އިސްލާމީ ސަގާފަތު ދެމެހެއްޓުމުގެ މުހިންމުކަން
އިސްލާމީ ސަގާފަތު ދެމެހެއްޓުމުގެ މުހިންމުކަން

ސަގާފަތަކީ މީހާގެ ޝަޚުޞު ނުވަތަ ކާކުކަން ކަނޑައެޅުމުގައި ވަރަށް މުހިންމު އެއްޗެކެވެ. އަދި މީހާގެ ސުލޫކު އޭގެ މައްޗަށް ބިނާވެފައިވާ އެއްޗެކެވެ. އެހެންކަމުން މުސްލިމެއްގެ ހައިސިއްޔަތުން އޭނާގެ ސަގާފަތު އިސްލާމީ ސަގާފަތާ އެއްގޮތްވާން ޖެހެ އެވެ.

ނަމަވެސް އަޅުގަނޑުމެންގެ އަދުގެ ހާލަތަށް ބަލައިލާ އިރު މި ދެންނެވި އިސްލާމީ ސަގާފަތު ރައްކާތެރި ނުކުރެވޭކަން ފެނިގެން ދެއެވެ. މިހެން މިވަނީ ކީއްވެގެންތޯ އަދި މިކަމުގެ ހައްލަކީ ކޮބައިތޯ މުސްލިމުން ދެނެގަންނަން ޖެހެ އެވެ.

އާންމު ނަޒަރުން ބަލާއިރު ސަގާފަތަކީ ކޮންމެ ޖަމާއަތެއްގައި ވެސް އެ ޖަމާއަތެއްގެ ބަޔަކު ލިބިގަނެފައިވާ ތަފާތު އެތައް ކަމެއް އޭގައި އެކުލެވޭ ނިޒާމެކެވެ. ނުވަތަ އެ ޖަމާއަތުގެ ދިރިއުޅުމުގެ ގޮތްތަކެވެ. އޭގައި އެމީހުންގެ ދީނާއި އަޅުކަންތަކާއި މުނިފޫހިފިލުވުމުގެ ކަންކަމާއި ވާހަކަ ދައްކާ ބަސްތަކާއި އުންމީދުތަކާއި އާއިލީ ކަންކަމާއި ކެއިންބުއިމާއި ހެދުންއެޅުމާއި ވިޔަފާރި ކުރުމާއި މަސައްކަތް ކުރުމާއި އެކަކު އަނެކަކަށް މުއާމަލާތު ކުރުމާއި އާދަކާދަތައް ފަދަ ކަންކަން ހިމެނެ އެވެ.

އިސްލާމީ ސަގާފަތުގެ ތައާރަފް ތަފާތު އިބާރާތްތަކުން ޢިލްމުވެރިން ކުރައްވާފައި ވީ ނަމަވެސް އެ ހުރިހާ ތައާރަފްތަކުގެ އަލީގައި ދެންނެވޭނީ އެއީ އިސްލާމީ މަސްދަރުތަކުން، އިސްލާމީ މެދުމިނުގެ މަފްހޫމުގެ މަތީ، ދޭހަ ކުރެވިފައިވާ މިންގަނޑުތަކަކާއި އަޚުލާޤީ އަގުތަކުގެ ނިޒާމެއް ކަމަށެވެ. މި ނިޒާމުގައި ކުރިން އިޝާރާތް ކުރެވުނު ސަގާފަތުގެ ބައިތައް އިސްލާމީ މިންގަނޑުތަކާއި އަގުތަކަށް ފެތޭގޮތަށް އެކުލެވޭނެ އެވެ.

މި އިސްލާމީ ސަގާފަތު ދެމެހެއްޓުމަކީ މުސްލިމުންނަށް ލިބިގެންވާ ހައްގެކެވެ. ބައިނަލް އަގުވާމީ ޖަމާއަތްތަކުންވެސް ކޮންމެ ބަޔަކަށް ވެސް އެ ބައެއްގެ ސަގާފަތު ދެމެހެއްޓުމަށް ފުރުސަތު ދެއެވެ.

