01 ޑިސެމްބަރ 2017 - 20:20

ދަ ހޭގު (ޑިސެމްބަރު 1) - ބޮސްނިއާ ހަނގުރާމައިގެ މުޖްރިމެއް ކަމަށްވާ ސްލޮބްޑާން ޕްރަލްޖަކް ކޯޓުގައި ބޮއެފައި ވަނީ ވަރަށް ބާރުގަދަ ކެމިކަލެއް ކަމަށް ހޮލެންޑުގެ ޕްރޮސެކިއުޓަރުން ބުނެފި އެވެ.
ޕްރަލްޖަކްގެ މައްޗަށް އިއްވާފައިވާ 20 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފުން ސަލާމަތް ނުވާނެކަން އެނގުމާ އެކު އޭނާގެ ޖީބުން ކުޑަ ފުޅިއެއް ނަގާ އޭގައި ހުރި އެއްޗެއް ވަނީ ބޯލައިފަ އެވެ. އަދި އޭނާ އެ ބުއީ ޒަހަރު ކަމަށް ކޯޓުގައި ވަނީ ބުނެފަ އެވެ. ފަނޑިޔާރު ވަނީ ވަގުތުން ޝަރީއަތް މެދުކަނޑާލައިފަ އެވެ. އުމުރުން 72 އަހަރުގެ ޕްރަލްޖަކް މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.
ހޮލެންޑުގެ ޕްރޮސެކިއުޓަރުން ބުނީ ސަލާމަތީ ގޮތުން ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ކޯޓްރޫމަށް ޒަހަރު ވެއްދީ ކިހިނެއްތޯ އާއި އެކަމުގައި ޕްރަލްޖަކަށް އެހީވީ ކޮން ބައެއްތޯ ބަލަން ތަހުގީގު ކުރާނެ ކަމަށެވެ. ޕްރޮސެކިއުޓަރުން ބުނީ ޕްރަލްޖަކް ބޮއެފައި ވަނީ ކޮން އެއްޗެއްކަން ސީދާ ހާމަނުކުރި ނަމަވެސް އެއީ ބާރުގަދަ ބާވަތެއް ކަމަށެވެ.
ޕްރަލްޖަކަކީ ބޮސްނިއާ ހަނގުރާމައިގެ ކުށްވެރިންގެ ތެރޭން ޝަރީއަތުގެ މަރުހަލާގައި އަމިއްލަ އަށް މަރުވި ފުރަތަމަ މީހާއެއް ނޫނެވެ. ބޮސްނިއާ ހަނގުރާމައިގެ މުޖްރިމެއް ކަމަށްވާ ސްލަވްކޯ ޑޮކްމަނޮވިޗް ވަނީ 1998 ވަނަ އަހަރު ޖަލުގައި ދަންޖެހިގެން މަރުވެފަ އެވެ. އަދި ކްރޮއޭޝިއާގެ އެހެން މުޖްރިމެއް ކަމަށްވާ މިލާން ބަބިޗް ވަނީ 2006 ވަނަ އަހަރު ޖަލުގައި އަމިއްލަ އަށް މަރުވެފަ އެވެ.
ޕްރަލްޖަކު އަކީ ބޮސްނިއާ- ކްރޮއޭޝިއާގެ ޑިފެންސް ފޯސްގެ ކުރީގެ ކޮމާންޑަރެވެ. އޭނާގެ މައްޗަށް 2013 ވަނަ އަހަރު ޖަލު ހުކުމް އިއްވީ 1992-95 އަށް ކުރި ބޮސްނިއާ ހަނގުރާމައިގައި ހިންގާފައިވާ ޖަރީމާތަކާ ގުޅިގެންނެވެ.