01 ޑިސެމްބަރ 2017 - 08:53

ސްރީ ލަންކާ ކައިރީގައި އުފެދުނު ކޮޅިގަނޑުގެ އަސަރު ރާއްޖެ އަށް ފޯރަފާނެ ކަމަކަށް ދިވެހިން ތައްޔާރެއް ނުވެ އެވެ. އެ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ، "ސައިކްލޯން އޯކީ"ގެ ނަން ދީފައިވާ އިރު، ސްރީ ލަންކާ އާއި އިންޑިއާ އިން ވެސް މީހުން މަރުވެ އެތައް ބަޔަކު ހާލުގައި ޖެހުމުގެ އިތުރުން ބޮޑެތި ގެއްލުންތައް ވަނީ ލިބިފަ އެވެ. ރާއްޖެ އަށް ބުދަދުވަހުގެ ރޭ ކުރަން ފެށި ވިއްސާރައިގައި ވެސް ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ހިނގައި ބައެއް ރަށްރަށުގައި ފެންބޮޑުވެ، ގެއްލުންތައް ލިބިފައިވެ އެވެ. އެއާ އެކު ގިނަ ބަޔެއްގެ ނުރުހުން މޫސުމާ ބެހޭ އިދާރާ (މެޓް) އަށް ވަނީ އަމާޒުވެފަ އެވެ.
މި ކޮޅިގަނޑުގެ އިންޒާރު މެޓުން އެކަށީގެންވާ ގޮތަކަށް ދީފައި ނުވާ ކަމަށް ބުނެ އެ އިދާރާ އަށް އޮހިގެންދިޔަ ފާޑުކިޔުންތައް އިތުރަށް ގޯސްވީ، ތޫފާނެއް އަތުވެދާނެ ކަމަށް މީޑިއާގެ ކޮންމެވެސް ބަޔަކު ރިޕޯޓްކުރުމާ ގުޅިގެން އެ ވާހަކަ ދޮގުކޮށް، އަންގާރަ ދުވަހު މެޓުން ދިން ރައްދެއްގެ ސަބަބުންނެވެ.
"ޑިސެމްބަރު 4 ވަނަ ދުވަހު ރާއްޖެ ހިމެނޭ ސަރަހައްދަށް ތޫފާނެއް އަންނާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ބައެއް އޮންލައިން ނޫސްތަކުން ހާމަކުރުމާ ގުޅިގެން" މެޓުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރާއްޖެ ސަރަހައްދުގައި ޑިސެމްބަރު މަހު ތޫފާނެއް އުފެދިދާނެ ކަމުގެ އިންޒާރެއް އެއްވެސް ފަރާތަކުން ދީފައި ނުވާ ކަމަށެވެ. "އަދި ރާއްޖެ ސަރަހައްދުގައި ތޫފާނެއް އުފެދުމުގެ ފުރުސަތު އޮތް ނަމަ ފުރަތަމަ މި އިދާރާ އިން ދުރާލާ އެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރަމުން ގެންދާނެ" ކަމުގެ ޔަގީންކަން ވެސް އެ ނޫސްބަޔާނުގައި ދީފައިވެ އެވެ.
އެކަމަކު މެޓުން އެ ބުނި ގޮތަށް މި ކޮޅިގަނޑުގެ އިންޒާރެއް "ދުރާލާ" ދެވުނު ހެއްޔެވެ؟
ރާއްޖެ އަށް ބުދަދުވަހުގެ ރޭ ވިއްސާރަ އައި އިރު، މެޓުގެ "އިންޒާރެއް" އެ ރޭ ހަތެއް ޖެހި ފަހުން ޓްވީޓްކޮށްފައިވެ އެވެ. ސްރީ ލަންކާ ކައިރީގައި ބުދަދުވަހު ކޮޅިގަނޑެއް އުފެދިފައިވާ ކަމަށާއި އޭގެ އަސަރު ރާއްޖެ ސަރަހައްދަށް ކުރާނެތީ މޫސުމަށް ސަމާލުވުން މުހިއްމު ކަމަށް އޭގައި ބުނެފައިވެ އެވެ.