އެހެންކަމުން މުސްލިމުން ސަގާފަތު ދެމެހެއްޓުމަށްޓަކައި އިސްލާމް ދީން އަންގަވާފައިވާ "ސީދާވެގެންވާ ތެދުމަގު"ގައި ތިބެ "ނާކާމިޔާބުން" ސަލާމަތްވެ "އެންމެ ހެޔޮ އުންމަތް" ކަމުގައި ވުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކުރަން ޖެހެއެވެ. މިގޮތުން ހެޔޮ ކަންކަމަށް އަމުރު ކުރުމާއި ނުބައިކަންކަން ނަހީ ކުރުމާއި މިކަންކަމުގައި ކެތްތެރިވެ އެކަމަށް ނަސޭހަތްދިނުމާ އެކު އީމާންކަމާއި ހެޔޮ އަމަލު ކުރުމުގައި ދެމިތިބެން ޖެހެ އެވެ.

މިކަންކަން ނުކުރެވޭ ނަމަ ސޫރަތުލް ޢަޞްރުގައި ބަޔާން ކުރެވިފައިވާ ފަދައިން އިންސާނާ ވެގެންދާނީ ގެއްލުމާއި ހަލާކުގެ ތެރެއަށެވެ. އާދެ، ނާކާމިޔާބަކީ އެއީ އެވެ. މި ނާކާމިޔާބުގެ އަސަރުތައް މިއަދު މުޖުތަމައުން ފެންނަމުން މިދަނީ މި ދެންނެވި ވަޒީފާތައް ފުރިހަމަ ގޮތުގައި އަދާކުރެވެމުން ނުދާތީކަން ކަށަވަރެވެ.

މިގޮތުން ފެންނަ ކަންކަން މައިގަނޑު ބައިތަކަކަށް ބަހާލެވިދާނެ އެވެ. އެއް ކަމަކީ ދިރިއުޅުމުގެ ތަފާތު މައިދާންތަކުގައި އިސްލާމީ ދިރިއުޅުމުގެ އުސްލޫބުން އެއްކިބާވެ އެހެންމީހުންގެ އުސްލޫބުތަކަށް ތަބާވުމެވެ. ދެވަނަ ކަމަކީ ފަރުދީ އަދި ޖަމާއީ ސުލޫކު އިސްލާމީ ސަގާފާ އާ ޚިލާފަށް ފެނިގެން ދިއުމެވެ. ތިންވަނަ ކަމަކީ އިލްމީ އަދި ޓެކްނޮލޮޖީ ގޮތުން އުފެއްދުންތެރި ބަޔަކަށް ނުވެ ހަމައެކަނި ކޮޕީކުރާ ބަޔަކަށް ވުމެވެ. ހަތަރުވަނަ ކަމަކީ އިސްލާމީ މެދުމިންވަންތަކަން ދޫކޮށް ހައްދުފަހަނައަޅައި ދިއުމެވެ.

މި ކަންކަމުގެ ނަތީޖާ އަކީ ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ސިފަކޮށްދެއްވާފައިވާ ފަދައިން "ދެމިގެންދާ ފެންގަނޑުން އުފެދިގެން އަންނަ ފޮނާއި ކުނިބުނި" ފަދަ ބަޔަކަށް މުސްލިމުން ވެގެންދިއުމެވެ.

މި ދަރަޖައަށް އަޅުގަނޑުމެން މިއަދު ގޮސްފައި މިވަނީ އަޅުގަނޑުމެންގެ ތެރޭގައި އިސްލާމީ ސަގާފަތު ދެމެހެއްޓުމަށް ހުރި ދާޚިލީ ހުރަސްތަކެއްގެ ސަބަބުންނާއި ޚާރިޖީ ގޮތުން މުސްލިމުންގެ ސަގާފަތަށް ހުރި ގޮންޖެހުންތަކެއްގެ ވެސް ސަބަބުންނެވެ. މި ދެންނެވި ހުރަސްތަކާއި ގޮންޖެހުންތައް އަދިވެސް ދެމިހުރި ކަމީ ހިތާމަ ހުރި ކަމެކެވެ.

