ގެއްލުނު ސަބްމެރިންގެ ބެޓްރީ ފޭލްވީ ފެން އެޅިގެން
ގެއްލުނު ސަބްމެރިންގެ ބެޓްރީ ފޭލްވީ ފެން އެޅިގެން

ބިއުނަސް އޭރީޒް (ނޮވެމްބަރު 29) - އެޓްލާންޓިކް ކަނޑަށް ގެއްލުނު އާޖެންޓީނާގެ ސަބްމެރިންގެ ސްނޯކެލްގެ ތެރޭން ފެން އެޅިފައިވާ ކަމަށް ސަބްމެރިންގެ ކެޕްޓަން ރިޕޯޓްކުރި ކަމަށް އާޖެންޓީނާގެ ކަނޑުގެ ސިފައިން ބުނެފި އެވެ.

ގެއްލުނު ސަބްމެރިންގެ ބެޓްރީ ފޭލްވީ ފެން އެޅިގެން
ގެއްލުނު ސަބްމެރިންގެ ބެޓްރީ ފޭލްވީ ފެން އެޅިގެން

ކަނޑުގެ ސިފައިންގެ ތަރުޖަމާނަކު ބުނީ ސަބްމެރިންގެ ބެޓްރީ އަށް ޝޯޓް ސާކިޓް މައްސަލައެއް ދިމާވީ ފެން އެޅިގެން ކަމަށެވެ. އަދި ފެން އެޅުނު ބެޓްރީ ވަކި ކުރުމަށް ފަހު ސަބްމެރިންގެ ދަތުރު ކުރިއަށް ގެންދިޔަ ކަމަށް ތަރުޖަމާން ބުންޏެވެ.

ނޮވެމްބަރު 15 ވަނަ ދުވަހު ގެއްލުނު ސަބްމެރިން ހޯދުމަށް ކުރަމުންދާ މަސައްކަތުން މިހާތަނަށް އެއްވެސް އަލިމަގެއް ފެނިފައެއް ނުވެ އެވެ.

ކަނޑުގެ ސިފައިންގެ ތަރުޖަމާން އެންރީކް ބަލްބީ ވިދާޅުވީ ފެން އެޅިފައި ވަނީ ސަބްމެރިން އަށް ވައި ވައްދަން ބޭނުން ކުރާ ސްނޯކެލް ހޮޅިން ކަމަށެވެ. އަދި އެ ހޮޅިން އެޅުނު ލޮނު ބެޓްރީ ޓްރޭއާ ހަމައަށް ފޯރި ކަމަށް އޭނާ ވިދާޅުވި އެވެ. އެ ވަގުތު ބެޓްރީ ޝޯޓްވެ ދުން އެރި ކަމަށް ސަބްމެރިންގެ ކެޕްޓަން ރިޕޯޓްކުރި ކަމަށް ވެސް ބަލްބީ ވިދާޅުވި އެވެ.

"ސަބްމެރިންގެ ކްރޫން ވަނީ މައްސަލަ ޖެހުނު ބެޓްރީ އެއް ފަރާތް ކުރުމަށް ފަހު އެހެން ބެޓްރީއެއްގެ އެހީގައި ދަތުރު ކުރިއަށް ގެންގޮސްފައި،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބަލްބީ ވިދާޅުވި އެވެ.

ސަބްމެރިންގެ ކެޕްޓަންގެ މެސެޖާ ހަވާލާދީ އާޖެންޓީނާގެ ޓީވީ ޗެނަލް އޭ24 އިން ބުނެފައި ވަނީ ސަބްމެރިންގެ ވެންޓިލޭޝަން ސިސްޓަމުގެ ތެރޭން ތިން ވަނަ ބެޓްރީ ޓޭންކަށް ލޮނު އެޅިފައިވާ ކަމަށެވެ.

ސަބްމެރިން ހޯދުމުގެ މަސައްކަތުގައި ދުނިޔޭގެ އެކި ގައުމުތަކުން 4،000 މީހުން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ސަބްމެރިންއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ލިބިފައެއް ނުވެ އެވެ. ސަބްމެރިން ގެއްލުނުތާ އަށް ދުވަސް ފަހުން ވަނީ ސަބްމެރިން ގެއްލުނު ތަނުން އެއްޗެއް ގޮވި ކަމަށް ރިޕޯޓްކޮށްފަ އެވެ.

ސަބްމެރިން ގެއްލުނު ހާދިސާގެ ފުރިހަމަ ތަހުގީގެއް ކުރުމަށް އާޖެންޓީނާގެ ރައީސް މައުރިސިއޯ މަކްރީ މިހާރު ވަނީ އަންގަވައިފަ އެވެ.