29 ނޮވެމްބަރ 2017 - 14:06

ކުރީގެ ކައުންސިލަރަކު އޭނާގެ ދޮންދަރިއަކާ ބެހުނު ކަމަށް ބުނެ އޭނާ 15 އަހަރަށް ޖަލަށް ލާން ކޮށްފައިވާ ހުކުމެއް ހައި ކޯޓުން ބާތިލްކޮށްފި އެވެ.
ހދ. އަތޮޅުގެ ރަށެއްގެ ކައުންސިލަރު ކަން ކުރި އެ މީހާ 15 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ހުކުމްކުރީ އުމުރުން 15 އަހަރުގެ އޭނާގެ ދޮންދަރިއަކާ ބެހުނު ކަމަށް ބުނެ ދައުލަތުން ކުރި ދައުވާއެއް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު އެވެ. އެ މީހާގެ މައުލޫމާތު ހަބަރުގައި އާންމުކޮށްފައި ނުވަނީ އަނިޔާ ލިބުނު ކުއްޖާގެ މައުލޫމާތު ހާމަ ވެދާނެތީ އެ ކުއްޖާގެ މަސްލަހަތު ރައްކާތެރި ކުރުމަށްޓަކަ އެވެ.
އެ މައްސަލަ އެ މީހާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ މީހާ އެ ކުއްޖާއާ މެދު ޖިންސީ އަމަލެއް ހިންގިކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ވަރުގެ ހެއްކެއް ނެތް ކަމަށެވެ. އެހެންވެ، ދަށު ކޯޓުގެ ހުކުމް ބާތިލްކުރާ ކަމަށް އެ ހުކުމުގައިވެ އެވެ.
ހައި ކޯޓުގެ ހުކުމުގައިވާ ގޮތުން އެ މީހާއާ ދެކޮޅަށް ހެކީގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވަނީ އެ ކުއްޖާ ތަހުގީގަށް ކިޔައިދިން ދިނުމާއި އެ ކުއްޖާގެ އާއިލާ މީހެއްގެ ގާތު އެ ވާހަކަ ކިޔައިދިން ދިނުމަކާއި ސައިކޮލޮޖިސްޓަކަށް ކިޔައިދީފައިވާ ކިޔައި ދިނުމެއްގެ އިތުރުން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އަށް އެ ކުއްޖާ ކިޔައިދިން ކިޔައިދިނުމަށް ބިނާކޮށް އެ އޮތޯރިޓީން ހެދި ރިޕޯޓެއް ކަމަށެވެ.
އެކަމަކު އެ ހެކިތަކަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ސާބިތުކުރަން ބޭނުންވާ ފަސް ހެކި ހަމަ ކުރުމުގައި، ވަކިވަކި ހެކިތަކެއްގެ ގޮތުގައި ނުބެލެވޭނެ ހެކިތަކެއް ކަމަށް ހައި ކޯޓުން ކުރިން ކަނޑައަޅާފައިވާ ކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
އެ ކުއްޖާ އަށް އަނިޔާތަކެއް ލިބިފައި ހުރި ކަމަށް އެ ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓުން އެނގެން އޮތް ނަމަވެސް އެއީ އެ ކުއްޖާއާ މެދު ހިންގި ޖިންސީ އަމަލުތަކެއްގެ ސަބަބުން ލިބިފައިވާ އަނިޔާތަކެއް ކަން އެ ރިޕޯޓުން އެނގެން ނެތް ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ދައުވާ ލިބޭ މީހާ އެ ކުއްޖާއާ ބެހުނު ކަމަށް ބުނެ އެ ކުއްޖާގެ އާއިލާ މީހަކަށް އެ ކުއްޖާ ކިޔައި ދީފައިވާ ކިޔައިދިނުމަކީ ތެދެއް ކަން ނުވަތަ ދޮގެއް ކަން ވެސް ބުނަން ނޭނގޭ ކަމަށް އެ ކުއްޖާގެ އާއިލާ މީހާ ހެކިބަސް ދީފައިވާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ. އެ ކުއްޖާއަކީ ކުރިން ވަރަށް ދޮގު ހަދާފައި ހުރި ކުއްޖެއް ކަމަށް އެ ކުއްޖާގެ އާއިލާ މީހާގެ ހެކިބަހުގައި ބުނެފައިި އޮތް ކަން ވެސް ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށްތައް ސާބިތުވަނީ ގާނޫނުގެ ދަށުން ފަސް ހެއްކެއް ލިބުމުން ކަމަށްވީ ނަމަވެސް އެ އަދަދަށް ހެކި ނެތަސް، އެ ދައުވާއެއް ސާބިތުވާ މިންވަރުގެ ހެކި ހުރެއްޖެ ނަމަ އެ ކުށެއް ސާބިތު ކުރެވިދާނެ ކަމަށް އެ ހުކުމުގައިވެ އެވެ. އެހެން ނަމަވެސް އެ މީހާއާ ދެކޮޅަށް ހުށަހަޅާފައި ހުރި ހެކިތަކަށް ބަލާއިރު އެ ކުށް ސާބިތުވާ މިންވަރުގެ ހެކި ނެތް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި އެ ހުކުމުގައިވެ އެވެ.
މިދިޔަ ހަފުތާގައި ހައި ކޯޓުން ވަނީ އެއްމާބަނޑު ދެ ކުދިންނާ ބެހުނު ބައްޕައަކު 20 އަހަރަށް ޖަލަށްލާން ކުރި ހުކުމެއް ދަމަހައްޓައިފި އެވެ.