އެއާ އެކު ސޯޝަލް މީޑިއާގައި އެ އިދާރާ ދިޔައީ ހޫނު ފެނަށެވެ. މޫސުން ލަފާކުރުމުގައި މެޓްގެ ގާބިލްކަމާ މެދު އެއް ބަޔަކު ސުވާލު އުފެއްދި އިރު އާއްމުންގެ ރައްކާތެރިކަމާ މެދު ފަރުވާލެއް ނެތް ކަމާއި ގަސްދުގައި އޮޅުވާލާ ކަމުގެ ތުހުމަތު ވެސް އެ އިދާރާ އަށް ރައްދުވި އެވެ.
"މި ކުރާ ވިއްސާރައިގައި ލިބޭ ގެއްލުމުގެ ޒިންމާ [މެޓުން] ނަގަން ޖެހޭނެ! އެނގި ތިބެ ރައްޔިތުމީހާ އަށް ދޮގު މައުލޫމާތު ދިނުމަކީ ކަނޑައެޅިގެން ގެއްލުމަކަށް މަގުފަހިކުރުން؟ މޫސުން ވަރަށް ވަރަށް ގޯސް! އެނގިއްޖެ!" ރުޅިގަދަވެފައި ހުރި މީހަކު ޓްވީޓްކުރި އެވެ.
"މި ވަރުން ވެސް [މެޓުން] ބުނާނެ، ނޫނެކޭ، މިއީ ހަމަ އާދައިގެ ވިއްސާރައެކޭ،" ބޯ ވިއްސާރަ ވިލާތައް ރާއްޖެ މައްޗަށް ޖަމާވެފައިވާ މަންޒަރު ފެންނަ ސެޓެލައިޓް ފޮޓޯއަކާ އެކު ޓްވީޓްކުރި މީހަކު ބުންޏެވެ.
އަންގާރަދުވަހުގެ ހެނދުނުން ފެށިގެން ވެސް މެޓުން ގެންދިޔައީ ޓްވިޓާގައި "ވައިޓް އެލާޓް"ތައް ނެރެމުންނެވެ. ބޯކޮށް ވާރޭވެހި ވައި ގަދަވާނެ ކަމުގެ އިންޒާރު އަންގާރަދުވަހު ދެ ފަހަރު، އަދި ބުދަދުވަހުގެ މެންދުރުފަހު ވެސް ދީފައިވެ އެވެ. އެކަމަކު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވީ، މީޑިއާ އަށް ރައްދުދިން ބަޔާނުގައި، ރާއްޖެ ސަރަހައްދުގައި ތޫފާނެއް އުފެދުމުގެ ފުރުސަތު އޮތް ނަމަ އެ އިދާރާ އިން ދުރާލާ އެކަން އަންގާނެ ކަމަށް ބުނެފައި އޮތް އިރު، ލަންކާ ކައިރީގައި އުފެދުނު ތޫފާނުގެ އެއްވެސް އިންޒާރެއް މެޓުން ދީފައި ނުވާތީ އެވެ. އަދި މިއީ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ވިއްސާރައެއްކަން އެކަށީގެންވާ ގޮތަކަށް އާއްމުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ގަބޫލު ވެސް ނުކުރެވޭތީ އެވެ.
ގިނަ ބަޔަކު ދެކޭގޮތުގައި އެކަށީގެންވާ ވަގުތު އޮއްވާ މެޓުން ތޫފާނެއްގެ އިންޒާރެއް ދިން ނަމަ ގެއްލުންތަކުން ސަލާމަތްވާން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުނީހެވެ.
މި ފާޑުކިޔުންތަކާ ބެހޭ ގޮތުން މެޓުން އެއްޗެއް ނުބުނި ނަމަވެސް ބުދަދުވަހުގެ ރެއިން ފެށިގެން ވެސް ގިނަ އެލާޓްތަކެއް ވަނީ ނެރެފަ އެވެ. އަދި މީޑިއާ އަށް ވެސް ދޭތެރެ ދޭތެރެ އިން ތަފްސީލްކޮށް މައުލޫމާތު ދީފައިވެ އެވެ.
މޫސުން ލަފާކުރުމާއި މައުލޫމާތު ހާމަކުރުމުގައި މެޓުން އަމަލުކުރާ ގޮތްތަކަށް މީގެ ކުރިން ވެސް، ދޭތެރެދޭތެރެ އިން ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.