ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން މިފަހަރު ވެސް އާކަށް
ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން މިފަހަރު ވެސް އާކަށް

ގައުމީ ބެޑްމިންޓަން މުބާރާތުގެ ޓީމް އިވެންޓް ބައިން ފިރިހެން ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަންކަން އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) ޖެހިޖެހިގެން ހަ ވަނަ ފަހަރަށް ހޯދައިފި އެވެ.

އިއްޔެ ކުޅުނު ފައިނަލުގައި އާކް ވާދަކުރީ އެމްޕީއެލް ޓީމާ އެވެ. އާކް މޮޅުވީ ޓައިގައި ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެގެންނެވެ. އެމްްޕީއެލް ވަނީ ޓައިގެ ދެ މެޗުން މޮޅުވެފަ އެވެ. މި ފަހަރުގެ މުބާރާތުން ކާމިޔާބީ ލިބުނު ނަމަވެސް އަންނަ އަހަރުގެ މުބާރާތުގައި އާކުން ވާދަނުކުރާނެ ކަމަށް އެ ޓީމުން ވަނީ ބުނެފަ އެވެ.

އާކްގެ ކެޕްޓަން އަދި ގައުމީ ޓީމުގެ ކުޅުންތެރިއާ ޒަޔާން ޒަކީ ފޭސްބުކްގައި ލިޔެފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މުބާރާތުގެ ގަވައިދުގައި މި އަހަރު ހިމަނާފައިވާ މާއްދާއެއްގެ ސަބަބުން ގައުމީ ރޭންކިންގެ އެންމެ ގަދަ ހަތަރު ކުޅުންތެރިންގެ ހައްގުތަކެއް ގެއްލޭތީ ގަވައިދުގެ އެ މާއްދާ އަށް ބަދަލު ގެނައުމުން ނޫނީ އެ ޓީމުން ދެން މުބާރާތުގައި ވާދަނުކުރާނެ ކަމަށެވެ.

މިދިޔަ ފަސް އަހަރު ޓީމް އިވެންޓް ކާމިޔާބުކޮށްގެން އާކަށް ލިބުނު ފައިސާގެ އިނާމް އެ ޓީމުން ވަނީ އާކުން ހިންގާ ހޯޕް ކެމްޕެއިނަށް ހަދިޔާކޮށްފަ އެވެ.

ޓީމު އިވެންޓުން ފިރިހެން ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ކްލަބް ސްޓެޓިކް އެވެ. އެ ޓީމުން ފައިނަލުގައި ކުރިހޯދީ ޒުވާން ކުޅުންތެރިންތަކަކާ އެކު ނުކުތް އޮފު އެފްސީއާ ވާދަކޮށެވެ. ޖޫނިއާ ގައުމީ ޓީމުގެ ކުޅުންތެރިންތަކަކާ އެކު އޮތް އޮފު އެފްސީއާ ދެކޮޅަށް ކުޅެ ސްޓެޓިކުން ވަނީ ޓައިގެ ފުރަތަމަ ތިން މެޗުން މޮޅުވެފަ އެވެ.

އަންހެން ބައިން ޓީމު އިވެންޓުގެ ދެ ވަނަ ޑިވިޝަން ޗެމްޕިއަންކަން ހޯދީ އައްޑޫ ބެޑްމިންޓަން ކްލަބެވެ. އެ ޓީމުން ވަނީ ފައިނަލުގައި އެމްއައިބީއޭއާ ވާދަކޮށް ޓައިގެ ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެފަ އެވެ.

އަތޮޅު ލީގުގެ ފިރިހެން ބައިން ޓީމް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ އޭދަފުށީ ބެޑްމިންޓަން ޑިވެލޮޕްމެންޓް ކޮމިޓީ އެވެ. ފައިނަލުގައި އެ ޓީމުން ވަނީ އައްޑޫ އަށް ނިސްބަތްވާ ހޮރައިޒަން އެކަޑަމީ ބަލިކޮށްފަ އެވެ. އޭދަފުށީ ޓީމުން ޓައިގެ ތިން މެޗުން މޮޅުވިއިރު، ހޮރައިޒަން ވަނީ އެއް މެޗު ކާމިޔާބު ކޮށްފަ އެވެ.

ޓީމް އިވެންޓުގެ މެޗުތަކަށް ފަހު މިހާރު ކުރިއަށްދަނީ އޯޕަންސް އިވެންޓުތަކުގެ މެޗުތަކެވެ.