ޔުނީފޯމަށް ބަދަލު ގެނައި ޑެޕިއުޓީ ޕްރިންސިޕަލް ވަޒީފާ އިން ވަކިކޮށްފި
ޔުނީފޯމަށް ބަދަލު ގެނައި ޑެޕިއުޓީ ޕްރިންސިޕަލް ވަޒީފާ އިން ވަކިކޮށްފި

އެޑިއުކޭޝަން މިނިސްޓްރީގެ ހުއްދަ ނުހޯދައި، ދަރިވަރުންގެ ޔުނީފޯމަށް ބަދަލު ގެނައި ކަމަށް ބުނެ ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޑެޕިއުޓީ ޕްރިންސިޕަލް ވަޒީފާ އިން ވަކިކޮށްފި އެވެ.

ހދ. ކުޅުދުއްފުށީގައި ހިންގާ އެ ސްކޫލުގައި ހިދުމަތް ދެމުން އަންނަތާ ދިހަ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އަހުމަދު އަބްދުުﷲ ވަޒީފާ އިން ވަކިކުރެއްވި ކަމަށް އަންގައި ސިވިލް ސާވިސް ކޮމިޝަނުން އޭނާ އަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެ ކޮމިޝަނުގެ ގަވާއިދާއި ދިވެހި ސިވިލް ސާވިސްގެ ކޯޑް އޮފް ކޮންޑަކްޓާ އޭނާ ހިލާފުވެފައިވާ ކަމަށެވެ.

ނޫހުގައި ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި އެ ސްކޫލުގެ އިސް އޮފިޝަލަކު ވިދާޅުވީ ޑެޕިއުޓީ ޕްރިންސިޕަލް ވަކި ކުރެއްވީ އެޑިއުކޭޝަނަށް ނާންގައި، ސްކޫލުގެ ޔުނީފޯމުގެ ޑިޒައިނަށް ބަދަލު ގެނައުމުންނާއި އެ މިނިސްޓްރީން އެންގި ގޮތަށް ސްކޫލުގައި އިމާރާތެއް ނުކޮށްގެން ކަމަށެވެ. މި ދެ މައްސަލައިގައި ވެސް މީގެ ކުރިން އޭނާ ވަނީ މިނިސްޓްރީ އަށް ހާޒިރުކޮށް ބަޔާން ނަގައިފަ އެވެ.

ހުއްދަ ނުހޯދައި ތައުލީމީ މަރުކަޒުގެ ޔުނީފޯމަށް ބަދަލު ގެނައި ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ފަހުން ވަނީ އެ ޔުނީފޯމު ގަބޫލުކޮށްފަ އެވެ. މިނިސްޓްރީން އޭރު ބުނީ ޔުނީފޯމަށް ބަދަލު ގެންނަކަން އެތަނަށް އެންގި އިރު ގިނަ ބެލެނިވެރިން ޔުނީފޯމް ފަހާފައިވާ ކަމަށެވެ.

"ޔުނީފޯމަށް ބަދަލު ގެނައީ އެޑިއުކޭޝަނަށް އެކަން އެންގުމަށް ފަހު. އެކަމަށް ހުއްދަ ނުލިބުން ނަމަވެސް މެނޭޖްމެންޓާއި ބެލެނިވެރިންގެ ރުހުން ލިބުނު،" އޮފިޝަލް ވިދާޅުވި އެވެ.

"އަދި ބާ ހޯލުގެ އިމާރާތް މަޑު ޖައްސާލީ އެ އަށް ވުރެ ރަނގަަޅު ގޮތެއް ހޯދުމަށް މިނިސްޓްރީއާ އެކު މަޝްވަރާ ކުރުމުގެ ގޮތުން،" އޮފިޝަލް ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ޑެޕިއުޓީ ޕްރިންސިޕަލްގެ ބަދަލުގައި އެ މަގާމަށް އާ މީހަކު މިހާރު ވަނީ ހަމަޖައްސާފަ އެވެ.