ގިނައިން ބޭވަފާތެރިވަނީ މުއްސަނދިން
ގިނައިން ބޭވަފާތެރިވަނީ މުއްސަނދިން

ފައިސާވެރިން އެ މީހުންގެ ހަޔާތުގެ ބައިވެރިޔާއަށް މަކަރު ހަދައި ބޭވަފާތެރިވުން، މަދުން ފައިސާ ލިބޭ މީހުންނާ އަޅާބަލާއިރު އިތުރު ކަމަށާއި މީގެ ތެރޭގައި ގިނައީ މުއްސަނދި ފިރިހެނުން ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އިނގިރޭސި ވިލާތުގެ ޑޭޓިން ސައިޓަކުން އެއްކުރި މައުލޫމާތުތަކުން ހާމަވި ގޮތުގައި މީހުންނާ ކައިވެނިކޮށްގެން އުޅޭ މީހުންގެ ތެރެއިން އޮންލައިންކޮށް ލޯބިވެރިން ހޯދަން މަސައްކަތްކުރާ ގިނަ މީހުންނަކީ ޕްރޮފެޝަނަލް މަސައްކަތްތެރިންނެވެ. އަދި މިގޮތަށް ސިއްރު ލޯބިވެރިން ހޯދަން އުޅޭ މީހުންގެ އަދަދު ކޮންމެ އަހަރަކު އަށް ޕަސެންޓް އިތުރުވަމުންދާ ކަމަށް ވެސް މި ހޯދުމުގައި ވަނީ ބުނެފަ އެވެ.

މި ދިރާސާއިން ދައްކާ ގޮތުގައި މި ޑޭޓިން ސައިޓްގައި މެމްބަރުންނަށް ވެެފައިވާ މީހުންގެ ތެރެއިން 45 ޕަސެންޓަކީ ސިއްރު ލޯބިވެރިން ގެންގުޅޭ މީހުންނެވެ. އަދި ގިނަ މީހުން މިގޮތަށް ގުޅެނީ އޮފީހުގައި އެކުގައި މަސައްކަތް ކުރާ މީހުންނާ ކަމަށް ވެ އެވެ.

މި ވެބްސައިޓުން ކުރި ސިލްސިލާ ސާވޭތަކެއްގެ ނަތީޖާ ދެއްކި ގޮތުން އެ ވެބްސައިޓްގެ މެމްބަރުންގެ ގޮތުގައި ތިބި މީހުންގެ އެެއް ޕަސެންޓަކީ އަހަރަކު އެއް މިލިއަން ޕައުންޑަށް ވުރެ ގިނައިން ލިބޭ މީހުންނެވެ. މި މީހުންގެ ތެރެއިން 29 ޕަސެންޓް މީހުން ބުނެފައިވަނީ އެމީހުން ހަފުތާއަކު 60 ގަޑިއިރު މަސައްކަތް ކުރާ ކަމަށެވެ. އަދި 34 ޕަސެންޓް މީހުން ބުނީ އެމީހުން މަސައްކަތް ކުރަނީ ހަފުތާއަކު 40 ގަޑިއިރު ކަމަށެވެ. ހަފުތާއަަކު 80 ގަޑިއިރު މަސައްކަތްކުރާ ކަމަށް 20 ޕަސެންޓް މީހުން ބުނެފައިވެ އެވެ.

އެއްކުރި މައުލޫމާތުން އެނގުނު ގޮތުގައިސައިޓްގެ މެމްބަރުންގެ ތެރެއިން 60،000 މީހުންނަކީ ފައިނެންޝަލް ޕްރޮފެޝަނަލުންނެވެ. އަދި މީގެ ތެރެއިން 65 ޕަސެންޓް މީހުންނަކީ ފިރިހެނުންނެވެ.