މޯލްޑިވިއަންގެ ދަތުރުތައް ހަނިމާދު އަށް އަލުން ފަށައިފި
މޯލްޑިވިއަންގެ ދަތުރުތައް ހަނިމާދު އަށް އަލުން ފަށައިފި

ހދ. ހަނިމާދު އަށް މިއަދު ކުރަން ހަމަޖެހިފައިވާ ދަތުރުތައް، އެ އަތޮޅުގެ ސަރަހައްދުގެ މޫސުން ގޯސްވުމުން މެދުކަނޑައިލުމަށް ފަހު، މިރޭ އަލުން ފަށާފައިވާ ކަމަށް މޯލްޑިވިއަނުން ބުނެފި އެވެ.

ގައުމީ އެއާލައިންގެ ހެޑް އޮފް ގްރައުންޑް އޮޕަރޭޝަންސް އަހުމަދު އިބްރާހިމް ވިދާޅުވި ގޮތުގައި މޫސުން ގޯސްވުމުގެ ސަބަބުން މެދުކަނޑައިލީ ހަނިމާދު އަށް ކުރަން އޮތް ތިން ދަތުރެކެވެ. އޭގެ ތެރެއިން އެއް ފްލައިޓް އިރު އޮއްސި 6:30 ގައި ހުޅުލޭން ފުރި އިރު، އަނެއް ދެ ފްލައިޓް އެކި ގަޑިތަކުގައި މިރޭ ފުރާނެ ކަމަށް ވިދާޅުވި އެވެ.

"ހަނިމާދު އަށް ފުރި ބޯޓު އެ ރަށުގައި މިހާރު ވަނީ ޖައްސާފައި. އެ ރަށަށް މޫސުން ކޮންމެވެސް ވަރަކަށް ރަނގަޅު. އެންމެ ރަނގަޅެކޭ އަދިވެސް ނުބުނެވޭ. މިހާރު އެ ބޯޓު ބޯޑިންގައި އޮތީ. އެއީ ހަނިމާދޫން މާލެ އަންނަން ބޯޓު ތައްޔާރު ވަނީ،" އަހުމަދު "މިހާރު" އަށް ވިދާޅުވި އެވެ.

މީގެ އިތުރުން މިރޭ 8:30 ގައާއި 10:30 ގައި މޯލްޑިވިއަންގެ ދެ ފްލައިޓެއް މާލެ އިން ހަނިމާދު އަށް ދިއުމަށް ޝެޑިއުލްކޮށްފައިވާ ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.

ހަމައެއާއެކު، ހަނިމާދޫން އިންޑިއާގެ ޓްރިވެންޑްރަމަށް މިރޭ ދަތުރު ކުރަން ހަމަޖެހިފައި އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްކޮށްފައިވާ ކަމަށް އަހުމަދު ވިދާޅުވި އެވެ.

"ރޭގައި ވެސް ހަނިމާދޫން ޓްރިވެންޑްރަމަށް އޮތް ފްލައިޓެއް ކެންސަލް ކުރިން. މި މަސައްކަތް ކުރަނީ އެ ފްލައިޓް މާލެ އިން ޓްރިވެންޑްރަމަށް ދެވޭނެ ގޮތެއް ވޭތޯ،" އަހުމަދު ވިދާޅުވި އެވެ.

ހަނިމާދު އަށް މިއަދު ހެނދުނު ކުރަން ހަމަޖެހިފައިވާ ދަތުރުތައް، އެ އަތޮޅުގެ ސަރަހައްދުގެ މޫސުން ގޯސްވުމުން ލަސް ކުރުމަށް ފަހު، އެ ދަތުރުތައް ފެށި އިރު، ދެ ފްލައިޓެއް ހަނިމާދޫގައި ނުޖެއްސިގެން މާލެ އަށް އައިސްފައިވެ އެވެ. އަދި އިތުރު ފްލައިޓެއް މާލެއިން ނައްޓާނުލެވި އުޅެނިކޮށް، ވަނީ ކެންސަލްކޮށްފަ އެވެ.

ހަނިމާދު އަށް ޝެޑިއުލް ކުރި ދަތުރުތައް ލަސްވި ނަމަވެސް، ރާއްޖޭގެ އެހެން މަންޒިލްތަކަށް ކުރަމުން އަންނަ ދަތުރުތައް ހުއްޓުމެއް ނެތި މިހާރު ވެސް ކުރަމުން އަންނަ ކަމަށް ވެސް މޯލްޑިވިއަނުން ބުންޏެވެ. މޫސުން ގޯސްވުމުގެ ސަބަބުން އިއްޔެ ވެސް ވަނީ ގިނަ ފުލައިޓްތަކެއްގެ ދަތުރުތަކަށް ބުރޫ އަރައިފަ އެވެ.

ސްރީ ލަންކާ ކައިރީގައި އުފެދުނު ތޫފާން "އޯޗީ" އާ ގުޅިގެން ރާއްޖެ އަށް މިހާރު ކުރަމުން ދާ ވިއްސާރައިގައި އުތުރުގެ ގިނަ ރަށްތަކުގައި ފެން ބޮޑުވެ، ބައެއް ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. އަދި އާންމުންގެ އަގުބޮޑު މުދާތަކަށް ވަނީ ގެއްލުން ލިބިފަ އެވެ.