ޓީވީ ތަރިން ހީނާ ޚާން ދެކެ ރުޅިއަތުވެއްޖެ
ޓީވީ ތަރިން ހީނާ ޚާން ދެކެ ރުޅިއަތުވެއްޖެ

ބިގް ބޮސް 11ގެ ބައިވެރިންގެ ތެރެއިން އެންމެ ރަނގަޅުކަމަށް ހެދިގެން އުޅޭ އަދި އެންމެ ގިނަ ބަޔަކު ރުޅި އަންނަ މީހަކީ ޓީވީ ބަތަލާ ހީނާ ޚާން އެވެ. އެކި މީހުންނަށް މަލާމާތްކޮށް ބަހުގެ ހަމަލާތައް ފޮނުވަމުންދާތީ ހީނާ އަށް ވަރަށް ގިނަ ފަހަރަށް ޝޯގެ ހޯސްޓް ސަލްމާން ޚާން ވެސް އިންޒާރު ދީފައިވެ އެވެ. ނަމަވެސް ހީނާ އަކަށް މިކަމުން މާ ބޮޑު ބަދަލެއް ނާދެ އެވެ.

ޓީީވީ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ"އިން މަޝްހޫރުވި ހީނާ ވަނީ ޓީވީ ތަރިންގެ ތެރެއިން ބައެއް ބަތަލާއިންނަށް ވެސް ފާޑުކިޔާފަ އެވެ. ހީނާ ބުނާ ގޮތުގައި ޓީވީ އަދި ފިލްމީ ބަތަލާ ގޯހަރް ޚާން އަކީ މަޝްހޫރުކަމަށް ބަލާއިރު އޭނާއަށް ވުރެ ދެ ގުނަ ދަށުގައި އުޅޭ މީހެކެވެ. އަދި ވަރަށް ގިނަ ޓީވީ ސިލްސިލާތައް ކުޅެ އާމިރު ޚާންގެ "ދަންގަލް"ގައި ވެސް މުހިއްމު ރޯލެއް ކުޅެފައިވާ ޓީވީ ބަތަލާ ސާކްޝީ ރާންވަރް އަކީ ލޯ އަވަރު މީހެއް ކަމަށް ހީނާ ބުނާ ވީޑިއޯއެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފަ އެވެ.

މި ވީޑިއޯ އަކީ ބިގް ބޮސްގެ މިފަހަރުގެ ސީޒަންގެ އެހެން ދެ ބައިވެރިއެއް ކަމަށްވާ އަރްޝީ ޚާން އާއި ވިކާސް ގުޕްތާއާ އެކު ހީނާ ވާހަކަ ދައްކާތަން ފެންނަ ވީޑިއޯ އެކެވެ.

މި ވީޑިއޯގައި ހީނާ ބުނީ ގޯހަރްގެ ސޯޝަލް މީޑިއާ ފޭނުން އޭނާއަށް ވުރެ ދެ ގުނަ މަދުވާނެކަމަށެވެ. ހީނާގެ ވާހަކަ އަށް ޖަވާބު ދެމުން ވިކާސް ބުނަނީ އެހެން ދިމާވީ ގޯހަރް ސޯޝަލް މީޑިއާގައި އެކްޓިވް ނޫންވީމާ ކަމަށް ވެސް ވެދާނެ ކަމަށެވެ. ނަމަވެސް ހީނާ އަނެއްކާވެސް ބުނަނީ އޭނާ އަކީ ވެސް ސޯޝަލް މީޑިއާގައި އެކްޓިވް މީހެއް ނޫން ކަމަށެވެ.

ނަމަވެސް ހީނާ މި ދެއްކި ވާހަކަ އަކީ ވެސް ހަގީގަތެއް ނޫނެވެ. ޓުވިޓާގައި ހީނާ ފޮލޯކުރަނީ 126،000 މީހުންނަށް ވާއިރު ގޯހަރް ފޮލޯކުރާ މީހުންގެ އަދަދު 2.17 މިލިއަނަށް އަރަ އެވެ.

ހީނާ ދެއްކި ވާހަކަތަކާ ރުޅިއައިސްގެން ގޯހަރް ވަނީ ހީނާއަށް ރައްދު ދީ ޓުވީޓްކޮށްފަ އެވެ. ގޯހަރް ބުނި ގޮތުަގައި މާ ރަނގަޅު މީހަކަށް ހެދިގެން ހީނާ އުޅޭއިރު އޭނާގެ ފޮނިކަމާއި ބޮޑާކަން މިހާރު ހާމަވަމުންދާ ކަމަށެވެ.

ސާކްޝީއާ ބެހޭ ގޮތުން ހީނާ ދެއްކި ވާހަކަ އަށް ވެސް ވަރަށް ގިނަ ޓީވީ ތަރިން ވަނީ ޖަވާބު ދީފަ އެވެ. އަދި ސާކްޝީއާ އެއް ފެންވަރަކަށް ހީނާ އަށް އެކްޓް ނުކުރެވޭނެ ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.

ހީނާ އަށް ސަޕޯޓްކުރާ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި "ބިގް ބޮސް"ގައި ބައިވެރިވުމަކީ އޭނާގެ ކެރިއަރު އަމިއްލައަށް މަރާލުން ފަދަ ކަމެކެވެ. އެހާ ބޮޑަށް ހީނާގެ އަގު މީހުންގެ ކުރިމަތީގައި ވެއްޓެމުންދާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.