މޫސުން ގޯސްވެ މޯލްޑިވިއަންގެ ފްލައިޓް ޑިލޭވެ، ސްޕައިސް ޖެޓް ކެންސަލްކޮށްފި
މޫސުން ގޯސްވެ މޯލްޑިވިއަންގެ ފްލައިޓް ޑިލޭވެ، ސްޕައިސް ޖެޓް ކެންސަލްކޮށްފި

ރާއްޖޭގެ މޫސުން ގޯސްވުމުން މޯލްޑިވިއަންގެ ބައެއް ފްލައިޓްތައް މިއަދު ޑިލޭވެ، އިންޑިއާ އިން އަންނަ ސްޕައިސް ޖެޓްގެ ދަތުރު ކެންސަލްކޮށްފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ އޮފިޝަލަކު ވިދާޅުވީ މޫސުން ގޯސްވުމުން މިހާތަނަށް ކެންސަލްކުރީ ހަމައެކަނި ސްޕައިސް ޖެޓް އެކަނި ކަމަށެވެ.

"މޯލްޑިވިއަންގެ ބައެއް ފްލައިޓްތައް ޑިލޭވި ނަމަވެސް އިންޓަނޭޝަނަލް ފްލައިޓްތަކެއް މާ ބޮޑު ޑިލޭއެއް އައިކަމެއް އެނގިފައެއް ނުވޭ. ހަމައެކަނި އިންޑިއާއިން އަންނަން އޮތް ސްޕައިސް ޖެޓް ކެންސަލްކުރީ. އިތުރު އިންޓަނޭޝަނަލް ފްލައިޓެއް ޑައިވާޓްކޮށްފައެއް ވެސް ނެތް،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ މޫސުން ގޯސްވި ނަމަވެސް މެންދުރު އުމްރާއަށް މީހުން ގޮވައިގެން ދަތުރުކުރަން އޮތް ސައުދީ އެއާލައިން ވެސް ގަޑިއަށް ފުރި ކަމަށެވެ.

މޯލްޑިވިއަންގެ ހެޑް އޮފް ގްރައުންޑް އޮޕަރޭޝަން އަހުމަދު އިބްރާހިމް ވިދާޅުވި ގޮތުގައި ޑޮމެސްޓިކް ބައެއް ފްލައިޓްތައް ޑިލޭވެ، ހދ. ހަނިމާދޫން ޓްރިވެންޑްރަމަށް މިއަދު މެންދުރު ފުރަން އޮތް ފްލައިޓް ކެންސަލްކުރި ކަމަށެވެ. އަދި ޑިލޭވި ފްލައިޓްތަކުން ދަތުރުކުރަން ތިބި ހުރިހާ ފަސިންޖަރުން މިރޭ މަންޒިލްތަކަށް ފޮނުވާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގާތްގަނޑަކަށް ދެ ގަޑިއިރުގެ ޑިލޭއެއް އެބަ އުޅޭ. އެ ފްލައިޓްތަކުން ދަތުރުކުރަން ތިބި ހުރިހާ ފަސިންޖަރުން މިރޭ ފޮނުވާލެވޭނެ. އެ ޑިލޭ އައީ މިއަދު މެންދުރާ ހަމަޔަށް،" އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހެނދުނު 10:30 އިން ފެށިގެން ދެ ގަޑިއެއްހާއިރަށް ފްލައިޓްތައް ޑިލޭވި ކަމަށެވެ. އަދި އެކި ކަނެކްޝަންތަކާ ދިމާވާ ގޮތަށް ބޭރަށް ފުރަން ތިބި މީހުން ވެސް ފުރުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.