29 ނޮވެމްބަރ 2017 - 14:04

ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމުގައި ހުންނެވި އަބްދުލްހަމީދު އަބްދުލްސަމަދު އެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ މިއަދު ގުޅިވަޑައިގެންފި އެވެ.
އެ ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އޭނާ ވަނީ ޖޭޕީ އަށް ސޮއިކުރައްވައިފަ އެވެ.
"މިހާރު"އާ ވާހަކަދައްކަވަމުން ހަމީދު ވިދާޅުވީ އޭނާ މަގާމުން އިސްތިއުފާ ދެއްވީ މިހާރު ކަންތައްތައް ހުރިގޮތުން މަގާމުގައި އިތުރަށް ދެމިހުންނެވެން ނެތިގެން ކަމަށެވެ. އެހެންވެ ތައުލީމީ އަދި ޒުވާނުންނަށް ހަމަހަމަ ފުރުސަތެއް ދެމުން އަންނަ ޖޭޕީއާ ގުޅިވަޑައިގަތީ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖޭޕީއާ ގުޅިވަޑައިގެން ރައްޔިތުންނަށް ރަނގަޅު ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ހެލްތުގެ ސީނިއާ މަގާމަކަށް ހަމީދު އައްޔަންކުރެއްވީ 2014 ގަ އެވެ. އިސްތިއުފާ ދެއްވުމާ ހަމައަށް އޭނާ ހުންނެވީ ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި، ސީނިއާ ޕޮލިސީ އެގްޒެކެޓިވްއެއްގެ ގޮތުގަ އެވެ.
ހަމީދުގެ އިތުރުން އާއްމުންގެ ތެރެއިން ވެސް ގިނަ ބަޔަކު މިއަދު ވަނީ ޖޭޕީއާ ގުޅިފަ އެވެ.