01 ޑިސެމްބަރ 2017 - 07:56

މައްސަލަ ބޮޑުވެފައިވާ ފިލްމު "ޕަދްމާވަތީ"ގެ ތްރީޑީ ވާޝަނެއް އިންޑިއާގެ ސެންސަރު ބޯޑަށް ހުށަހަޅައިފި އެވެ. މިހާރު ސެންސަރު ބޯޑަށް ފާސް ކުރަން ހުށަހަޅާފައިވާ އެހެން ފިލްމުތަކާ އެކު މި ފިލްމު ވެސް ފާސްވާނެ ވަގުތަކަށް އިންތިޒާރު ކުރަމުން އަންނަ ކަމަށް ފިލްމު އުފެއްދި ފަރާތުން ވަނީ ބުނެފަ އެވެ.
ފިލްމުގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ އާއި ޕްރޮޑިއުސަރު ވައަކޮމް 18 އިން އަންގާރަ ދުވަހު ވަނީ ފިލްމު އަނެއްކާވެސް ސެންސަރު ބޯޑަށް ހުށަހަޅާފަ އެވެ.
ކުރީ ޒަމާނުގެ ހާދިސާތަކެއްގެ މައްޗަށް ކުޅެފައިވާ މި ފިލްމު ޝޫޓްކޮށްފައި ވަނީ ޓޫޑީ ކޮށެވެ. ނަމަވެސް ތްރީޑީ އަށް ބަދަލުކުރީ ތްރީޑީ ޓްރެއިލާ އަށް ލިބުނު ޕޮޒިޓިވް ފީޑްބެކްތަކުގެ ސަބަބުންނެވެ.
ސެންސަރު ބޯޑުގެ ފަރާތުން ވާހަކަ ދެއްކި އެ ބޯޑުގެ މެމްބަރަކު ޕްރެސް ޓްރަސްޓް އޮފް އިންޑިއާ އަށް ބުނީ ކުރިން ފިލްމުގެ ޓޫޑީ ވާޝަން ސެންސަރު ކުރަން ހުށަހަޅާފައިވާ ކަމަށާއި ފަހުން ލިބިފައިވަނީ ތްރީޑީ ވާޝަނެއް ކަމުން އެއީ މުޅިން އާ ހުށަހެޅުމެއްގެ ގޮތުގައި ބަލައި އަމަލު ކުރާނެ ކަމަށެވެ.
"ޕަދްމާވަތީ" ރިލީޒްކުރަން ހަމަޖެއްސީ ޑިސެމްބަރު 1 ވަނަ ދުވަހު އެވެ. ނަމަވެސް ސެންސަރު ބޯޑުން ފިލްމު ފާސްނުކޮށްދިނުމުގެ ސަބަބުން ފިލްމު ރިލީޒްކުރުން ވަނީ ވަކި މުއްދަތެއް ނެތި ފަސްކޮށްފަ އެވެ.
އިންޑިޔާގެ ރާޖްޕޫތު ގްރޫޕްތަކުންނާއި ސިޔާސީ ލީޑަރުން ވަނީ "ޕަދްމާވަތީ"އާ ދެކޮޅަށް ވަރަށް ވަރުގަދަ އިހުތިޖާޖެއް ފަށާފަ އެވެ. އަދި ބޮޑެތި ބައެއް ސްޓޭޓްތަކުގައި ފިލްމު އެޅުވުން ވަނީ މަނާކޮށްފަ އެވެ. ފިލްމާ ދެކޮޅު ހަދާ މީހުން ބުނަނީ ފިލްމުގައި ދައްކާ ރާނީ ޕަދްމާވަތީ އާއި އަނިޔާވެރި ރަސްކަލެއް ކަމަށްވާ އަލާއުއްދީން ޚިލްޖީގެ މަންޒަރެއް ފިލްމުގައި ހިމެނޭ ކަމަށާއި އެއީ ހުވަފެނީ މަންޒަރެއްގެ ގޮތުގައި ހިމެނިޔަސް އެކަން ބަލައި ނުގަނެވޭނެ ކަމަށެވެ. ނަމަވެސް ބާންސަލީ ތަކުރާރުކޮށް ބުނެފައިވާ ގޮތުގައި ފިލްމުގައި ޚިލްޖީ އާއި ޕަދްމާވަތީ އެކުގައި ފެންނަ އެއްވެސް މަންޒަރެއް ނުހިމެނޭނެ އެވެ.
ތާރީޚް ދިރާސާ ކުރާ ފަރާތްތައް ވެސް ވަނީ "ޕަދްމާވަތީ" މައްސަލައިގައި ދެ ބައި ވެފަ އެވެ. އެއްބަޔަކު ބުނަނީ ޕަދްމާވަތީ އަކީ ޚިޔާލީ ވާހަކައެއްގެ ކެރެކްޓާ އެއް ކަމަށެވެ. ނަމަވެސް އަނެއް ބަޔަކު ބުނަނީ އެއީ ހަގީގަތުގައި ވެސް އިންޑިޔާގައި އުޅުނު ރާނީއެއް ކަމަށެވެ.
"ޕަދްމާވަތީ"ގައި ރާނީ ޕަދްމާވަތީގެ ރޯލު އަދާކުރަނީ ދީޕިކާ ޕަދުކޯން އެވެ. ޚިލްޖީގެ ރޯލު ރަންވީރު ސިންގް އަދާ ކުރާއިރު ރާނީ ޕަދްމާވަތީގެ ފިރިމީހާގެ ރޯލު ކުޅެފައިވަނީ ޝާހިދު ކަޕޫރެވެ.