މިގޮތުން ދާޚިލީ ހުރަސްތަކުގެ ގޮތުގައި ފާހަގަ ކޮށްލެވޭ އެންމެ މުހިންމު ކަންކަމަކީ އިސްލާމީ ދިރިއުޅުމުގެ މަންހަޖުން މުސްލިމުން އެއްފަރާތްވެފައި ވުމާއި، މަފްހޫމްތައް އޮޅިފައިވުމާއި، ފިކުރީ ގޮތުން ކުރިއެރުމެއް ނެތުމާއި، އިޖުތިމާއީ ފޭރާން ވީދިފައިވުމާއި، އިސްލާމީ މެދުމިންވަންތަކަމުގެ ހައްދު ފަހަނައަޅައި ގޮސްފައި ވުމެވެ. ޚާރިޖީ ގޮންޖެހުންތައް ބިނާވެފައި ވަނީ މުސްލިމުންގެ ގަބޫލު ކުރުންތަކާއި، ފިކުރުތަކާއި، ސުލޫކުތަކަށް ކުރިމަތިވަމުންދާ އިސްތިޢުމާރީ ބަރުތަކުގެ މައްޗަށެވެ.

އާދެ، އިވެންޖަލިޒަމް (ނަޞާރާ ދީން ފެތުރުމުގެ ހަރަކާތް) އާއި، އޮރިއެންޓަލިޒަމް (އިސްލާމްދީނާ އިދިކޮޅަށް ލިޔެ މައުލޫމާތު ފެތުރުމުގެ ހަރަކާތް) އާއި، ސެކިއުލަރިޒަމް (ލާދީނީ ހަރަކާތް) އާއި، ވެސްޓަނައިޒޭޝަން (ހުޅަނގުގެ ގޮތްތައް ފެތުރުމުގެ ހަރަކާތް) އާއި، ގްލޯބަލައިޒޭޝަން (ބަވަނަ ކުރުމުގެ ހަރަކާތް) ފަދަ ހަރަކާތްތަކުގައި ހިމެނޭ އިސްލާމީ ސަގާފަތާ ފުށުއަރާ ކަންކަމުން މުސްލިމުންގެ ސަގާފަތަށް ކުރާ ނެދެވޭ އަސަރުތަކެވެ.

މި ހާލަތަށް މުސްލިމުން ގޮސްފައިވުމުން އިސްލާމީ ސަގާފަތު ދެމެހެއްޓުމަށް މަސައްކަތް ކުރުން މުހިންމު ވެއެވެ. އެހެނީ ސަގާފަތަކީ އޭގެ އާންމު ނަޒަރުން ބަލާއިރު ވެސް ކޮންމެ ބަޔަކަށް ވެސް އެބަޔަކު ފަރުދީ ގޮތުންނާއި ޖަމާއީ ގޮތުން ކުރިއެރުމަށް ވަރަށް މުހިންމު ކަމެކެވެ. އެންމެން އެއްބައިވަންތަ ކުރުވައި އެއް އަމާޒަކަށް ވާސިލުކޮށް ޙަޟާރަތެއް ގާއިމު ކުރަން އެހީވެދޭ ކަމެކެވެ.

ވީއިރު މުސްލިމުންނަށް ވަކިން ޚާއްޞަ ގޮތެއްގައި މިކަން މުހިންމު ވެގެން ދެއެވެ. އެއީ މުސްލިމުންގެ މެދުގައި ރަނގަޅު ފިކުރަކާއި ޢަޤީދާއެއް ބިނާކޮށްދީ، ދިރިއުޅުމުގެ އަމާޒެއް ކަނޑައަޅައިދީ، އުންމަތަށް ނިސްބަތްވުން ކަށަވަރުކޮށްދީ، ހައްގު ދަމަހައްޓައި ބާތިލު ފޮހެލައިދީ، ބިމުގެ ޚަލީފާގެ ދައުރު އެންމެ ފުރިހަމަ ގޮތުގައި އަދާކޮށްދީ، އަދި އިންސާނާ އަދަބުވެރި ކޮށްދޭތީ އެވެ. އަދި މި މުހިންމު ދައުރު އަދާކުރަން މުސްލިމުންނަށް ލާޒިމުވާ ސަބަބުތަކެއްވެސް ވެއެވެ. އެއީ އިސްލާމީ ސަގާފަތު ދަމަހައްޓަން އިސްލާމް ދީން ވަރަށް ބޮޑަށް ބާރު އަޅާތީ އެވެ.

