01 ޑިސެމްބަރ 2017 - 23:07

ޖަލަށް އެނބުރި ވަޑައިގަންނަވަން ޖެހިވަޑައިގަތަސް، ސަރުކާރާ ދެކޮޅަށް ކުރާ "ހަނގުރާމަ" ހުއްޓަވާ ނުލައްވާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
އިޓަލީގެ މިލާންގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ޕާލަމެންޓޭރިއަން ފޯ ގްލޯބަލް އެކްޝަންގެ 39 ވަނަ އެނުއަލް ފޯރަމްގައި ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ މެމްބަރުންނަށް މިނިވަންކަމާއި ރައްކާތެރިކަމާއެކު، މަސައްކަތް ކުރުމުގެ ހައްގު ލިބިގެން ނޫނީ ކާމިޔާބު މެމްބަރުންނަށް ނުވެވޭނެ ކަމަށެވެ. އެކަމަކު، ރާއްޖޭގައި މެމްބަރުންނަށް މިނިވަންކަމާއި ރައްކާތެރިކަމާއެކު މަސައްކަތް ނުކުރެއްވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މަހްލޫފް ވިދާޅުވީ އިދިކޮޅު މެމްބަރުންނާއި އިދިކޮޅު ސިޔާސީ ލީޑަރުންނާ ދެކޮޅަށް ފިޔަވަޅު އަޅަން ފެށީ 45 މެމްބަރުން ސޮއި ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން މަޖިލީހަށް ހުށަހެޅި ފަހުން ކަމަށެވެ.
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮއާ އެކު މަޖިލީހަށް ހުށަހެޅުމުން އެ މައްސަލަ ފޭލްކޮށްލީ، ސޮއި ކުރެއްވި ބައެއް މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް، އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުންނެވެ. ޕީޕީއެމްގެ އެދުމާ އެއްގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމި އެ ނިންމުމާ އެކު، މަޖިލީހުގެ ރައީސްކަމުން މަސީހު ދުރުކުރުމަށް ބޭނުންވާ އަދަދަށް ސޮއި ހަމަނުވާ ކަމަށް މަޖިލީހުގެ ރިޔާސަތުން ކަނޑައަޅައި، އެ މައްސަލަ ބޭރުކޮށްލީ އެވެ.
މަހްލޫފް ވިދާޅުވި ގޮތުގައި މަސީހާ ދެކޮޅަށް މެމްބަރުން ނުކުންނެވި ފަހުން، މަޖިލިސް އޮތީ "ސިފައިންގެ ބާރުގެ ދަށުގަ" އެވެ. އަދި އޭގެ ފަހުން، މެމްބަރުން މަޖިލީހަށް ވަޑައިގަތުމަށް މަސައްކަތް ކުރެއްވުމުން، އެކަމަށް ސަލާމަތީ ބާރުތަކުން ހުރަސް އަޅައި، މެމްބަރުންނަށް އަނިޔާ ކުރި ކަމަށް ވިދާޅުވި އެވެ.
އޭގެ ފަހުން، ޖަލްސާތައް ކުރިއަށް ދަނީ ސިފައިންގެ ބެލުމުގެ ދަށުން، "10 ފޫޓު އުހުގައި މަސީހު އިންނަވައިގެން" ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ. މަހްލޫފް އެހެން ވިދާޅުވުމާއެކު، ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން "ހިނިގަނޑެއް" ޖަހާލަ އެވެ.
މަހްލޫފް ވިދާޅުވި ގޮތުގައި ރާއްޖެ އޮތީކީ އޮންނަން ޖެހޭ ހާލަތެއްގައެއް ނޫނެވެ. އަދި ޑިމޮކްރަސީގެ އަސާސްތައް ވަރުގަދަ ކުރުމަށް އިދިކޮޅު ފަރާތްތަކަށް ރައްކާތެރިކަން ލިބެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މަހްލޫފް ވަނީ ރާއްޖޭގައި ޑިމޮކްރަސީ އާއި އިންސާނީ ހައްގުތައް އަލުން ގާއިމު ކުރުމަށް ކުރާ މަސައްކަތުގައި ބޭރުގެ ފަރާތްތަކުގެ އެހީ އަށް އެދިވަޑައިގެންފަ އެވެ. މަހްލޫފް އެހެން ވިދާޅުވުމާއެކު، އޭނާގެ އެ ވާހަކަ އަޑުއަހަން ތިއްބެވި ގިނަ ބަޔަކު ތަރުހީބުގެ އަތްތިލަ ބަޑިން އެތަން ގުގުމާލަ އެވެ.
"ދިވެހިންނަށް ދޭން ބޭނުންވާ ޔަގީންކަމަކީ އަޅުގަނޑެއް މިހުރީ ހަނގުރާމައިން އަމާން ދޭކަށް ނޫނޭ، ޖަލަށް އެނބުރި ދާން ޖެހުނަސް،" އެގާރަ މަހަށްވުރެ ގިނަ ދުވަހު ޖަލުގައި އޮންނެވި މަހްލޫފް ވިދާޅުވި އެވެ.
މަހްލޫފް ވަނީ މަސީހަކީ މިހާރު މަޖިލީހުގެ ރައީސް ނޫންކަން ހާމަކޮށްދެއްވުމަށް، ބައިނަލްއަގުވާމީ ކެމްޕެއިން ފައްޓަވައިފަ އެވެ. މަހުލޫފް ވަނީ އޮސްޓްރިއާ އާއި ސުވިޒަލެންޑް އަދި އިޓަލީގައި ގާނޫނު ހަދާ މަޖިލީހުގެ 50 އަށްވުރެ ގިނަ މެމްބަރުންނާ ބައްދަލުކުރައްވައި މަސީހާ ގުޅޭ ލިޔުމެއް ދެއްވައިފަ އެވެ. އޭގައި މަސީހުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހެޅި މެމްބަރުންގެ ތަފްސީލާއި ސޮއި ވެސް ހިމެނެ އެވެ.
އިދިކޮޅު އިއްތިހާދުގެ ތަރުޖަމާނުކަން ވެސް ކުރައްވައި، މަހްލޫފް މިދިޔަ އޮކްޓޯބަރު މަހު ލަންކާ އަށް ވަޑައިގެން ހުންނަވަނިކޮށް، ސަރުކާރުން އޭނާގެ ޕާސްޕޯޓު ވަނީ ހިފަހައްޓައިފަ އެވެ.
މިދިޔަ ޖުލައި 31، ގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަަރަކާތްތެރިވި ސިފައިންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި ސިފައިންނާ މާރާމާރީ ހިންގި ކަމަށް ތުހުމަތުކޮށް، މަހްލޫފާއި އިދިކޮޅު މެމްބަރުންގެ މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ.