30 ނޮވެމްބަރ 2017 - 10:34

ކުރިއެރުން އޮތީ އިސްލާމީ ރިވެތި އުސޫލުގައި ހިފަހައްޓައިގެން ކަމަށާއި މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ދެމިތިބެ، އިސްލާމީ ރިސާލަތު ފަތުރާ ބަޔަކަށް ދިވެހިން ވުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު އިލްތިމާސް ކުރައްވައިފި އެވެ.
ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އީދު މީލާދުގެ މުނާސަބަތުގައި، ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގައި ރައީސް ޔާމީން ފާހަގަކުރެއްވި ގޮތުގައި އިސްލާމްދީނަކީ އެންމެ ފުރިހަމަ ދީނެވެ. އަދި އެއީ ހުރިހާ ޒަމާންތަކަށާއި ހުރިހާ ތަނަކަށް އެކަށީގެންވާ ގޮތުގައި މާތް ﷲ ފޮނުއްވި މާތް ހިދާޔަތެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެހެންކަމުން، އަޅުގަނޑުމެންނަކީ މި މަތިވެރި ހިދާޔަތުގައި ދެމިތިބެ، އިސްލާމީ ރިސާލަތު ފަތުރާ، އިސްލާމްދީނަށް ލޯބިކުރާ ބަޔަކު ކަމުގައި ވުމަށް މި މުނާސަބަތުގައި އިލްތިމާސް ކުރަމެވެ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިފަދަ މުނާސަބަތެއް އިހްތިފާލް ކުރުމުގެ އެންމެ ބޮޑު ބޭނުމަކަށް ވާން ޖެހޭނީ، އެކަލޭގެފާނުގެ ހަޔާތްޕުޅުން އިބުރަތް ލިބިގަތުމަށެވެ. އަދި އެ މަތިވެރި ގޮތްތަކާއި އުސޫލުތައް ދަސްކޮށް، އެކަލޭގެފާނު ދެއްކެވި މާތް ހިދާޔަތުގައި ދެމިތިބުމަށް ކަމަށް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި އަޅުގަނޑުމެން ކުރިއަރައި ދާނީ، އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓައިގެން، މާތް ނަބިއްޔާ ދެއްކެވި މާތް ހިދާޔަތުގައި ދެމިތިބެގެންނެވެ.
ރައީސް ވިދާޅުވީ ﷲ ގެ ރިސާލަތު މީސްތަކުންގެ ތެރޭގައި ފެތުރުއްވުމުގައި ކީރިތި ރަސޫލާ އަށް ކިތަންމެ ދަތިތަކަކާއި އުނދަގޫތަކެއް ތަހައްމަލު ކުރައްވަން ޖެހިވަޑައިގެންނެވި ނަމަވެސް، އެކަލޭގެފާނު އެ ދެއްކެވި ހިތްވަރުފުޅު ގަދަކަމާއި ކެތްތެރިކަމުގެ ނަމޫނާ އިން ދެއްކީ އިބްރަތްތެރި ފިލާވަޅެއް ކަމަށެވެ.
އޭގެ ނަތީޖާއަކަށް ވީ، އިސްލާމީ އުންމަތަކީ ދުނިޔޭގެ އެންމެން ގަދަރުކުރާ، އިޙުތިރާމުކުރާ، އިލްމީގޮތުންނާއި ހުރިހާ ގޮތަކުން ދުނިޔޭގެ އެންމެ ޝަރަފުވެރި، އެންމެ މާތް އުއްމަތަށް ވުން ކަމަށް ރައީސް ވިދާޅުވި އެވެ.