30 ނޮވެމްބަރ 2017 - 07:22

އައިފޯނު އުފެއްދުމުގައި އެޕަލް އުފުލަން ޖެހޭ އެންމެ ބޮޑު ތަކުލީފަކީ، ފޯނަށް ބޭނުންވާ ބައިތައް އުފައްދަން މީހުންނަށް ކަމުކިޔަން ޖެހުމެވެ. މިއީ އެޕަލް އެއްގޮތަކަށް ވެސް ކުރަން ބޭނުންވާ ކަމެއް ނޫނެވެ. ނަމަވެސް އެޕަލްގެ ޑިވައިސްތަކަށް ބޭނުންވާ ހާޑްވެއާ އަމިއްލަ އަށް އުފެދެން ނެތުމުން އެހެން ގޮތެއް އަދި ނެތެވެ.
އައިފޯނު ޑިސްޕްލޭތައް އޯލެޑަށް ބަދަލުކުރުމުން އެޕަލް އަށް ޖެހިފައި ވަނީ ސެމްސަންގް ފަހަތުން ދުވާށެވެ. ނޫން ނަމަ ދެން އޮތީ އެލްޖީ އެވެ.
އޯލެޑް ޑިސްޕްލޭތައް އުފެއްދުމަށް، ހަމައެކަނި ސެމްސަންގަށް ބަރޯސާވުމުން ދެރައެއް ލިބިދާނެ ކަމަށް އެޕަލް ބަލަ އެވެ. އެހެންވެ، އެ ނޫން ގޮތެއް ހޯދަން އެޕަލް އަށް ވަނީ މަޖުބޫރުވެފަ އެވެ. ސެމްސަންގް އަދި އެލްޖީ އަކީ ވެސް އޯލެޑް ޑިސްޕްލޭތަކަށް ބޭނުންޖެހިފައިވާ ދެ ކުންފުންޏަށް ވުމުން، ދެމެހެއްޓެނިވި ގޮތުގައި އޯލެޑް އުފެއްދުމަށް ޗައިނާގެ "ބީއޯއީ ޓެކްނޮލޮޖީޒް"އާ އެކު އެޕަލް އިން ވަނީ މަޝްވަރާކުރަން ފަށައިފި އެވެ.
ބީއޯއީ ޓެކްނޮލޮޖީޒް އަކީ ޗައިނާގައި އެންމެ ގިނައިން ސްކްރީން އުފައްދާ ކުންފުންޏެވެ. ނަމަވެސް އެޕަލް އަށް ބޭނުންވާ ވަރަށް އަދި ދެމެހެއްޓެނިވި ގޮތުގައި އޯލެޑް އުފެެއްދޭ ފެންވަރު ބީއޯއީ ޓެކްނޮލޮޖީޒްގައި ހުރެދާނެ ކަމާ މެދު މަސްރަހުގައި ވަނީ ޝައްކު އުފައްދާފަ އެވެ.
ފޯނުގެ ސްކްރީން އޮޅާލެވޭ ގޮތަށް ސްމާޓްފޯނުތައް ޑިޒައިންކުރުމަށް ސެމްސަންގް ވަނީ މަސައްކަތް ފަށައިފަ އެވެ. އެ ޒާތުގެ ފޯނެއް އަންނަ އަހަރު މާކެޓަށް ނެރުމަށް ސެމްސަންގް ވަނީ ވައުދުވެފަ އެވެ. މިއީ ބެލެވޭ ގޮތުގައި ވާދަވެރިން ނަކަލުކުރަން އެދޭނެ ޓެކްނޮލޮޖީއަކަށް ވާނެ އެެވެ. އެ ސަފުގައި އެޕަލް ވެސް ހިމެނޭނެ އެވެ.
އޮޅާލެވޭ ސްކްރީންތައް އައިފޯނަށް އައުމުގެ ކުރިން، ވާދަވެރިންނާ ތަފާތު ގޮތެއް ހަދާލަން އެޕަލް ބޭނުންވާނެ އެވެ. ބުނެވޭ ގޮތުގައި "ބީއޯއީ"އާ އެކު އެޕަލް ކުރާ މަޝްވަރާގެ ބޮޑުބައި، އައިފޯނުގެ ސްކްރީން އޮޅާލެވޭ ގޮތަށް ހެެދުމަށް ޚާއްސަކުރެވޭނެ އެވެ.
އެޕަލްއިން "ބީއޯއީ"އާ އެކު ދައްކާ ވާހަކަތައް ކޮޅެއްގައި ޖެހިއްޖެ ނަމަ، އެޕަލް ބޭނުންވާ ގޮތަށް، ބޭނުންއިރަކު، ބޭނުންވަރަކަށް އޯލެޑް ޑިސްޕްލޭ ޑިޒައިންކުރާނެ އިންޖިނޭރުން ބީއޯއީގައި ތިބޭނެ އެވެ.