ޗައިނާ އަށް ވަދެ އުޅުނު ނޯތު ކޮރެއާ ބަޔަކު އަނބުރާ ފޮނުވާލައިފި
ޗައިނާ އަށް ވަދެ އުޅުނު ނޯތު ކޮރެއާ ބަޔަކު އަނބުރާ ފޮނުވާލައިފި

ބެއިޖިން (ނޮވެމްބަރު 29) - ނޯތު ކޮރެއާ އިން ފިލައިގެން ޗައިނާ އަށް ވަދެ އުޅުނު ގްރޫޕެއް އަނބުރާ ފޮނުވާލައިފި އެވެ.

ނޯތު ކޮރެއާ އިން ފިލައިގެން ޗައިނާ އަށް ވަދެ އުޅުނު 10 މީހުންގެ ގްރޫޕް ހައްޔަރު ކުރީ މި މަހު ކުރީކޮޅު އެވެ. އެ މީހުން ޗައިނާ އަށް އެތެރެވެފައި ވަނީ ސިއްރުން ބޯޑަރު ހުރަސްކޮށްފަ އެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ޗައިނާގައި އުޅޭތާ ގިނަ ދުވަސްވެފައިވާ މީހަކާއި އޭނާގެ އަންހެނުންނާއި ހަތަރު އަހަރުގެ ދަރިފުޅު އެވެ. އޭނާ ބުނީ އެ މީހުން އަނބުރާ ނޯތު ކޮރެއާ އަށް ފޮނުވާލައިފި ނަމަ މަރާލާނެ ކަމުގެ ބިރު ބޮޑު ކަމަށެވެ. އެ މީހުން ޗައިނާ އިން ހިމާޔަތް ހޯދަން ކުރި މަސައްކަތް ވެސް ވަނީ ނާކާމިޔާބުވެފަ އެވެ. އޭނާ ވަނީ އަނބުރާ ނޯތު ކޮރެއާ އަށް ފޮނުވާނުލުމަށް އެދި ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ކިބައިން އާދޭސްކޮށްފަ އެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ ނޯތު ކޮރެއާ ބަޔަކު ހައްޔަރުކުރި މައްސަލައިގެ ތަފްސީލް ނުލިބޭ ކަމަށެވެ. އެކަމަކު އެފަދަ މައްސަލަތަކުގައި ޗައިނާ އިން އަމަލު ކުރާނީ އެ ގައުމުގެ ގާނޫނުތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް ކަމަށް ބުނެފައިވެ އެވެ.