01 ޑިސެމްބަރ 2017 - 17:01

ހަރާރޭ (ޑިސެމްބަރު 1) - ޒިމްބާބުވޭގެ އާ ރައީސް އެމާސަން ނަންގަގްވާ އެކުލަވާލި އާ ކެބިނެޓުގައި ސިފައިންގެ ސީނިއާ އޮފިސަރުން ހިމަނައިފި އެވެ.
ޒިމްބާބުވޭގެ އާ ފޮރިން މިނިސްޓަރުގެ މަގާމަށް ހަމަޖައްސާފައި ވަނީ ގައުމުގެ ކޮންޓްރޯލް ސިފައިން ނެގިކަން ޓީވީ އަށް އަރާ އިއުލާން ކުރި އޮފިސަރު ސިބުސިސޯ މޮޔޯ އަށެވެ. ވައިގެ ސިފައިންގެ ވެރިޔާ ހަމަޖައްސާފައި ވަނީ އެގްރިކަލްޗާ އެންޑް ލޭންޑް އެފެއާޒް މިނިސްޓަރަށެވެ. މީގެ އިތުރުން ރޮބަޓް މުގާބޭ އިސްތިއުފާ ދިނުމަށް ބާރު އެޅި ވޯ ވެޓެރަންސް އެސޯސިއޭޝަނުގެ އިސް މެންބަރުންނަށް ވެސް ވަނީ ކެބިނެޓުން މަގާމުތައް ދީފަ އެވެ. އެސޯސިއޭޝަނުގެ ރައީސް އަށް ދީފައި ވަނީ އިންފޮމޭޝަން މިނިސްޓަރު ކަމެވެ. މުގާބޭގެ ކެބިނެޓުގެ ބައެއް މިނިސްޓަރުން ވަނީ އާ ކެބިނެޓުގައި ވެސް ހިމަނައިފަ އެވެ.
ސިފައިން ނުކުމެ ޒިމްބާބުވޭގެ ކޮންޓްރޯލް ހޯދާ މުގާބޭ ގޭބަންދުކުރީ މިދިޔަ މަހު 14 ވަނަ ދުވަހު އެވެ. އެއީ ނައިބް ރައީސްކަމުން ނަންގަގްވާ ދުރުކޮށް މުގާބޭގެ އަނބިކަނބަލުން ގްރޭސް އަށް ވެރިިކަމުގެ މަގު ފަހިކޮށްދޭން އުޅުމުންނެވެ. އެންމެ ފަހުން މުގާބޭގެ ބާރުތައް ގެއްލި އޭނާގެ 37 އަހަރުގެ ވެރިކަން ނިމުމަކަށް އައުމާ ގުޅިގެން ރައީސްގެ މަގާމަށް ވަނީ ނަންގަގްވާ ހަމަޖައްސައިފަ އެވެ.