29 ނޮވެމްބަރ 2017 - 12:26

ހަރާރޭ (ނޮވެމްބަރު 29) - ޒިމްބާބުވޭ ސަރުކާރުން ވަގަށް ނަގައިގެން ބޭރު ގައުމުތަކުގައި ފޮރުވާފައިވާ ފައިސާ އަނބުރާ ހަވާލު ކުރަން ވަކިވަކި ފަރުދުންނާއި ކުންފުނިތަކަށް ތިން މަސް ދުވަހުގެ މުހުލަތު އެ ގައުމުގެ އާ ރައީސް އެމާސަން ނަންގަގްވާ ދެއްވައިފި އެވެ.
ރައީސް ނެރުއްވި ބަޔާނުގައި ބުނެފައި ވަނީ ތިން މަސް ދުވަހުގެ މުހުލަތު އަންނަ ފެބްރުއަރީ މަހުގެ ނިޔަލަށް ހަމަވާއިރު ފައިސާ ހަވާލު ނުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ. ރައީސްކަމާ މިދިޔަ ހުކުރު ދުވަހު ހަވާލުވެވަޑައިގަތުމަށް ފަހު ނަންގަގްވާ ވަނީ ގައުމުން ކޮރަޕްޝަން ނައްތާލަން މަސައްކަތް ކުރާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.
"ޒިމްބާބުވޭ ސަރުކާރުގެ އެތައް މިލިއަން ފައިސާއަކާއި މުދަލެއް ބޭރު ގައުމުތަކުގައި ވަނީ ގަވާއިދާ ޚިލާފަށް ފޮރުވާފައި،" ރައީސް ނެރުއްވި ބަޔާނުގައި ބުނެފައިވެ އެވެ. "ގާނޫނުގެ ދިގު އަތް ފޯރުމުގެ ކުރިން އެ މީހުންގެ މުދާ ސަަރުކާރަށް ހަވާލު ކުރަން ގޮވާލަން. އެ މުއްދަތުގައި ފައިސާ އާއި މުދާ ސަރުކާރަށް ހަވާލު ކުރާ މީހުން އަދަބުން ސަލާމަތްވާނެ."
ޒިމްބާބުވޭގެ ރަސްމީ ފައިސާގެ ގޮތުގައި 2009 ވަނަ އަހަރުން ފެށިގެން ބޭނުން ކުރަމުން ދިޔައީ އެމެރިކާ ޑޮލަރެވެ. ރިޒާވް ބޭންކުން ބުނެފައި ވަނީ އެ ބަދަލާ އެކު ގިނަ އަދަދެއްގެ ފައިސާ ބޭރު ގައުމުތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާ ކަމަށެވެ. މި ގޮތުން ބޭންކުން ލަފާކުރަނީ ދެ ބިލިއަން ޑޮލަރު ބޭރުގެ ބޭންކުތަކަށް ގަވާއިދާޚިލާފަށް ޖަމާކޮށްފައިވާ ކަމަށެވެ.