"ކަލް ހޯ ނަ ހޯ"ގެ ނިމޭ ބައި ދަރިންނަކަށް ނުދައްކަން: ޝާހްރުކް
"ކަލް ހޯ ނަ ހޯ"ގެ ނިމޭ ބައި ދަރިންނަކަށް ނުދައްކަން: ޝާހްރުކް

ޝާހްރުކް ޚާން ކުޅުނު އެންމެ ރީތި ފިލްމުތަކުގެ ތެރޭގައި "ކަލް ހޯ ނަ ހޯ" ހިމެނޭނެ އެވެ. އެ ފިލްމަށް 14 އަހަރު ފުރުން ފާހަގަކޮށްފައި ވާއިރު ފިލްމަކީ ކޮމެޑީ އާއި ރޮމޭންސް އަދި ހިތްހަލާކުވުމާއި ވަކިވެ ދިއުމުން ކުރެވޭ އިހްސާސްތައް ވަރަށް ފުރިހަމައަށް ދައްކުވައިދީފައިވާ ފިލްމެކެވެ. ޚާއްސަކޮށް ފިލްމުގެ ނިމޭ މަންޒަރުގައި އެ ފިލްމުގެ އެންމެ މުހިއްމު ކެރެކްޓާ ކަމަށްވާ އަމަން މަރުވާ މަންޒަރުގެ އަސަރު ގަދަ އެވެ.

ޝާހްރުކް ބުނި ގޮތުގައި އޭނާގެ ތިން ދަރިން ކުރެ އެއްވެސް ކުއްޖަކަށް މިހާތަނަށް ފިލްމުގެ ނިމޭބައެއް އޭނާ ނުދައްކަ އެވެ. ޝާހްރުކްގެ ދަރިން ބަލަން ތައްޔާރުކުރި ކޮޕީގައި ޝާހްރުކްގެ ގާތް އެކުވެރިޔާ އަދި ފިލްމު ޑައިރެކްޓަރު ކަރަން ޖޯހަރް ވަނީ އެބައި އެޑިޓްކޮށްފަ އެވެ. އެހެންވެ އޭނާގެ ދަރިން އަބަދުވެސް ބަލަނީ ފިލްމުގެ އެޑިޓްކޮށްފައި އޮތް ކޮޕީ އެވެ.

ޝާހްރުކް ނޫނަސް ފިލްމު ބެލި ވަަރަށް ގިނަ ބަޔަކު އެ ފިލްމުގެ ނިމޭ މަންޒަރު ބަދަލުވުމަށް އެދެ އެވެ. މީގެ ކުރިން ނޫހަކަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ އެ މަންޒަރު ބާއްވަން ބާރުއެޅީ އޭނާގެ ބައްޕަ ޔާޝް ޖޯހަރް ކަމަށެވެ.

"ކަލް ހޯ ނަ ހޯ" އަކީ ކަރަން ޖޯހަރާއި ނިރަންޖަރް އައްޔަަރު ލިޔެފައިވާ ވާހަކައެއްގެ މައްޗަށް ކުޅެފައިވާ ފިލްމެކެވެ. ނިކިލް އަދުވާނީ ފިލްމު ޑައިރެކްޓްކޮށްފައިވާއިރު ޕްރޮޑިއުސަރުންނަކީ ޔާޝް ޖޯހަރް އާއި ކަރަން ޖޯހަރެވެ.

ޝާހްރުކްގެ ދަރިންނަށް ފިލްމުގެ ނިމޭބައި ނުދެއްކީ އެކުދިންގެ ބައްޕަ މަރުވާ އަސަރުގަދަ މަންޒަރު ފިލްމަކުން ނަމަވެސް ބަލަން އެ ކުދިންނަށް ފަސޭހަ ކަމަކަށް ނުވާތީ އެވެ. އެ މަންޒަރު ވެފައި ވަނީ އެތައް ބަޔަކަށް އަސަރު ކުރުވި މަންޒަރަކަށެވެ.