01 ޑިސެމްބަރ 2017 - 08:00

ނަރުދަމާ ނިޒާމްގެ ތެރެއިން ފައިދާއެއް ހޯދިދާނެ ކަމަށް ގަބޫލުކުރަންހެއްޔެވެ؟ ނިއުޖެނެރޭޓަރަކީ ނަރުދަމާއިން ބޭރުވާ ނަޖިހުން ވަރަށް ގިނަ ފައިދާތައް ހޯދޭ ގޮތަށް އުފައްދާފައިވާ ކުޑަ ޕްލާންޓެކެވެ.
މިއީ އެމެރިކާގެ ސައުތު ފްލޮރިޑާ ޔުނިވާސިޓީގެ އިންޖިނިއަރުންގެ ޓީމަކުން އެސޯސިއެޓް ޕްރޮފެސަރު ޑެނިއަލް ޔޭ، އިސްވެ ހުރެ ތަރައްގީކުރި ޑިވައިސެކެވެ. މީގެ ޕްލާންޓްތައް ފާޚާނާތަކާ ގުޅުވާލުމުން އެ ތަންތަނުން ބޭރުކުރާ ނަޖިސް އެންމެ ފުރަތަމަ ބަޔޯރިއެކްޓަރެއްގެ އެހީގައި ގޭހަށް ބަދަލުކުރުވައެވެ. މިއީ ކެއްކުމަށާއި ކަރަންޓު އުފައްދަން ބޭނުންވާ މީތޭން ލިއްބައިދޭ ގޭހެކެވެ. އަގުހެޔޮކޮށް ގޭހާއި ކަރަންޓު ލިބުނީއެވެ.
ނިއުޖެނެރޭޓަރާ ގުޅިފައި ހުންނަ ނަރުދަމާތަކުން އަންނަ ނަޖިސް ފުރާނައި ސާފުކުރުމަށްފަހު ފެންތައް ދެވަނަ ފަހަރަށް ބޭނުންކުރެވޭ ފެންވަރަށް ގެނުވައެވެ. މި ފެނަކީ ބޯން ކަމުދާ ފެނަކަށް ނުވިޔަސް، ފާޚާނާތަށްޓަށް އެޅުމަށާއި ގަސްތަކަށް ޖަހަން ކަމުދާ ވަރު ވާނެކަމަށްވެއެވެ. ފެން އިސްރާފުވުން ކުޑަކުރަން ކިހާ މޮޅު ގޮތެއްހެއްޔެވެ؟
ނިއުޖެނެރޭޓަރުން ދެން ކޮށްދޭ ކަމަކީ ނަޖިހުގެ ތެރެއިން ނައިޓްރަޖަން އާއި ފޮސްފަރަސް ވަކިކޮށް، ގަސްކާނާގެ ގޮތުގައި ބޭނުންކުރެވޭ ފެންވަރަށް ތައްޔާރު ކުރުމެވެ. ގަސްކާނާގެ ޚަރަދު ވެސް ކުޑަވީ އެވެ.
މިއީ ތަރައްގީވަމުން އަންނަ ގައުމުތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަށް ހައްލަކަށްވެދާނެއެވެ. ސާފު ބޯފެނާއި ހަކަތައިގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ ގައުމުތަކަށް މިއީ އުފާވެރި ޚަބަރެކެވެ. ދެން އޮތީ މީގެ ބޭނުންކުރުމުގެ ފުރުސަތު ފަގީރު ގައުމުތަކަށް ލިބުމެވެ. ނިއުޖެނެރޭޓަރުގެ އަޖުމަ ބަލަން އެންމެ ފުރަތަމަ ބެހެއްޓީ އިންޑިޔއާގެ ސްކޫލެއްގައެވެ. ކާމިޔާބުކަމާއެކު ހިންގި އެ ޕްރޮޖެކްޓަށް ފަހު މިހާރު އެ ޓީމުން ތައްޔާރުވަމުން އަންނަނީ ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަނުން ޚަރަދުކޮށްގެން މީގެ އިތުރަށް ފުރިހަމަކުރި މޮޑެލްގެ ދެ ޖެނެރޭޓަރު ދެކުނު އެފްރިކާގެ ޑާބަންގައި ބެހެއްޓުމަށެވެ.