ކީރިތި ޤުރުއާނުގެ ވަރަށް ގިނަ އާޔަތްތަކުން ވަކިން ޚާއްޞަ ގޮތެއްގައި ބަޤަރާ ސޫރަތުގެ ގިނަ އާޔަތްތަކަކުން މިކަން ހާމަވެ އެވެ. އަދި އިސްލާމީ ސަގާފަތު ރައްކާތެރިނުވެ ދާ ދިއުމުން އުންމަތް ސަލާމަތް ކުރަން ޖެހޭތީ އެވެ. ސަގާފީ ގޮންޖެހުންތަކުގެ ކުރިމަތީ ސާބިތުވާން ޖެހޭތީ އެވެ. ސަގާފަތު ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަމާއި އިންސާނީ އެދުންތަކާ ދެމެދު އޮންނަ ފުށުއެރުންތައް ނައްތާލަން ޖެހޭތީ އެވެ. މުސްލިމުންގެ ސަގާފަތާއި ސުލޫކު ބައްޓަން ކުރުމުގައި އިސްލާމީ ޢަޤީދާ އާއި ޝަރީޢާ އާއި އަޚްލާޤުގެ އޮނިގަނޑަށް އެ ފައްތަން ޖެހޭތީ އެވެ.

މި ހުރިހާ ސަބަބުތަކަށްޓަކައި މުސްލިމުން އިސްލާމީ ސަގާފަތު ދަމަހައްޓަން މަސައްކަތް ކުރަން ޖެހެއެވެ. މިގޮތުން އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ އިސްލާމީ ސަގާފަތުގެ އަމާޒު ދެނެގަތުމެވެ. އެ އަމާޒަކީ ޢިލްމީ ގޮތުން ކުރިއަރާފައިވާ، އިސްލާމީ ޢަޤީދާ ޤަބޫލު ކުރާ، އިސްލާމީ ޝަރީޢާއާއި އަޚްލާޤަށް ތަބާވާ، މުސްލިމަކަށް ވީތީ ފަޚުރުވެރިވާ، ޒަމާނީ ސަގާފަތަށް ހޭލުންތެރިވެފައިވާ، އުންމަތަށް ކުރިމަތިވާ މައްސަލަތަކާއި އެކަމުގެ ހައްލުތަކަށް ވެސް ހޭލުންތެރިވެފައިވާ މުސްލިމުންތަކެއް ފަރުދީ ހައިސިއްޔަތުންނާއި ޖަމާޢީ ހައްސިއްޔަތުން ތަރައްގީކޮށް ދެމެހެއްޓުމެވެ.

މި އަމާޒަށް ވާސިލުވުމަށްޓަކައި ކުރަންޖެހޭ ކަމަކީ، މިއާ ގުޅޭ މަގުސަދުތައް ހާސިލު ކުރުމެވެ. މިގޮތުން އެންމެ ފާހަގަ ކޮށްލެވޭ މަގުސަދުތަކަކީ އިސްލާމީ ޢަޤީދާ އޭގެ އުސޫލުތަކާ އެކު ހިފެހެއްޓުމާއި، ޝާމިލު މުސްލިމް ޝަޚުޞިއްޔަތަކާއި ނަމޫނާ އިސްލާމީ މުޖުތަމައެއް ބިނާ ކުރުމާއި، އިސްލާމީ މަސްދަރުތަކުގެ އަލީގައި މުސްލިމުންގެ ގެއްލިފައިވާ ސަގާފަތު އައުކޮށް އާލާ ކުރުމާއި، އިސްލާމްދީނާ މުސްލިމުންނާ އޮންނަ ގުޅުން ބަދަހި ކުރުމާއި، އިސްލާމީ އަޚްލާޤާއި ތަޢުލީމާއި ފުރިހަމަ ސިފަތައް ފެނިގެންދާ ވެށްޓެއް މުސްލިމުންގެ ތެރޭ ގާއިމު ކުރުމެވެ.

