އެމްއެންޔޫގެ ޝަރީއާ ފެކަލްޓީ އާއި އިސްލާމިކް ސްޓަޑީޒް ފެކަލްޓީ އެއްކޮށްލައިގެން ކިިޔަވައިދޭން ނިންމައިިފި
އެމްއެންޔޫގެ ޝަރީއާ ފެކަލްޓީ އާއި އިސްލާމިކް ސްޓަޑީޒް ފެކަލްޓީ އެއްކޮށްލައިގެން ކިިޔަވައިދޭން ނިންމައިިފި

މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އާއި ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް އެއްކޮށްލަން އެ ޔުނިވަސިޓީން ނިންމައިފި އެވެ.

އެމްއެންޔޫގެ ޑެޕިއުުޓީ ވައިސް ޗާންސެލަރު އާއިޝަތު ޝާހީން މިއަދު ވިދާޅުވީ އެ ދެ ފެކަލްޓީ އެއްކޮށްލައިގެން ކިޔަވައިދޭން ޔުނިވަސިޓީގެ ކައުންސިލުން ފާސްކޮށްފައިވާ ކަމަށެވެ. އެހެންވެ ގައުމީ ޔުނިވަސިޓީގައި އަންނަ އަހަރުން ފެށިގެން ކިޔަވައިދޭނީ، ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އާއި ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް އެއްކޮށްލައިގެން އަލަށް ގާއިމްކުރާ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ޝާހީން ވިދާޅުވި ގޮތުގައި އެ ދެ ފެކަލްޓީން ހިންގާ ކޯސްތަކުގައި ވަަރަށް އެއްގޮތް މާއްދާތައް ހުރެ އެވެ. އެހެންވެ އިސްލާމިކް ފެކަލްޓީއާ އެއްކޮށްލުމުން ޝަރީއާގެ މާއްދާތައް "ވަރުގަދަ ވެގެންދާނެ" ކަމަށް ވިދާޅުވި އެވެ.

"އެ މަގުސަދުތަކާ ވެސް އެއްކޮށް އެ ދެ ފެކަލްޓީ އެއްކޮށްލަން ނިންމީ،" ޝާހީން ވިދާޅުވި އެވެ.

ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އާއި ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް އެއްކޮށްލި ކަމުގައި ވިޔަސް ކޯސްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި އެ ދެ ފެކަލްޓީން ހިންގި ކޯސްތައް މިހާރެކޭ އެއްގޮތަށް ކުރިއަށް ގެންދާނެ ކަމަށް ވެސް ޝާހީން ވިދާޅުވި އެވެ.

ޝަރީއާ ފެކަލްޓީ މިހާރު ހިންގަމުން އަންނަނީ ކުރިން މަންދު ކޮލެޖު ހިންގި އިމާރާތުގަ އެވެ. އިސްލާމިކް ފެކަލްޓީ ހިންގަނީ ބިލަބޮންގް ސްކޫލު ކުރިމަތީގައި ހުންނަ އިމާރާތުގަ އެވެ.

އެމްއެންޔޫން ބުނިގޮތުގައި ދެ ފެކަލްޓީ އެއްކޮށްލި ނަމަވެސް އެ ދެ ތަނުގައި މަސައްކަތް ކުރި މުވައްޒަފުންނަށް އަދި ލެކްޗަރާއިންނަށް ވެސް އެއްވެސް ބަދަލެއް ނާންނާނެ އެވެ. އަދި އިމާރާތަކަށް ވެސް ބަދަލެއް ނާންނާނެ ކަމަށް ބުންޏެވެ.

އެމްއެންޔޫގައި އިންސްޓިޓިއުޓް އޮފް ޝަރީއާ އެންޑް ލޯ ގެ ނަމުގައި މަރުކަޒެެއް އުފެއްދީ އޮގަސްޓް 11، 1999 ގަ އެވެ. ނަމަވެސް ފަހުން ވަނީ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ ނަމަށް ބަދަލުކޮށްފަ އެވެ.

އެމްއެންޔޫގައި ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް އުފެއްދީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭޕްރީލް 5، 2010 ގައި ނެރުއްވި ގަރާރަކާ ގުޅިގެންނެވެ.