29 ނޮވެމްބަރ 2017 - 12:50

ރައްޔިތުންނާ ގުޅުން ހުރި ވަރަށް މުހިންމު ކަމެއް ނިންމުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ދެ ޖަލްސާއެއް މިއަދާއި މިރޭ ބާއްވަން ނިންމައިފި އެވެ.
ޕީޕީއެމް ޕީޖީ ގުރޫޕްގެ ލީޑަރު، ވިލިމާލެ ދާއިރާގެ އަހްމަދު ނިހާން ވިދާޅުވި ގޮތުގައި އެ ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ މެންދުރު ފަހު 2:30ގަ އެވެ. އަދި މިރޭ ވެސް ޖަލްސާއެއް ބާއްވާނެ އެވެ. ނިހާން ވިދާޅުވި ގޮތުގައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ ބިލެއްގެ މަސައްކަތެއް ނޫނެވެ. އެކަމަކު، އެޖެންޑާގައި އޮތީ ކޮން ކަމެއް ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.
އެނގިފައިވާ ގޮތުގައި މަޖިލީހުގެ ޖަލްސާއެއް އޮންނަކަން އެންގެވީ ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ވައިބާ ގްރޫޕްގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާނެވެ. ނިހާނުގެ މެސެޖްގައި ވެސް އެޖެންޑާ ކުރާ ކަމެއް ބުނެފައެއް ނުވެ އެވެ.
މަޖިލީހުގެ ޖަލްސާއެއް މިއަދު މެންދުރު ފަހު ބާއްވަން ނިންމި އިރު، ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް ގަދަކަމުން ވަން ކަމަށް ބުނާ މައްސަލައިގައި، މަޖިލީހުގައި ހިމެނޭ އިދިކޮޅު ޕާޓީތަކުގެ 12 މެމްބަރެއްގެ މައްޗަށް ކުރާ ދައުވާގެ ދެ ވަނަ އަޑުއެހުމަށް މިއަދު 3:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް އެ 12 މެމްބަރުންނަށް ވަނީ ކޯޓުން އަންގައިފަ އެވެ.
މިއަދު ޖަލްސާއެއް ބާއްވާ ކަން ޕީޕީއެމްގެ މެންބަރުންނަށް އެންގި އިރު، އިދިކޮޅު ޕާޓީތަކުގެ މެމްބަރުން ވިދާޅުވީ މިއަދު ޖަލްސާއެއް ބާއްވާ ކަން މިހާތަނަށް އެނގިފައި ނުވާ ކަމަށެވެ.
ޖަލްސާ ބާއްވާއިރު، މަޖިލީހުގެ އިދާރާ އިން އަދި މެމްބަރުންނަށް މެސެޖް ފޮނުވާފައި ނުވާ ކަމަށްވެ އެވެ. އަދި މަޖިލީހުގެ ރަސްމީ ވެބްސައިޓުގައި ވެސް އެޖެންޑާ ފެންނާކަށް ނެތެވެ.
އާންމު ގޮތެއްގައި ޖަލްސާއެއް ބާއްވާ ނަމަ، އެ ދުވަހެއްގެ ޖަލްސާ ފެށުމުގެ 24 ގަޑިއިރެއްހާ އިރު، ކުރިން އެޖެންޑާ ވެބްސައިޓުގައި އާންމު ކުރެ އެވެ.
މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ފެށި ފަހުން މިހާތަނަށް ބޭއްވީ އެންމެ ނުވަ ޖަލްސާ އެވެ. އަދި މި މަސް ނިމުމާއެކު މަޖިލީހުގެ ޗުއްޓީ ފެށޭނެ އެވެ.