އިންޑިއާގެ 15 އަހަރުގެ ކުއްޖާ ރޭޕްކޮށް މަރާލި މީހުންނަށް މަރުގެ ހުކުމް
އިންޑިއާގެ 15 އަހަރުގެ ކުއްޖާ ރޭޕްކޮށް މަރާލި މީހުންނަށް މަރުގެ ހުކުމް

ނިއު ދިއްލީ (ނޮވެމްބަރު 29) - އިންޑިއާގެ 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް މަރާލި ކަމުގެ ކުށް ސާބިތުވި ތިން މީހުންގެ މައްޗަށް އެ ގައުމުގެ ކޯޓަކުން މަރުގެ ހުކުމް މިއަދު އިއްވައިފި އެވެ.

ކުޑަ ކުއްޖާ ރޭޕްކުރި މީހުންގެ މައްޗަށް ކުށް ސާބިތުވެފައި ވަނީ މި މަހު 18 ވަނަ ދުވަހު އެވެ. އުމުރުން 20 ގެ އަހަރުތަކުގެ މީހުން ކުޑަ ކުއްޖާ ރޭޕްކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.

ރޭޕްކޮށް މަރާލި އަންހެން ކުއްޖާ ނިސްބަތްވަނީ މަރާތާ ކޮމިއުނިޓީއަށެވެ. އެ ހާދިސާ އަށް ފަހު ހުޅަނގުގެ މަހާރާޝްތުރާ ސްޓޭޓުގައި ވަނީ މަރާތާ ދަރިކޮޅުގެ އެތައް މިލިއަން ބަޔަކު ނުކުމެ މުޒާހަރާ ކޮށްފަ އެވެ. މަރާލި އަންހެން ކުއްޖާ އާއި އެ ކުއްޖާ އަށް ހަމަލާ ދިން މީހުން ދިރިއުޅުނީ ކޮޕާޑީ އަވަށުގަ އެވެ. އެހެންވެ މި މައްސަލަ މަޝްހޫރުވެފައި ވަނީ "ކޮޕާޑީ މައްސަލައިގެ" ގޮތުގަ އެވެ.

މި މައްސަލަ ގުޅުވާފައި ވަނީ ދިއްލީގައި 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހު ގޭންގަކުން ރޭޕްކުރި އަންހެން ކުއްޖާގެ މައްސަލައާ އެވެ. އުމުރުން 23 އަހަރުގެ އަންހެން ކުއްޖާ ރޭޕްކުރުމުން ލިބުނު ޒަޚަމްތަކުގައި އެ ކުއްޖާ ފަހުން ވަނީ މަރުވެފަ އެވެ. އެ ހާދިސާ އަށް ފަހު އިންޑިއާގައި ރޭޕްކުރާ މީހުންނާ ދެކޮޅަށް ގާނޫނުތައް ހަރުކަށި ކުރި އެވެ. އެކަމަކު ރޭޕުގެ މައްސަލަތަކަށް ހައްލެއް ނާދެ އެވެ.