އިތުރު ކޯހެއް ފުރިހަމަކޮށް އެސްޕީ އަށް ކުރިއެރުމެއް
އިތުރު ކޯހެއް ފުރިހަމަކޮށް އެސްޕީ އަށް ކުރިއެރުމެއް

އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑެރޭޝަންސް (އައިއޭއޭއެފް) ލެވެލް 2 ކޯޗާސް ލެކްޗަރާ ކޯސް ފުރިހަމަކޮށް ރާއްޖޭގެ މޫސާ ރަޝީދު (އެސްޕީ) އިތުރު ކުރިއެރުމެއް ހޯދައިފި އެވެ.

އިންޑޮނޭޝިއާގެ ޔޮގޮޔަކާޓާގައި މި މަހުގެ 24 އިން އިއްޔެގެ ނިޔަލަށް ކުރިއަށް ދިޔަ ކޯސް ފުރިހަމަ ކުރުމާ އެކު އެސްޕީ އަށް ވަނީ ކޯޗިން ކޯސްތައް ކުރިއަށްގެންދަން އިތުރު ތަމްރީންތަކެއް ލިބިފަ އެވެ. މިދިޔަ އަހަރު އެސްޕީ ފުރަތަމަ ކޯސް ފުރިހަމަ ކުރުމާ އެކު އޭނާ ވެފައިވަނީ އެތުލެޓިކްސްގެ ބައިނަލްއަގްވާމީ ކޯޗިން އިންސްޓްރަކްޓާ ލައިސަންސް ލިބުނު ފުރަތަމަ ދިވެއްސަށެވެ.

އެ ލައިސަންސާ އެކު އެސްޕީ ވަނީ މިދިޔަ އަހަރު ސްރީ ލަންކާގައި އޮތް ކޯހެއްގައި ކިޔަވައި ވެސް ދީފަ އެވެ.

ރާއްޖޭގައި ހިންގާ ކޯސްތަކުގައި ކިޔަވައިދިނުމުގެ ލައިސަންސް ބައެއް ދިވެހި ކޯޗުންގެ އަތުގައި މިހާރު ވެސް އޮވެ އެވެ. އެކަމަކު އެއީ ބޭރު ގައުމުތަކުގައި ކޯސް ހިންގުމުގެ ލައިންސެންސެއް ނޫނެވެ.

ކުޅިވަރުގެ ދާއިރާއިން 2013 ގައި ގައުމީ އިނާމް އަދި ކުޅިވަރުގެ ދާއިރާ އިން 2004 ގައި ޒުވާނުންގެ ގައުމީ އިނާމް ހާސިލްކޮށްފައިވާ އެސްޕީ އަންނަނީ ކުރިންސުރެ ކޯޗިން ދާއިރާގައި ހަރަކާތްތެރިވަމުންނެވެ. އެގޮތުން އޭނާ ވަނީ 1990 ވަނަ އަހަރުން ފެށިގެން މާލެ އަދި ރަށްރަށުގެ ބައެއް ސްކޫލްތަކުގައި އެތުލެޓިކްސް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.

މީގެ އިތުރުން ސްކޫލް ކުދިންނަށް ޖިމްނާސްޓިކުގެ ހުނަރު ދަސްކޮށްދިނުމަށް ކުޅިވަރާ ބެހޭ މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީން 1995 ގައި ފެށި ޕްރޮގްރާމުގައި އެންމެ އިސް ދައުރެއް އަދާކުރީ ވެސް މޯލްޑިވްސް ޕޮލިސް ސާވިސަސްގައި ވަޒީފާއަދާކުރަމުން އަންނަ އަދި ކުރީގެ ގައުމީ އެތުލެޓިކްސް ޓީމުގެ ކޯޗުކަން ވެސް ކުރި އެސްޕީ އެވެ.

މީގެ އިތުރުން ބޭރުގެ ބައެއް މުބާރާތްތަކުގައި އޮފިޝަލެއްގެ ގޮތުން ވެސް އޭނާ ވަނީ މަސައްކަތްކޮށްފަ އެވެ.

އެސްޕީ އަންނަނީ މޫދުގެ ބައެއް ކުޅިވަރުތަކާއި މާޝަލް އާޓްސްގެ ހުނަރުތައް ދަސްކޮށްދޭން ވެސް ތަފާތު ޕްރޮގްރާމްތައް ހިންގަމުންނެވެ.