ޑެންގީ ޖެހިގެން އިސްދޫ ކުޑަކުއްޖަކު މަރުވެއްޖެ، ރަށުގެ ހާލަތު ސީރިއަސް
ޑެންގީ ޖެހިގެން އިސްދޫ ކުޑަކުއްޖަކު މަރުވެއްޖެ، ރަށުގެ ހާލަތު ސީރިއަސް

ޑެންގީ ހުން ޖެހިގެން ލ. އިސްދޫ ކުޑަ ކުއްޖަކު މިއަދު މަރުވެއްޖެ އެވެ.

އެ ރަށު ޗަމްޕާގޭ މުހައްމަދު ޒައިން ހަމީދު މަރުވީ އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދު 11 ޖަހާކަން ހާއިރު އެވެ. ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެނިކޮށް ހާލު ސީރިއަސްވުމުން އޭނާ މާލެ ގެނައީ މިދިޔަ އަންގާރަ ދުވަހު އެވެ.

އިސްދޫ ކައުންސިލުން ބުނި ގޮތުގައި 12 އަހަރުގެ އެ ކުއްޖާއަކީ ލޭއަޅާ ކުއްޖެކެވެ.

ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ އެ ރަށުގައި ޑެންގީ ޖެހިގެން ހަތަރު ކުޑަ ކުއްޖަކު ސިއްހީ މަރުކަޒުގައި އެޑްމިޓް ކޮށްފައިވާ އިރު އަށް ކުއްޖަކަށް ގަމު ރީޖަނަލް ހޮސްޕިޓަލުގައި ވެސް މިހާރު ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި ރަށުގެ އާއްމު ހާލަތު ވަރަށް ދަށްކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެން ވެސް މިތިބީ ވަރަށް ކަންބޮޑުވެފައި،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ރަށުގައި ހުންނަ އެސްޓީއޯ ބޭސް ފިހާރައިގައި އެކަށީގެންވާ ވަރަށް ބޭހެއް ވސް ނެތެވެ. އަދި ރަށުގެ ސިއްހީ މަރުކަޒުގައި ޑެންގީ އަށް ޓެސްޓު ކުރާ އާލާތްތައް ނެތް އިރު ގަމު ރީޖަނަލް ހޮސްޕިޓަލުން އެކަމަށް ސަމާލުކަން ނުދޭ ކަމަށް ވިދާޅުވި އެވެ.

"ގަމު ހޮސްޕިޓަލުން ބުނަނީ ޑެންގީ ކިޓް ފޮނުވާފައިވާ ކަމަށް. އެކަމަކު އަޅުގަނޑުމެންނަކަށް އެއެއް ނުލިބޭ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މޫސުމް ގޯސްވުމުގެ ސަބަބުން ރަށުތެރެ އަށް ފޮގު ނުކުރެވޭ ކަމަށާއި އެކަމަކު މަދިިރި އުފެދޭ ގޮތްގޮތަށް ހުންނަ ތަންތަން ނައްތާލުމަށް ރައްޔިތުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.