01 ޑިސެމްބަރ 2017 - 08:48

ޒިއުރިކް، ސްވިޒަލެންޑް (ޑިސެމްބަރު 1) - މިއަދު ރަޝިއާގެ މޮސްކޯގައި އޮންނަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރުނެގުމުގައި އެއްވެސް ވަރަކަށް މަކަރެއް ހެދުމުގެ ޖާގައެއް ނޯންނާނެ ކަމަށް ފީފާއިން ބުނެފި އެވެ.
ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ ވަނީ މިދިޔަ އަހަރު ބުނީ ޔުއެފާގެ މުބާރާތްތަކުގެ ގުރުއަތުނެގުމުގައި ގަސްދުގައި ވަކި ގޮތެއް ވަކި ޓީމުތަކަށް ހަދާފައިވާ ކަމަށެވެ. އޭނާ ބުނީ މަކަރު ހެދުމުގައި ބޭނުން ކުރާ އުކުޅަކީ ޕޮޓަށް ލުމުގެ ކުރިން ބޯޅަ ހޫނު ކޮށްފައި ފިނި ކޮށްގެން ކަމަށެވެ.
ފީފާގެ ރައީސަކަށް މިހާރު ހުރީ ކުރިން ޔުއެފާގެ އެކި އިސް މަގާމުތަކުގައި މަސައްކަތްކުރި ޖިއާނީ އިންފަންޓީނޯ އެވެ. ބްލެޓާގެ ތުހުމަތުތަކާ އެކު އިންފަންޓީނޯގެ މައްޗަށް މަކަރުގެ އެކި ތުހުމަތުތަކެއް މީޑިއާތަކުން ކުރަމުން އަންނައިރު، ފީފާ އިން ވަނީ އެ ފަދަ އެއްވެސް ކަމެއް ނުހިނގާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
"މަކަރު ހަދަން . އޮޅުވާލަން. އަދި އިންސާފުން ބޭރުން އެއްވެސް ކަމެއް ކުރުމުގެ ފުރުސަތެއް ނެތް. އަހަރެމެންގެ ސެކިއުރިޓީ އެއަށް ވުރެން ވަރުގަދަވާނެ. ހުރިހާ ކަމެއް ދާނީ ވަރަށް އިންސާފުވެރިކޮށް. އެ ޔަގީންކަން ހުރިހާ ސަޕޯޓަރުންނަށް އަހަރެމެންދެން،" ފީފާގެ ޑިރެކްޓަ އޮފް ކޮމްޕެޓިޝަންސް ކްރިސް އަންގާ ވިދާޅުވި އެވެ.
މޮސްކޯގެ ސްޓޭޓް ކްރެމްލިން ޕެލަސްގައި މިއަދު އޮންނަ ގުރުނެގުމުގެ ރަސްމިއްޔާތުގައި އެހީތެރިއެއްގެ ގޮތުގައި ބައިވެރިވާނީ ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު އުރުގުއާއީގެ ފޯވާޑް ޑިއޭގޯ ފޯލާން އެވެ. އޭނާ ބުނީ އަންނަ އަހަރު ވޯލްޑް ކަޕް ކާމިޔާބު ކުރާނީ ދެކުނު އެމެރިކާ އަށް ނިސްބަތްވާ ޓީމެއް ކަމަށެވެ.
ވޯލްޑް ކަޕަށް ގުރުނަގާއިރު ޕޮޓްތައް ކަނޑައެޅުމުގައި ބަލާނީ ފީފާއިން އެންމެ ފަހުން އާންމު ކުރި ރޭންކިން އަށެވެ.
ރަޝިއާ (މުބާރާތް ބާއްވާ ގައުމު)، ޖާމަނީ، ބްރެޒިލް، ޕޯޗުގަލް، އާޖެންޓީނާ، ބެލްޖިއަމް، ޕޮލެންޑް، ފްރާންސް
ސްޕެއިން، ޕެރޫ، ސްވިޒަލެންޑް، އިންގްލެންޑް، ކޮލަމްބިއާ، މެކްސިކޯ، އުރުގުއާއީ، ކްރޮއޭޝިއާ
ޑެންމާކް، އައިސްލެންޑް، ކޮސްޓަ ރިކާ، ސްވިޑެން، ޓިއުނީސިއާ، މިސްރު، ސެނެގޯލް، އިރާން
ސާބިއާ، ނައިޖީރިއާ، އޮސްޓްރޭލިއާ، ޖަޕާން، މޮރޮކޯ، ޕެނަމާ، ދެކުނު ކޮރެއާ، ސައުދީ އެރެބިއާ
ގުރުނެގުން ކުރިއަށްދާ ގޮތަށް ބަލާއިރު ޕޮޓް އެކެއްގައި ހިމެނޭ އަށް ޓީމު ފުރަތަމަ އަށް ގްރޫޕުގެ ފުރަތަމަ ޓީމުގެ ގޮތުގައި ބަހާލާނީ އެވެ. ދެން ހިމެނޭ ތިން ޕޮޓުގެ ޓީމުތައް މި އަށް ގްރޫޕަށް ގުރުއަތުން ބަހާލާއިރު އެއްވެސް ގްރޫޕެއްގައި ޔޫރަޕް ނޫން ޒޯނަކުން ކޮލިފައިވި އެއް ޓީމަކަށް ވުރެން ގިނަ ޓީމެއް ނުހިމެނޭނެ އެވެ. އަދި އެއްވެސް ގްރޫޕެއްގައި ޔޫރަޕްގެ ދެ ޓީމަށް ވުރެން ގިނަ ޓީމެއް ނުހިމެނޭނެ އެވެ.
ގުރުނެގުން އޮންނާނީ ރާއްޖެ ގަޑިން މިރޭ 8 ޖަހާއިރު އެވެ.