01 ޑިސެމްބަރ 2017 - 12:31

ބިއުނަސް އޭރީޒް (ޑިސެމްބަރު 1) - އެޓްލާންޓިކް ކަނޑަށް 44 ފަޅުވެރިންނާ އެކު ގެއްލުނު ސަބްމެރިންގައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް އާޖެންޓީނާގެ ކަނޑުގެ ސިފައިން ބުނެފި އެވެ.
ކަނޑުގެ ސިފައިންގެ ތަރުޖަމާން އެންރީކް ބަލްބީ ވިދާޅުވީ އެތައް މަސައްކަތެއް ކުރި ނަމަވެސް ސަބްމެރިން އޮތް ތަން ފާހަގަ ކުރަން އުނދަގޫވި ކަމަށެވެ. ސެން ހުއާން ސަބްމެރިންއާ އެންމެ ފަހުން ގުޅިފައި ވަނީ މިދިޔަ މަހު 15 ވަނަ ދުވަހު އެވެ. ސަބްމެރިން އިން މީހުން ސަލާމަތް ކުރެވިދާނެކަމުގެ އުއްމީދު ކުޑަވީ ސަބްމެރިން ގެއްލުނު ތަނުން އެއްޗެއް ގޮވިކަމުގެ ރިޕޯޓްތައް ލިބެން ފެށުމުންނެވެ.
ބަލްބީ ވިދާޅުވީ ސަބްމެރިންގެ ފަޅުވެރިން ސަލާމަތް ކުރެވިދާނެ ކަމަށް ބެލި މުއްދަތަށް ވުރެ ދެ ގުނަ އިތުރަށް ވެސް ސަބްމެރިން ހޯދަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި އެއްޗެއް ގޮވި ކަމަށް ބެލެވުނު ސަރަހައްދުން ވެސް އެއްވެސް އުޅަނދެއްގެ ބައެއް ފެނިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ސަބްމެރިން އިން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓާލި ނަމަވެސް ސަބްމެރިން ހޯދުމަށް ކަނޑު އަޑި ބެލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ އެވެ.
ސަބްމެރިން ގެއްލުމުގެ ކުރިން ވަނީ މެކޭނިކަލް މައްސަލައެއް ކެޕްޓަން ރިޕޯޓްކޮށްފަ އެވެ. ނަމަވެސް އޭގެ ފަހުން ވެސް ސަބްމެރިން ވަނީ ދަތުރުކޮށްފަ އެވެ. ސަބްމެރިންގެ ސްނޯކެލް އިން ބެޓްރީ ޓްރޭއަށް ލޮނު އެޅި ބެޓްރީ ޝޯޓްވެފައިވާ ކަމަށް ކެޕްޓަން ވަނީ އަންގައިފަ އެވެ. ސަބްމެރިންގެ އިންޖިނޭރު ހެރްމާން ރޮޑްރިގޭޒް އެ ސަބްމެރިންގައި މަސައްކަތް ކުރާތާ 11 އަހަރު ވަނީވެފަ އެވެ.
ސަބްމެރިން ހޯދުމުގެ މަސައްކަތުގައި އެކި ގައުމުތަކުގެ 4،000 މީހުންގެ ޓީމަކުން ހަރަކާތްތެރިވި އެވެ. އާޖެންޓީނާގެ ރައީސް މައުރިސިއޯ މަކްރީ ވަނީ ސަބްމެރިން ގެއްލުނު ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގަވާނެ ކަމަށް ވިދާޅުވެފަ އެވެ.