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނު ދަނޑިވަޅެވެ.

ކުށްކުރުމާއި ސިޔާސީ ހައިޖާނު: އަޑީގައި ކޮން ކަމެއް؟
ކުށްކުރުމާއި ސިޔާސީ ހައިޖާނު: އަޑީގައި ކޮން ކަމެއް؟

ފާހަގަކުރެވޭ އަނެއް ކަމަކީ ސިޔާސީ ހަލަބޮލިކަމާ އެކު އިތުރުވާ ވަކި ބާވަތެއްގެ ކުށްތަކެއް ހުރި ކަމެވެ. ފުލުހުންގެ ތަފާސްހިސާބު ދިރާސާކޮށްލާ އިރު، އޭގެ ތެރޭގައި ހަ ކުށެއް ހިމެނެ އެވެ. އެއީ ވައްކަމާއި މަސްތުވާތަކެއްޗާއި މާރާމާރީ އާއި ފޭރުމާއި ތަންތަނަށް ގެއްލުންދިނުން އަދި ޖިންސީ ކުށްތަކެވެ. (ރާއްޖޭގައި އަބަދުވެސް، ކޮންމެ އަހަރަކު ވެސް، އެންމެ ގިނައިން ކުރާ ކުށަކީ ވައްކަމެވެ.)

ކުށްކުރުމާއި ސިޔާސީ ހައިޖާނު: އަޑީގައި ކޮން ކަމެއް؟
ކުށްކުރުމާއި ސިޔާސީ ހައިޖާނު: އަޑީގައި ކޮން ކަމެއް؟

މީގެ ސަބަބަކީ ކޮބާ ހެއްޔެވެ؟ ސިޔާސީ ބޮޑެތި ކަންކަމާއި ކުށްކުރުމާ ދެމެދު މިހާ ބޮޑު ގުޅުމެއް ތަފާސްހިސާބުން މި ފެންނަނީ ކީއްވެގެން ހެއްޔެވެ؟

ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ދެ ސަބަބެއް ފާހަގަކުރެއްވި އެވެ. އެއް ކަމަކީ ސިޔާސީ ހަމަނުޖެހުންތަކަށް ފުލުހުންގެ ސަމާލުކަން އަނބުރާލަން މަޖުބޫރުވުމެވެ. އަނެއް ކަމަކީ "ސިޔާސީ ކަންކަމާ ގުޅިގެން" ކުށްވެރިންނަށް ހިތްވަރު ލިބުމެވެ.

"ފުލުހުން ކުރާ ހަމައެކަނި މަސައްކަތަކީ އޮޕަރޭޝަންތައް ހިންގުމާއި ތަހުގީގުކުރުމެއް ނޫން. ފުލުހުންގެ މައިގަނޑު މަސައްކަތުގެ ތެރޭގައި ކްރައިމް ޕްރިވެންޓް ކުރުމަށް މަސައްކަތްކުރުމާއި އަލަށް ފެންނަމުން ދާ ކުށްތަކަށް މުޖުތަމައު ހޭލުންތެރިކުރުވުމާއި ކުށުން މުޅި މުޖުތަމައު އެއްކިބާކުރުމަށް ފުޅާ ދާއިރާއެއްގައި ފޯކަސް ކޮށްގެން ބޮޑެތި މަސައްކަތްތަކެއް ކުރުން ހިމެނޭ،" ޝިފާން ވިދާޅުވި އެވެ.

"އެހެން ނަމަވެސް މަގުމަތި ހަލަބޮލިވެ، ފުލުހުންގެ ކޯ މަސައްކަތުން އަތް ދޫކޮށްލަން ޖެހުމުގެ ނަތީޖާއަކަށް ގިނަ ފަހަރު ވަނީ ކުށްކުރާ މީހުންނަށް ފުރުސަތެއް ކުށްކުރުމަށް ލިބުން. އަދި މީގެ އިތުރުން ވެސް، މަގުމަތި ހަލަބޮލިކޮށް ހަމަޖެހުން ނަގާލަން މަސައްކަތްކުރާ ފަރާތްތަކުން ކުށަށް އަރައިގަތުމަށް ހިތްވަރުދޭ ކަން ވެސް ފާހަގަކުރެވޭ. މިގޮތުން ސިޔާސީ ކަންކަމާ ގުޅިގެން މިފަދަ ކަންތައްތައް ވާކަން ފާހަގަކުރެވޭ."

މި މައްސަލައިގެ އަޑީގައި، ފޮރުވިފައިވާ ބޮޑެތި ކަންތައްތަކެއް ހުރެދާނެކަން، އެހެން ބައެއް ފަރާތްތަކުގެ ވާހަކަތަކުން އެނގެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ވަކީލު އަލީ ހުސެން ދެކެވަޑައިގަންނަވާ ގޮތުގައި ސިޔާސީ ހަރަކާތްތަކާއި ކުށްކުރުމާ ދެމެދު އޮތް ގުޅުމުގެ ފަހަތުގައި، ފައިސާގެ ދައުރެއް އޮވެ އެވެ.

