01 ޑިސެމްބަރ 2017 - 11:45

ހދ. ހަނިމާދު އަށް މިއަދު ހެނދުނު ކުރަން ހަމަޖެހިފައިވާ ދަތުރުތައް، އެއަތޮޅުގެ ސަރަހައްދުގެ މޫސުން ގޯސްވުމުން ކެންސަލް ކުރުމަށް ފަހު، އެ ދަތުރުތައް މިއަދު މެންދުރު ފަހުން ފެށިގެން ކުރާ ގޮތަށް މޯލްޑިވިއަނުން ނިންމައިފި އެވެ.
މިއަދު 8:45 ކަންހާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހަނިމާދު އަށް ދިޔަ ފުލައިޓެއް ވަނީ މޫސުން ގޯސްވެ ހަނިމާދޫގައި ނުޖެއްސުމުގެ ސަބަބުން އެނބުރި އައިސް ހުޅުލެ އަށް ޖައްސައިފަ އެވެ.
"ހަނިމާދު އަށް ޖައްސަން ގޮސްފަ މޫސުން ގޯސްވެގެން އަނބުރާ އައީ، ހުޅުލެ އަށް ނުޖެއްސި ދުއްވަ ދުއްވާ އޮތް 1:15 ވަރަކަށް މިނެޓް ވަންދެން،" އެ ފުލައިޓުން ދަތުރުކުރި ފަސިންޖަރަކު ބުންޏެވެ.
މޯލްޑިވިއަންގެ ހެޑް އޮފް އޮޕަރޭޝަންސް އަހުމަދު އިބްރާހިމް "މިހާރު" އަށް ވިދާޅުވީ މިއަދު ހެނދުނު ހަނިމާދު އަށް ދިއުމަށް އޮތް ދެ ފުލައިޓް ވެސް މިހާރު ފަހުގެ ވަގުތަކަށް ފަސްކޮށްފައިވާ ކަމަށެވެ. ދެން ހަނިމާދު އަށް ދަތުރުތައް ފަށާނީ މެންދުރު 12ގެ ފަހުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުޑަ ކުޑަ ޑިލޭއެއް އުޅެދާނެ. އެކަމަކު ހަނިމާދު އަށް މިއަދު އޮތް ފުލައިޓްތައް މި ރެއާ އެކު އަޅުގަނޑުމެން ކުރާނަން. މެންދުރު ފަހު އެކޮޅަށް މޫސުން ރަނގަޅުވާނެ ކަމަށް ބެލެވޭ،" އޭނާ ވިދާޅުވި އެވެ.
އަހުމަދު ވިދާޅުވީ ހަނިމާދޫގެ އިތުރުން ރާއްޖޭގެ އެހެން މަންޒިލްތަކަށް ކުރަމުން އަންނަ ދަތުރުތައް ހުއްޓުމެއް ނެތި މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.
މޫސުން ގޯސްވުމުގެ ސަބަބުން އިއްޔެ ވެސް ވަނީ ގިނަ ފުލައިޓްތަކެއްގެ ދަތުރުތަކަށް ބުރޫ އަރައިފަ އެވެ.
ސްރީ ލަންކާ ކައިރީގައި އުފެދުނު ތޫފާން "އޯޗީ" އާ ގުޅިގެން ރާއްޖެ އަށް މިހާރު ކުރަމުން ދާ ވިއްސާރައިގައި އުތުރުގެ ގިނަ ރަށްތަކުގައި ފެން ބޮޑުވެ، ބައެއް ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.