މި މަގުސަދުތައް ހާސިލު ކުރެވޭނީ އިސްލާމީ ސަގާފަތުގެ ވަޒީފާތައް ފުރިހަމަ ކޮށްގެންނެވެ. މިގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެ މުހިންމު ވަޒީފާތަކަކީ، އިސްލާމީ ނިޒާމުތައް މީސްތަކުންނަށް ހުށަހަޅައި ދިނުމާއި، އިސްލާމީ މުހިންމު މަފްހޫމުތަކާއި އުސޫލުތައް ހާމަކޮށްދިނުމާއި، އިސްލާމީ އެކިއެކި މަފްހޫމުތައް އިސްލާމީ މަގުސަދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޒަމާނަށް ފެއްތުމާއި، އިސްލާމްދީނާ މެދު އަރާފައިވާ އޮޅުންތައް ސާފުކޮށްދިނުމާއި، އިސްލާމީ އަޚްލާޤީ ނިޒާމުގެ ހުރިހާ ސިފަތައް ދަސްކޮށްދީ އެކަންކަމަށް މީސްތަކުން ހޭނުވުމާއި، އިސްލާމީ ސަގާފަތުގެ ފުރިހަމަކަން ހާމަ ކުރުމާއި، އެހެން ސަގާފަތު ތަކުން ވެސް އިސްލާމީ ސަގާފަތާ ފުށުނާރާ އެންމެހާ ރަނގަޅު ކަންކަމުގެ ބޭނުން ހިފިދާނެކަން ހާމަ ކުރުމެވެ.

މި ފަދަ ވަޒީފާތައް އަދާކުރުމަށްޓަކައި މިއާ ގުޅޭ އިސްލާމީ އެންމެހާ ޢިލްމުތައް މީސްތަކުންނަށް ފޯރުކޮށްދޭން ޖެހެއެވެ. އަދި މި ހުރިހާ ކަމެއްގެ ތެރެއިން އާޚިރުގައި އިސްލާމީ ސަގާފަތުގެ ޚާއްޞަ ސިފަތައް ދެމެހެއްޓެން ޖެހެއެވެ.

މި ހުރިހާ ކަމަކަށް އޮތް އެންމެ ރަނގަޅު އެއް ހައްލަކީ އިސްލާމީ ޢަޤީދާ އާއި ތަސައްވުރާއި، އިސްލާމީ ތަޢުލީމީ ފަލްސަފާ ގެ މައްޗަށް ބިނާވެފައިވާ ޝާމިލު ތަޢުލީމީ ނިޒާމެއްގެ ތެރެއިން ދަރިވަރުން ތަރުބިޔަތު ކުރުމެވެ. އެއީ މިފަދަ ނިޒާމެއްގައި އިސްލާމީ ޢަޤީދާގެ އުސޫލުތަކާއި، އަގުތަކާއި، ނަމޫނާތަކާއި މަގުސަދުތަކާއި ތައުލީމުތައް އެއްފަރާތް ނުކުރާނެތީ އެވެ. ހަމަ އެއާ އެކު އިންސާނުންގެ ތެރޭގައިވާ އެންމެ ފުރިހަމަ އެންމެ ކުރިއަރާފައިވާ އުންމަތަކަށް ވުމަށްޓަކައި ބޭނުންވާ ފިކުރާއި އިލްމާއި ހުނަރު ފޯރުކޮށްދޭނެތީ އެވެ.