29 ނޮވެމްބަރ 2017 - 19:04

ލ. ގަމުގައި ގްރޫޕަކުން ގޮސް ދިން ހަމަލާދީ މަރާލި އަހުމަދު ނިޒާރުގެ މަރުގެ މައްސަލާގައި ކުއްޖަކު 16 އަހަރަށް ޖަލަށްލާން ޖުވެނައިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.
ޖުލައި، 2013 ގައި ގަމު ތުނޑީއަވަށު ވުޑްލޭންޑް، ނިޒާރު ސައިކަލެއްގައި ދަނިކޮށް ގްރޫޕަކުން ގޮސް ލަކުޑި އާއި ދަގަނޑުބުރިން އޭނާ އަށް ހަމަލާދީ މަރާލި މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުވާތީ، 16 އަހަރާއި އަށް މަސް ދުވަހުގެ ޖަލު ހުކުމެއް ޖުވެނައިލް ކޯޓުން އިއްވީ، އެ ހާދިސާ ހިނގިއިރު އުމުރުން 17 އަހަރުގެ ކުއްޖަކަށެވެ. އެކަމަކު 2015 ގައި އޭނާގެ މައްޗަށް ހުކުމް ކުރިއިރު އޭނާ އަށް ވަނީ 18 އަހަރު ފުރިފަ އެވެ.
އެ ހުކުމް އެ މީހާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައި ވަނީ ނިޒާރަށް ހަމަލާދިން މީހުންނާ އެކު އޭނާ ވެސް ހުރިކަން ދެ ހެކިންގެ ބަހުން އެނގެން އޮންނަ ކަމަށެވެ. އަދި ނިޒާރަށް އެ ހަމަލާދިން ރޭގެ ކުރީ ދުވަހުގެ ރޭ އެ މައްސަލާގެ ތުހުމަތު ކުރެވޭ އެހެން މީހުން މީހަކު ހޯދަން ގެއަކަށް ގޮސް އަޑުގަދަކޮށް، އެ މީހަކު ނެރޭށޭ ބުނެ ހަޅޭއްލެވިއިރު އެކަމުގައި އޭނާ ވެސް ބައިވެރިވިކަން ހެކިންގެ ބަހުން އެނގޭ ކަމަށް ހުކުމުގައިވެ އެވެ.
އެހެންވެ، ޖުވެނައިލް ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުުން ކުރި ހުކުމުގައިވެ އެވެ.
އޭރު އަމަލުކުރި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު އޮންނަ ގޮތުން ޓެރަރިޒަމްގެ އަމަލެއްގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ އެ ކުށްކުރި މީހަކަށް މަރުގެ އަދަބު ނުވަތަ އުމުރަށް ޖަލަށްލުމުގެ އަދަބު ނުވަތަ އުމުރަށް އަރުވާލުމުގެ އަދަބު ދެވޭނެ އެވެ.
މި މައްސަލާގައި އޭނާގެ މައްޗަށް 16 އަހަރާއި އަށް މަހު ޖަލު ހުކުމެއް އައީ ކުޑަކުދިންގެ ގޮތުގައި ތިބެ ކުރާ ކުށްތަކަށް ދޭން ޖެހެނީ އެ ކުށަކަށް ގާނޫނުގައި އޮންނަ އެންމެ ލުއި އަދަބެއްގެ ތިން ބައި ކުޅަ ދެ ބައި ކަމަށްވާތީ އެވެ.
ނިޒާރުގެ މަރާ ގުޅިގެން އިތުރު ބަޔަކަށް ވެސް ދައުލަތުން ވަނީ ކްރިމިނަލް ކޯޓުގައި ދައުވާކޮށްފަ އެވެ. އެ މައްސަލައިގެ ޝަރީއަތް އެ ކޯޓުގައި ދަނީ ކުރިއަށެވެ.