ޕީއެސްޖީ އަށް އެއް ވަނައިގައި 10 ޕޮއިންޓުގެ ލީޑެއް
ޕީއެސްޖީ އަށް އެއް ވަނައިގައި 10 ޕޮއިންޓުގެ ލީޑެއް

ޕެރިސް (ނޮވެމްބަރު 30) - އަމިއްލަ ދަނޑުގައި ރޭ ޓްރޮޔެސް އަތުން 2-0 އިން މޮޅުވެ ފްރެންޗް ލީގުގެ އެއް ވަަނައިގައި ޕީއެސްޖީން 10 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ޕީއެސްޖީ އެއް ވަނައިގައި އޮތީ 15 މެޗުން 41 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ރޭ މެޓްޒް އަތުން 3-0 އިން މޮޅުވި މާސޭ އެވެ. އެ ޓީމަށް 15 މެޗުން ލިބިފައިވަނީ 31 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ލިޔޯނާއި ހަތަރެއްގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މޮނާކޯ އަށް ލިބިފައިވަނީ 15 މެޗުން 29 ޕޮއިންޓެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީ އަށް ލީޑުނަގައިދޭން އެޑިސަން ކަވާނީ ފޮނުވާލި ޕެނަލްޓީ ޓްރޮޔެސްގެ ކީޕަރު މަމަޑޫ ސަމައްސާ ވަނީ މަތަކޮށްފަ އެވެ. ޕީއެސްޖީ މޮޅުވީ ދެ ވަނަ ހާފްގެ ފަހު 20 މިނިޓް ތެރޭ ކަވާނީ އާއި ނޭމާ ކާމިޔާބުކުރި ލަނޑުތަކުންނެވެ.

މެޗަށް ފަހު ޕީއެސްޖީ އަށް ކުޅޭ އިޓަލީގެ މިޑްފީލްޑަރު މާކޯ ވެރާޓީ ބުނީ މި މެޗަކީ ކަވާނީ އާއި ނޭމާގެ ދަށް ދުވަހެއް ނަމަވެސް މެޗުން މޮޅުވުމަށް އެ ދެ ކުޅުންތެރިން އެހީތެރިވުމުން ޓީމުގެ ފެންވަރު އެގިގެންދާ ކަމަށެވެ.

"ކަވާނީ އާއި ނޭމާ އަށް ލިބުނު ގިނަ ފުރުސަތުތައް ނިންމައި ނުލެވި ދިޔައީ. ހަގީގަތުގައި މި މެޗަކީ އެ މީހުންނަށް ރަނގަޅަށް ދިޔަ މެޗެއް ނޫން. އެކަމަކު ފެނުނީ އެ ހާލަތުގައި ވެސް އެ ދެ ކުޅުންތެރިން ޓީމު މޮޅުކޮށްދޭން ކުރި މަސައްކަތް،" ވެރާޓީ ބުންޏެވެ.

މެޓްޒް އަތުން ރޭ މާސޭ މޮޅުވިއިރު އެ ޓީމުގެ ގޯލުތައް ޖަހައިދިނީ ކުރިން ނިއުކާސަލް އަށް ކުޅުނު ފްލޯރިއަން ތޯވާން އާއި ލުއިޒް ގުސްޓާވޯ އަދި ލޫކަސް އޮކަމްޕޯސް އެވެ. މި މެޗުން މޮޅުވުމުން ރޫޑީ ގާސިއާގެ ކޯޗުކަމުގައި މާސޭ ވަނީ ބަލިނުވެ 10 މެޗު ހަމަކޮށްފަ އެވެ.

ރޭ މޮނާކޯ ބަލިވީ ރަށުންބޭރުގައި ނަންޓެސް އަތުންނެވެ.