"ކެމްޕެއިންތަކަށް ލިބޭ ފައިސާ އާއި ދައުރުވާ ފައިސާގެ އަދަދު [އިތުރުވުން] މި ކަމާ ކޮންމެވެސް ވަރެއްގެ ގުޅުމެއް ހުރެދާނެ،" އަލީ ވިދާޅުވި އެވެ.

ފުލުހުންގެ އިސް ބޭފުޅަކު ވެސް އެކަން ފާހަގަކުރެއްވި އެވެ. ކެމްޕެއިންތަކާ ދިމާކޮށް ސިޔާސީ މީހުން "ހިލޭ" ފައިސާ ބަހާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވި ގޮތުގައި އިންތިޚާބުގެ ދަނޑިވަޅުތަކުގައި ސިޔާސީ މީހުންނާއި ކުށްވެރިން އެއް ބަޔަކު އަނެއް ބައެއްގެ ފައިދާ ވަރަށް ބޮޑަށް ނަގަ އެވެ.

"ކުށްކުރާ މީހުން ލައްވައި ސިޔާސީ މީހުން ކުރުވަން ބޭނުންވާ ކަންތައްތަކެއް ހުރޭ. އެ ހާލަތުގެ ފައިދާ ނަގައިގެން، ކުށްވެރިން އެ މީހުން ހިތުހުރި ގޮތަކަށް ކުށްތައް ކުރަނީ، ފުލުހުން ހިފައިފިއްޔާ ސިޔާސީ މީހުން، އެ މީހުން ބަންދުން ސަލާމަތްކޮށްދޭނެ ކަމަށް ބަލައިގެން،" ނަން ނުޖަހާ ގޮތަށް އޭނާ ވިދާޅުވި އެވެ.

އިޖުތިމާއީ އަދި ނަފްސާނީ ސަބަބުތަކެއް ވެސް ހުރިކަން ފާހަގަކުރައްވައި، ފުލުސް އޮފިސަރު ވިދާޅުވި ގޮތުގައި، ސިޔާސީ އެއްވުންތަކާއި ޖަލްސާތަކުގައި ތަކުރާރުކޮށް ދައްކާ ވާހަކަތަކާ އެކު، ގައުމުގެ ހާލަތު ހުރި ގޮތް ހަނދާނަށް އައިސްގެން ވެސް، ކުށްކުރަން ހިތްވަރު ލިބުން އެކަށީގެންވެ އެވެ.

"ސިޔާސީ ބައެއް ފަރާތްތަކުން ކުށްވެރިންގެ ހައްގުތަކަށް ފޯކަސްކޮށްގެން ވާހަކަ ދައްކާ. އެއީ ވެސް އެފަދަ މީހުންނަށް (ކުށްކުރަން) ހިތްވަރެއް ނުވަތަ ބާރެއް ލިބިގެންދާނެ ކަހަލަ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ޕޯޑިއަމްތަކުގައި ސިޔާސީ މީހުން ފުލުހުންނަށް ދޭ "ހަމަލާތަކާ" އެކު ފުލުހުންނަށް އިހުތިރާމް ގެއްލުމަކީ ފުލުހުންގެ ދައުރަށް ހުރަސް އެޅޭ ކަމެއް ކަމަށް ވެސް އޭނާ ގަބޫލުކުރައްވަ އެވެ. އަނެއް ސަބަބެއްގެ ގޮތުގައި އޭނާ ވެސް ފާހަގަކުރެއްވީ ރާއްޖޭގައި ސިޔާސީ މީހުންނާއި ގޭންގުތަކާ ދެމެދު އޮންނަ ގުޅުމެވެ.

"އެކަމަކު މިއީ ލަފާކުރެވޭ ސަބަބުތަކެއް. މިކަމާ ބެހޭ އެއްވެސް ދިރާސާއެއް ރާއްޖޭގައި ހަދާފައެއް ނެތް. ހަގީގަތުގައި އެފަދަ ދިރާސާއަކުން މި ކަމުގެ ހެކި ހޯދުން ވަރަށް މުހިއްމު،" އޮފިސަރު ފާހަގަކުރެއްވި އެވެ.

ކުށްވެރިންގެ ބާރު ގަދަކޮށްދޭ ބަޔަކަށް ސިޔާސީ މީހުން ވުމަކީ ފުލުހުން ވެސް އަދި އާއްމުން ވެސް ބަލައިގަނެގެން ވާނެ ކަމެއް ނޫނެވެ. ތަފާސްހިސާބުގެ މައުލޫމާތުން ނުސީދާކޮށް ނަމަވެސް މި ފެންނަނީ އެފަދަ ގުޅުމެކެވެ.

އަނެއްކާވެސް ރިޔާސީ އިންތިޚާބެއް ބޯމަތިވެފައިވާ އިރު، މިއީ ބަދަލުކުރަން ޖެހޭ ހާލަތެކެވެ.