30 ނޮވެމްބަރ 2017 - 11:02

ދަ ހޭގު (ނޮވެމްބަރު 30) - ބޮސްނިއާ ހަނގުރާމައިގައި މުސްލިމުންނާ ދެކޮޅަށް ގަތުލްއާއްމު ހިންގި ކަމުގެ ކުށުގައި 20 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައި ހުރި މުޖްރިމެއް ކަމަށްވާ ސްލޮބޮޑާން ޕްރަލްޖަކް ކޯޓުގައި ޒަހަރު ބޮއެގެން މަރުވެއްޖެ އެވެ. އޭނާ މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

އުމުރުން 72 އަހަރުގެ ޕްރަލްޖަކު އދ.ގެ ކޯޓަށް ހާޒިރުކުރީ އޭނާގެ ޝަރީއަތުގެ އިސްތިއުނާފުގެ ފަހު މަރުހަލާގެ ހުކުމް އިއްވުމަށެވެ. އޭނާގެ މައްޗަށް އިއްވާފައިވާ 20 އަހަރުގެ ޖަލު ހުކުމް ދަމަހައްޓާނެކަން އެނގުމާ އެކު ބޮސްނިއާ-ކްރޮއޭޝިއާ ސިފައިންގެ ކުރީގެ ކޮމާންޑަރު ވަނީ އޭނާ އަކީ ކުށްވެރިއެއް ނޫން ކަމަށް ބުނެ ކޯޓުގައި އަޑުގަދަކޮށްފަ އެވެ. ދެން ފެނުނީ ކުއްލިއަކަށް ފުޅިއެއް ނަގާ ބޯލި ތަނެވެ.
"އަހަރެން ޒަހަރު ބޮއެފިން،" ކޯޓުގައި އޭނާ އިއުލާން ކުރި އެވެ.
ހަމަ އެ ވަގުތު ފަނޑިޔާރު ވަނީ ޝަރީއަތް މެދުކަނޑާލުމަށް ފަހު އެމްބިއުލެންސް ގެނައުމަށް އަންގައިފަ އެވެ. އަދި ޕްރަލްޖަކު ބުއި ތަށި ނުނެގުމަށް ފަނޑިޔާރު އެންގި އެވެ.
ބޮސްނިއާ ހަނގުރާމައިގައި މުސްލިމުންނާ ދެކޮޅަށް ހިންގި ގަތުލްއާއްމު ތަހުގީގު ކުރަން އުފައްދާފައިވާ އިންޓަނޭޝަނަލް ކްރިމިނަލް ޓްރައިބިއުނަލް ފޯ ފޯމާ ޔޫގޮސްލޭވިއާ (އައިސީޓީވައި) އިން ބުނެފައި ވަނީ ޕްރަލްޖަކަށް އެހީވުމަށް މެޑިކަލް ޓީމުން ވަގުތުން ހަރަކާތްތެރިވި ކަމަށެވެ.
އޭނާ މަރުވީ އެންމެ ކައިރީގައިވާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.
ޕްރަލްޖަކު އަކީ ބޮސްނިއާ- ކްރޮއޭޝިއާގެ ޑިފެންސް ފޯސްގެ ކުރީގެ ކޮމާންޑަރެވެ. އޭނާގެ މައްޗަށް 2013 ވަނަ އަހަރު ޖަލު ހުކުމް އިއްވީ 1992-95 އަށް ކުރި ބޮސްނިއާ ހަނގުރާމައިގައި ހިންގާފައިވާ ޖަރީމާތަކާ ގުޅިގެންނެވެ.
ޕްރަލްޖަކާ އެކު ބޮސްނިއާ ހަނގުރާމައިގެ މުޖްރިމުންގެ ގޮތުގައި ހަ މީހަކު ވަނީ އައިސީޓީވައި އަށް ހާޒިރުކޮށްފަ އެވެ. އެ މީހުން ވެސް ހާޒިރުކުރީ އިސްތިއުނާފް މަރުހަލާގެ ފަހުގެ ޝަރީއަތަށެވެ.
އދ.ގެ ސަލާމަތީ މަޖިލީހުން 1993 ވަނަ އަހަރު އުފެއްދި އައިސީޓީވައިގެ މޭންޑޭޓް މި އަހަރުގެ ނިޔަލަށް ހަމަވާނެ އެވެ. އޭގެ ފަހުން އެ ޓްރައިބިއުނަލް ބަންދު ކުރާނެ އެވެ.
ބޮސްނިއާގައި 1992-1995 އަށް ކުރި ހަނގުރާމައިގައި ސާބިއާ ސިފައިން ވަނީ ސްރެބެނިއްޒާގައި، 1995 ވަނަ އަހަރު ބޮސްނިއާގެ 8،000 މުސްލިމުން މަރައިފަ އެވެ. މިއީ ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު ޔޫރަޕުގައި ހިންގި އެންމެ ބޮޑު ގަތުލްއާއްމެވެ. މި ގަތުލްއާއްމުގައި އިސްކޮށް ހުރި ސާބިއާ ސިފައިންގެ ކޮމާންޑަރު ރަޓްކޯ މުލާޑިޗް އުމުރަށް ޖަލަށްލާން ބައިނަލްއަގުވާމީ ޓްރައިބިއުނަލުން މިދިޔަ ހަފުތާގައި ވަނީ ހުކުމްކޮށްފަ އެވެ. އުމުރުން 74 އަހަރުގެ މުލާޑިޗުގެ މައްޗަށް ހުކުމް އިއްވި ޝަރީއަތުގެ މަޖިލީހުގައި އޭނާ ވަނީ ފަނޑިޔާރުންނާ ދިމާލަށް ހަޅޭލައްވަން ފެށުމުން ކޯޓުން ބޭރަށް ނެރެފަ އެވެ.