30 ނޮވެމްބަރ 2017 - 07:26

މޯހިތު ސޫރީ ޑައިރެކްޓްކުރި "އާޝިގީ 2" އަކީ ވަރަށް ގިނަ މީހުންނަށް ކަމުދިޔަ އަދި ވަރަށް ބޮޑެތި ކާމިޔާބީތައް ހޯދި ފިލްމެކެވެ. އެ ފިލްމުގައި ލީޑް ރޯލު ކުޅުނު އަދިތުޔާ ރޯއި ކަޕޫރާއި ޝްރައްދާ ކަޕޫރުގެ ކެމިސްޓްރީ ވެސް ވަރަށް ގިނަ މީހުންނަށް ކަމުދިޔަ އެވެ. އަނެއްކާވެސް މި ދެ ތަރިންނާ އެކު އާ ފިލްމެއް އުފައްދަން މޯހިތު އަންނަނީ ވިސްނަމުންނެވެ.
ފިލްމުގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް މޯހިތު މިހާރު ކުރަމުން އަންނައިރު އޭނާގެ ސިކުނޑީގައި އޮތީ ލީޑް ރޯލަށް އެންމެ ކަމުދާނީ އަދިތުޔާ ކަމަށެވެ. އަދި "އާޝިގީ 2"ގެ ޖޯޑު މި ފިލްމުގައި ބައިވެރިކުރެވިއްޖެ ނަމަ ވަރަށް މަޖާވާނެ ކަމަށް މޯހިތު ގަބޫލުކުރެ އެވެ.
"އަހަރެން އަދި މިއުޅެނީ ސްކްރިޕްޓް ލިޔުމުގެ މަސައްކަތުގައި. އަހަރެން މިހުރީ އަދިތުޔާއާ އެކު މަސައްކަތްކުރާ ހިތުން. އަހަރެން ޖެހޭނީ ސްކްރިޕްޓް ދީގެން އޭނާ މި ފިލްމަށް އެއްބަސް ކުރުވަން. އަހަރެން ލިޔެ ނިންމާލާފަ އޭނާ ކައިރިއަށް ދާނީ،" މޯހިތު ބުންޏެވެ.
ޝްރައްދާ އާއި އަދިތުޔާގެ ކެމިސްޓްރީ ރަނގަޅުކަމަށް ގިނަ ބަޔަކު ބުނި ނަމަވެސް އެ ދެ ތަރިން އެންމެން ފަހުން ކުޅުނު ފިލްމު "އޯކޭ ޖާނޫ" ވަނީ ނާކާމިޔާބުވެފަ އެވެ. ނަަމަވެސް އެ ފިލްމުގެ ޑައިރެކްޓަރަކީ މޯހިތެއް ނޫނެވެ.
"އާޝިގީ 2"ގެ ފަހުން ޝްރައްދާ ވަނީ މޯހިތުގެ ދެ ފިލްމެއް ކުޅެފަ އެވެ. އެއީ "އޭކް ވިލަން" އާއި "ހާފް ގާލްފްރެންޑް" އެވެ. ދެ ފިލްމަށް ވެސް ފުދޭ ވަރެއްގެ ކާމިޔާބީއެއް ލިބިފައިވެ އެވެ.
މޯހިތުގެ ފިލްމުތަކުގެ އެންމެ ޚާއްސަ އެއް ސިފައަކީ ލަވަތައް ރީތިވުމެވެ.